ޚަބަރު , ސިޔާސީ

އިންތިހާބު ނިމުމާއެކު ރާއްޖެއަށް ހަނގުރާމައިގެ އަސަރުކުރަން ފަށައިފި

7 އޭޕްރީލް 2026 - 13:27
އިންތިހާބު ނިމުމާއެކު ރާއްޖެއަށް ހަނގުރާމައިގެ އަސަރުކުރަން ފަށައިފި

ލޯކަލް ކައުންސިލްތަކާއި ރައްޔިތުންގެ ހިޔާލު ހޯދުމުގެ ވޯޓު ނިމުމާއެކު، މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމައިގެ އަސަރުތައް ރާއްޖެއާއި ހަމައަށް ފޯރަން ފަށައި ދައުލަތުގެ ހަރަދުތައް ކުޑަކުރުމުގެ ގޮތުން ސަރުކާރުން ހަރުކަށި ފިޔަވަޅުތަކެއް އަޅަން ފަށައިފިއެވެ. މި ފިޔަވަޅުތަކުގެ ތެރޭގައި ސަރުކާރުގެ އިދާރާތަކުގެ ހިންގުމަށް ބޮޑެތި ބަދަލުތަކެއް ގެނައުން ހިމެނެއެވެ.

އެގޮތުން ބައެއް ސަރުކާރު އޮފީސްތަކުގެ ރަސްމީ ގަޑިތަކަށް މިހާރު ވަނީ ބަދަލު ގެނެސްފައެވެ. މީގެ އިތުރުން ހަފްތާގެ ބައެއް ދުވަސްތަކަކީ މަސައްކަތް ނުކުރާ ދުވަސްތަކެއްގެ ގޮތުގައި ކަނޑައަޅައި، އޮފީސްތައް ބަންދުކުރަން ވަނީ ނިންމާފައެވެ.

އިތުބާރު ހުރި މަސްދަރުތަކުން މައުލޫމާތު ލިބިފައިވާ ގޮތުގައި، ގިނަ އަދަދެއްގެ މުވައްޒަފުން ވަޒީފާއިން ވަކިކުރުމުގެ މަސައްކަތް ސަރުކާރުން ދަނީ ކުރަމުންނެވެ. އަދި ސިޔާސީ މަގާމުތަކުގައި ތިއްބެވި ބޭފުޅުން އޮފީހަށް ނުކުތުމުގެ ބަދަލުގައި ގޭގައި ތިއްބަވައިގެން މަސައްކަތް ކުރައްވާ ގޮތަށް ހަމަޖެއްސުމަށް ވެސް ދަނީ ރާވަމުންނެވެ.

އިންތިހާބު ނިމުމާއެކު ސަރުކާރުގެ ބައެއް ކުންފުނިތަކުގެ މެނޭޖިން ޑިރެކްޓަރުން (އެމްޑީ) އަދި ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރުން (ޑީއެމްޑީ) ވެސް ވަނީ މަގާމުތަކުން ވަކިކޮށްފައެވެ. މިއީ ހަރަދު ކުޑަކުރުމުގެ ސިޔާސަތުގެ ދަށުން ގެނައި ބަދަލެއް ކަމަށް ބެލެވެއެވެ.  

މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމައަށް ފަސް ހަފްތާ ވެފައިވާއިރު، މީގެ ކުރިން ސަރުކާރުން ބުނަމުންދިޔައީ އެ ހަނގުރާމައާ ގުޅިގެން ރާއްޖެއިން އަޅަންޖެހޭ ހާއްސަ ފިޔަވަޅެއް ނެތް ކަމަށެވެ. އަދި އެންމެ ފަހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެފައިވަނީ އިންތިހާބާ ދިމާކޮށް ވަކި ހާއްސަ ކަމެއް ސަރުކާރުން ނުކުރާނެ ކަމަށެވެ.

ނަމަވެސް އިންތިހާބު ނިމުނުތާ ކުޑަދުވަސްކޮޅެއްގެ ތެރޭގައި މިފަދަ ބޮޑެތި ބަދަލުތަކެއް ގެންނަން ފެށުމުން ގިނަ ބައެއްގެ ސަމާލުކަން މިކަމަށް ވަނީ ހުއްޓިފައެވެ.

ރިއެކްޓް

ރަނގަޅު ރަނގަޅު 0
ސަކަރާތް ސަކަރާތް 0
ލޯބި ލޯބި 0
މަޖާ މަޖާ 0