އިދާރާތައް ހޭލައިފި: ހޮޅިކޮޅު ނުގެނެވި އަޒާން ނިޔާވި މައްސަލަ ބަލަނީ
އެންސްޕާ އާއި އެސްޓީއޯ މެދުވެރިކޮށް ހޯދަން އެދުނު ފީޑިން ޓިއުބެއް ނުލިބި އަށް މަހެއްހާ ދުވަސް ކުޑަކުއްޖަކު ނިޔާވި މައްސަލަ ހެލްތު މިނިސްޓްރީ އާއި ކަމާބެހޭ އިދާރާތަކުން ބަލަން ފަށައިފިއެވެ.
އިއްޔެ މެންދުރު ނިޔާވީ ސްޕޭސްޓިކް ކުއަޑްރިޕްލެޖިކް ސެލެބްރަލް ޕަލްސީ ހުންނަ އުމުރުން ހަ އަހަރުގެ އިބްރާހިމް އަޒާން ސުހެއިލެވެ.
އަޒާންގެ އާއިލާ އިން ބުނި ގޮތުގައި އޭނާއަށް ކާންދެވޭ ހަމައެކަނި މަގަކީ ފީޑިން ޓިއުބެވެ. އެ ހޮޅިކޮޅު އެސްޓީއޯ މެދުވެރިކޮށް ގެންނަން އާސަންދައިގައި އެދިގެން އަށް މަސް ވީއިރު ވެސް ލިބިފައި ނުވާ ކަމަށް އާއިލާ އިން ސޯޝަލް މީޑިއާގައި ވަނީ ހާމަކޮށްފައެވެ. މި މައްސަލައާ ގުޅިގެން ހެލްތު މިނިސްޓްރީން ބުނީ ކުއްޖާ ނިޔާވި މައްސަލަ އެ މިނިސްޓްރީ އާއި ކަމާގުޅޭ އެހެން އިދާރާތަކާ ގުޅިގެން މިހާރު ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.
އެސްޓީއޯ އިން ވެސް ވަނީ އެ ހޮޅި ލިބުން ލަސްވި ކަމަށް ބުނާ މައްސަލަ އެ ކުންފުނީގެ އެތެރޭގެ އުސޫލުން ބަލަމުންދާ ކަމަށް ބުނެފައެވެ. އެންސްޕާ އިން ބުނި ގޮތުގައި އަޒާނަށް ބޭނުންވާ ހޮޅި ފަހުން ފޯރުކޮށްދީފައިވެއެވެ. ނަމަވެސް އާއިލާ އިން ބުނީ ހޮޅިކޮޅު ލިބުނީ އަޒާން އައިޖީއެމްއެޗްގައި އެޑްމިޓްކުރި ދުވަހު ކަމަށާއި، އޭރު ހޮޅި ލެއްވޭ ވަރަށް ވުރެ ކުއްޖާގެ ހާލު މާ ބޮޑަށް ސީރިއަސްވެފައިވާ ކަމަށެވެ.
އަޒާންގެ މަންމަ، އާމިނަތު ޔަޝްފާ މި މަހުގެ 16 ވަނަ ދުވަހު ފޭސްބުކްގައި ކުރި ޕޯސްޓެއްގައި ބުނެފައި ވަނީ ދަރިފުޅުގެ ޕީއީޖީ ޓިއުބަށް އެދުނީ މިދިޔަ އޮގަސްޓް މަހު ކަމަށެވެ. އެކަން ލަސްވެގެން އެތައް ފަހަރަކު އެސްޓީއޯ އަށް ގުޅައި ހުޅުމާލޭ ފާމަސީއަށް ވެސް ދިޔަ ކަމަށް އޭނާ ބުންޏެވެ. "މިހާރުން މިހާރަށް ދަރިފުޅުގެ ޕީއީޖީ ޓިއުބު ބަދަލުކުރަންޖެހޭ އެކަމަކު އިތުރު އެއްޗެއް ނެތް،" ޔަޝްފާ އޭރު ލިޔެފައިވެއެވެ.
އާއިލާ އިން ބުނާ ގޮތުގައި ޓިއުބް އޯޑަރު ނުކުރެވި ލަސްވީ އެންސްޕާ އިން އެޕްރޫވް ނުކޮށްދީގެން ކަމަށް އެސްޓީއޯ އިން ކުރިން ބުނެފައިވެއެވެ. މި މައްސަލައިގައި އިދާރާތަކުގެ އިހުމާލެއް އޮތްތޯ ބެލުމަށް ހިއުމަން ރައިޓްސް ކޮމިޝަނުން (އެޗްއާރުސީއެމް) ވެސް ވަނީ މައްސަލަ ބަލަން ފަށާފައެވެ.
އުފަންވީއްސުރެ ބަލި ހާލަތުގައި އުޅުނު އަޒާންގެ ހާލު ގޯސްވެގެން އައިޖީއެމްއެޗްގެ އައިސީޔޫގައި ފަރުވާ ދެމުން ދަނިކޮށް ނިޔާވީ އިއްޔެ މެންދުރުއެވެ. އަޒާންގެ ޖަނާޒާ ބާއްވާފައި ވަނީ ރޭގެ އިޝާ ނަމާދަށް ފަހުގައެވެ.






ރިއެކްޓް