ރެފަރެންޑަމް ވޯޓު ހުއްޓުވަންޖެހޭ ސަބަބެއް ނެތް: ސުޕްރީމް ކޯޓު
ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމާ މެދު ރައްޔިތުންގެ ހިޔާލު ހޯދުމަށް އަންނަ އޭޕްރީލް މަހުގެ ހަތަރުވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ފެންނަ ނުފެންނަ ވޯޓު ހުއްޓުވަންޖެހޭ ސަބަބެއް ނެތްް ކަމަށް ސުޕްރީމްކޯޓުން ނިންމައިފިއެވެ.
ގާނޫނީ ވަކީލުން ކަމަށްވާ އިބްރާހިމް ޝިޔާމް އާއި އައިކު އަހުމަދު އީސާ ހުށަހެޅުއްވި މި މައްސަލާގައި ސުޕްރީމްކޯޓުން މިއަދު އިއްވި ހުކުމު އިއްްވާފައިވަނީ ފަނޑިޔާރުންގެ ބެންޗުގައި ތިއްބެވި ހުރިހާ ފަނޑިޔާރުންގެ އިއްތިފާގުންނެވެ.
ސުޕްރީމް ކޯޓުގެ ހުކުމުގައި ބުނީ ރައްޔިތުންގެ މަޖިލީހުގެ ދައުރު ކުރުވާގޮތަށް ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލިސް އިންތިހާބު އެއް ވަގުތެއްގައި ބާއްވާ ގޮތަށް ފާސްކޮށްފައިވާ ބިލު ތަސްދީގުކުރުމާ މެދު ނަގާ ހިޔާލު ހޯދުމުގެ ވޯޓުގައި އަހާ ސުވާލު ރަނގަޅު ކަމަށެވެ.
ހުކުމް އިއްވަމުން އުއްތަމަ ފަނޑިޔާރު އަބްދުއްގަނީ ވިދާޅުވީ ރެފަރެންޑަމްގައި ރައްޔިތުންނާއި ކުރާ ސުވާލު ކަމަށްވާ "ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެކުގައި ބޭއްވުމަށާއި ރައްޔިތުންގެ މަޖިލީހުގެ އުމުރު ގުނުމުގެ އުސޫލު ބަޔާންކުރުމަށްޓަކައި މަޖިލީހުން ފާސްކޮށްފައިވާ ގާނޫނުއަސާސީއަށް 8 ވަނަ އިސްލާހު ގެނައުމުގެ ބިލު ރައީސުލްޖުމްހޫރިއްޔާ ތަސްދީގުކުރެއްވުމަށް ފެނޭ ހެއްޔެވެ؟" ބަދަލުކުރަންޖެހޭ ހާލަތެއް ކޯޓަށް ނުފެންނަ ކަމަށާއި ސުވާލު އޮތީ ގާނޫނު އަސާސީއާ ހިލާފަށް ކަމަށް ބެލެވެން ނެތް ކަމަށެވެ. އަދި ހަމަ އެހެންމެ ފެންނަ ނުފެންނަ ވޯޓު ހުއްޓުވެން ނެތް ކަމަށް ފަނޑިޔާރު ޣަނީ ވިދާޅުވިއެވެ. ފަނޑިޔާރުގެ މި ރަޢުޔަށް ފަނޑިޔާރު އަލީ ރަޝީދާއި ފަނޑިޔާރު ޑރ. މުހައްމަދު އިބްރާހިމާއި ފަނޑިޔާރު ހުސައިން ޝަހީދުގެ އިތުރުން ފަނޑިޔާރު އަބްދުﷲ ހަމީދު ތާއީދުކުރެއްވިއެވެ.






ރިއެކްޓް