މި ފަސް އަހަރު ތެރޭގައި ބިއްލޫރި ޓަނެލް ނިންމޭނެ ކަމުގެ ޔަގީންކަން ރައީސަށް ނުދެވުނު
މާލެ އާއި ރަސްމާލެއާ ދެމެދު ދަތުރުކުރުމަށް އެޅުމަށް ވައުދުވެވަޑައިގެންފައިވާ ކަނޑުއަޑީގެ ބިއްލޫރި ޓަނެލްގެ މަސައްކަތް މި ފަސް އަހަރުގެ ދައުރުގެ ތެރޭގައި ނިންމާލެވޭނެ ކަމުގެ ސީދާ ޔަގީންކަމެއް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒަށް ނުދެއްވުނެވެ.
މިހާރު ރައީސް އޮފީހުގައި ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި، މި މަޝްރޫއާ ގުޅޭގޮތުން ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ރައީސް ވިދާޅުވީ، ރަސްމާލެ އާއި މާލެއާ ދެމެދު އަޅަން ވައުދުވި ކަނޑުއަޑީގެ ބިއްލޫރި ޓަނެލް އެޅުމުގެ ފަންނީ މަސައްކަތްތައް މިހާރު ކުރިއަށްދާ ކަމަށެވެ. ނަމަވެސް، މި ދައުރުގައި އެ މަސައްކަތް ނިމޭނެތޯ ސުވާލު ކުރުމުން ރައީސް ވިދާޅުވީ މިވަގުތު އެންމެ ބޮޑު އިސްކަމެއް ދެނީ އެ ސަރަހައްދުގެ ބިން ހިއްކުމުގެ މަސައްކަތަށް ކަމަށެވެ.
ނޫސްވެރިޔާ ދެވަނަ ފަހަރަށް ވެސް އެ ސުވާލު ތަކުރާރު ކުރުމުން ރައީސް ވިދާޅުވީ، "ތި ސުވާލަށް ޖަވާބު ދެވޭނީ ފަންނީ މަސައްކަތް ނިމުނީމަ، ކޮންމެގޮތެއް ވިޔަސް އަޅުގަނޑުމެން އިސްކަން މި ދެނީ ބިން ހިއްކަންށާއި އެ ތަނުގެ ލޭންޑްވައިސް ކުރަންޖެހޭ އިންފްރާސްޓްރަކްޗަ މަސައްކަތްތަކަށް" ކަމަށެވެ.
ރަސްމާލެ އާއި މާލެއާ ދެމެދު ކަނޑުއަޑީގެ ބިއްލޫރި ޓަނެލެއް އެޅުމަކީ ރައީސް މުއިއްޒުގެ ރިޔާސީ އިންތިހާބުގެ އެންމެ ބޮޑު އެއް ވައުދެވެ. މި މަޝްރޫއަކީ ރާއްޖޭގެ ފަތުރުވެރިކަމަށާއި ދަތުރުފަތުރުގެ ނިޒާމަށް ބޮޑު ބަދަލެއް އަންނާނެ ކަމެއްގެ ގޮތުގައި ސަރުކާރުން މީގެ ކުރިން ވަނީ ސިފަކޮށްފަ އެވެ.
މި މަޝްރޫއުގެ އަމަލީ މަސައްކަތް ފެށޭނެ ތާރީހެއް ނުވަތަ ނިމޭނެ ތާރީހެއްގެ ޔަގީންކަން އަދި އަދާ ހަމަޔަށް ނުދެއްވޭއިރު، ކޮންސްޓްރަކްޝަން މިނިސްޓަރު ޑރ. އަބްދުالله މުއްތަލިބު ވަނީ އެ ކަމަކީ 'ހަނދަށް ދިއުން' ކަހަލަ ކަމެއްގޮތުގައި މީގެ ކުރިން ސިފަ ކުރައްވާފަ އެވެ.






ރިއެކްޓް