ޚަބަރު

ކަރަންޓު ކެނޑުނުތާ ހަތަރު ގަޑިއިރު، އަދިވެސް ބައެއް ޓަވަރު ކަނު އަނދިރީގައި

12 އޭޕްރީލް 2026 - 19:31
ކަރަންޓު ކެނޑުނުތާ ހަތަރު ގަޑިއިރު، އަދިވެސް ބައެއް ޓަވަރު ކަނު އަނދިރީގައި
ފޭސް 2 ގެ ފްލެޓެއް. ފޮޓޯ: ވިރާސީ
ހުޅުމާލެ ދެވަނަ ފިޔަވަހީގެ ބައެއް ސަރަހައްދުތަކުން ކަރަންޓުގެ ހިދުމަތް މެދުކެނޑުނުތާ ހަތަރު ގަޑިއިރަށްވުރެ ގިނަ އިރު ވެފައިވާއިރު، އަދިވެސް އެ ސަރަހައްދުތަކަށް ކަރަންޓު ނުލިބެއެވެ.
މި މައްސަލަ ކުރިމަތިވެފައިވަނީ ހިޔާ ޓަވަރު 1، 2، 3، އަދި 8 ގެ އިތުރުން ވިނަރެސް 9 އަދި 10 އަށެވެ.

ހުޅުމާލެ ދެވަނަ ފިޔަވަހީގެ ބައެއް ޓަވަރުތަކުން ކަރަންޓު ކެނޑިގެން އެ މައްސަލަ ހައްލުކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ސްޓެލްކޯއިން އެންމެ ފުރަތަމަ ހާމަކޮށްފައިވަނީ މިއަދު މެންދުރުފަހު 3:21 ގައެވެ. އޭގެ ފަހުން މައްސަލަ ދެނެގަނެވިފައިވާ ކަމަށާއި، 45 މިނެޓެއްހާއިރު ތެރޭގައި ހުރިހާ ޓަވަރަކަށް ކަރަންޓު ދެވޭނެ ކަމަށް އެ ކުންފުނިން ބުނި ނަމަވެސް، ފަހުން ވަނީ އިތުރު މައްސަލަތަކެއް ފާހަގަވެފައެވެ.

ސްޓެލްކޯއިން ބުނީ ދިމާވި މައްސަލަ ހައްލުކުރުމުގެ މަސައްކަތް ކުރަމުން ދަނިކޮށް އިތުރު ޓެކްނިކަލް މައްސަލަތަކެއް ފާހަގަވެފައިވާ ކަމަށެވެ. "ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ ބައެއް ޓަވަރުތަކަށް ކަރަންޓު ފޯރުކޮށްދިނުން މެދުކެނޑުނު މައްސަލަ ހައްލުކުރުމުގެ މަސައްކަތް ކުރިއަށްދަނިކޮށް، އިތުރު ޓެކްނިކަލް މައްސަލަތަކެއް ފާހަގަވެފައިވާތީ، އެ މައްސަލަތައް ވީ އެންމެ އަވަހަކަށް ހައްލުކުރުމަށް އަޅުގަނޑުމެންގެ ޓެކްނިކަލް ޓީމުން ދަނީ ކެނޑިނޭޅި ގިނަ މަސައްކަތްތަކެއް ކުރަމުން،" ސްޓެލްކޯއިން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވެއެވެ.

މި މައްސަލައާ ގުޅިގެން ކަސްޓަމަރުންނަށް ދިމާވާނެ ދަތިތަކަށް އެ ކުންފުނިން ވަނީ މައާފަށް އެދިފައެވެ. "މި ދަތި ވަގުތުގައި ވެސް ކަސްޓަމަރުންގެ ފަރާތުން ލިބެމުން އަންނަ އެއްބާރުލުމަށް ވަރަށް އިހްލާސްތެރިކަމާ އެކު ޝުކުރު ދަންނަވަން. އަދި ހިދުމަތް މެދުކެނޑުމުގެ ސަބަބުން ކަސްޓަމަރުންނަށް ކުރިމަތިވެދާނެ ދަތިތަކަށްޓަކައި ނިހާޔަތަށް މައާފަށް އެދެން،" ސްޓެލްކޯގެ ޕޯސްޓުގައިވެއެވެ.

ސްޓެލްކޯއިން ބުނީ އަލަށް ފާހަގަވި މައްސަލަތައް ހައްލުކުރުމަށް މުވައްޒަފުން މެދުކެނޑުމެއްނެތި މަސައްކަތް ކުރަމުންދާ ކަމަށެވެ. ނަމަވެސް، ކަރަންޓުގެ ހިދުމަތް އަލުން އިއާދަކުރެވޭނެ ސީދާ ވަގުތެއް އެ ކުންފުނިން އަދި ހާމައެއް ނުކުރެއެވެ. މިކަމާ ގުޅޭ އިތުރު މައުލޫމާތު ހޯދުމަށް ސްޓެލްކޯގެ މީޑިއާ އޮފިޝަލަށް ގުޅުމުން ފޯނަށް ޖަވާބެއް ދެއްވާފައި ނުވާތީ އިތުރު ތަފްސީލެއް ވަނީ ލިބޭގޮތް ނުވެފައެވެ.

ރިއެކްޓް

ރަނގަޅު ރަނގަޅު 0
ސަކަރާތް ސަކަރާތް 0
ލޯބި ލޯބި 0
މަޖާ މަޖާ 0