މޯލްޑިވިއަނުން ފަތުރުވެރިންނަށް ވިއްކާ ޓިކެޓުގެ އަގުބޮޑުކޮށްފި
މޯލްޑިވިއަން އިން ފަތުރުވެރިންނަށް ވިއްކާ ޓިކެޓުގެ އަގު ބޮޑުކޮށްފިއެވެ. މި ބަދަލާއެކު މާލެއިން އައްޑޫ ސިޓީ އަދި ފުވައްމުލައް ސިޓީއަށް ކުރާ ދަތުރުތަކުގެ ޓިކެޓުގެ އަގުން 33 ޑޮލަރު ވަނީ އިތުރުކޮށްފައެވެ.
އައިލެންޑް އޭވިއޭޝަނުން ހާމަކުރި ގޮތުގައި މި ބަދަލު ގެންނަން ޖެހުނީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ވިއްކާ ޖެޓްފިއުލްގެ އަގު ކުރު މުއްދަތެއްގެ ތެރޭގައި 67 އިންސައްތަ ބޮޑުވުމާ ގުޅިގެންނެވެ. ތެލުގެ އަގު މިހާ ބޮޑަށް އުފުލެން މެދުވެރިވީ ހަނގުރާމައިގެ ސަބަބުން ހޮރްމުޒް ކަނޑުއޮޅި ބަންދުވުމާ ގުޅިގެން ކަމަށް އެ ކުންފުނިން ފާހަގަކުރެއެވެ.
ދުނިޔޭގެ ވައިގެ ދަތުރުފަތުރުގެ ސިނާއަތަށް މިކަމުގެ ނޭދެވޭ އަސަރު ވަރަށް ބޮޑަށް ކުރަމުންދާއިރު، އެއާލައިންތަކުގެ ހިންގުމުގެ ހަރަދުގެ ބޮޑު ބައެއް ހިއްސާކުރާ ތެލުގެ އަގު ބޮޑުވުމުން ގިނަ އެއާލައިންތަކަކަށް ވަނީ ދަތުރުތައް މަދުކޮށް ޓިކެޓުގެ އަގު ބޮޑުކުރަން މަޖުބޫރުވެފައެވެ. ބައިނަލްއަގުވާމީ ބާޒާރުގައި ވެސް ޓިކެޓުގެ އަގުތައް މިހާރު ވަނީ 24 އިންސައްތައަށް ވުރެ މަތިވެފައެވެ.
ރާއްޖެއަށް ކުރާ ބައިނަލްއަގުވާމީ ދަތުރުތަކުގެ އަގުތަކަށް ބަލާއިރު، ލަންޑަން، ފްރެންކްފަޓް އަދި ދިވެހިން އާންމުކޮށް ގޮސްއުޅޭ މެލޭޝިއާ އާއި އިންޑިއާ ފަދަ ގައުމުތަކުގެ ޓިކެޓް އަގުތައް ވެސް ވަނީ ބޮޑުތަނުން އުފުލިފައެވެ. މިއީ މުޅި ދުނިޔޭގެ އޭވިއޭޝަން ދާއިރާއަށް ކުރިމަތިވެފައިވާ ގޮންޖެހުމެއްގެ ގޮތުގައި މާހިރުން ސިފަކުރެއެވެ.
އިގްތިސާދީ މާހިރުން ލަފާކުރާ ގޮތުގައި ހަނގުރާމަ ހުއްޓުނު ކަމުގައިވިޔަސް، ދުނިޔޭގެ އިގްތިސާދު އަލުން ހަމައަކަށް އެޅުމަށް މަދުވެގެން ހަ މަސް ދުވަހުގެ މުއްދަތެއް ނަގާނެއެވެ. އެހެންކަމުން ކުރިއަށް އޮތް ދުވަސްތަކުގައި ވެސް ދަތުރުފަތުރުގެ އަގުތައް މަތީގައި ހުރުމަކީ އެކަށީގެންވާ ކަމެކެވެ.






ރިއެކްޓް