ޚަބަރު , ސިޔާސީ

ހުޅުމާލޭގައި 10 ބުރިއަށް އިމާރާތް ކުރެވޭ ގޮތް ހަދައިފި

25 މާރިޗު 2026 - 12:48
ހުޅުމާލޭގައި 10 ބުރިއަށް އިމާރާތް ކުރެވޭ ގޮތް ހަދައިފި

ހުޅުމާލޭގެ އެއްވަނަ ފިޔަވައްސާއި ދެވަނަ ފިޔަވަހިން އަމިއްލަ ފަރާތްތަކަށް ދިރިއުޅުމަށް ދޫކޮށްފައިވާ ގޯތިތަކުގައި 10 ފަންގިފިލާއަށް އިމާރާތް ކުރުމުގެ ހުއްދަ ދިނުމަށް ނިންމައި، އެކަމާ ގުޅޭ ގަވާއިދު ޕްލޭނިން މިނިސްޓްރީން މިއަދު ގެޒެޓުކޮށްފިއެވެ. މި ބަދަލު ގެނެސްފައިވަނީ ހުޅުމާލޭގެ ޑިވެލޮޕްމަންޓު ކޮންޓްރޯލް ކަނޑައެޅުމުގެ ގަވާއިދަށް ގެނައި އިސްލާހެއްގެ ދަށުންނެވެ.

އަލަށް އަމަލުކުރަން ފެށި ގަވާއިދުގައިވާ ގޮތުން، 10 ފަންގިފިލާއަށް އިމާރާތް ކުރާނަމަ އެ އިމާރާތެއްގެ ބޭސްމަންޓު ނުވަތަ ތިރީ ފަންގިފިލާ ހާއްސަކުރަން ޖެހޭނީ ޕާކިންއަށެވެ. މީގެ އިތުރުން، އިމާރާތުގެ ފުރަތަމަ ފަންގިފިލާ ހާއްސަކުރަން ޖެހޭނީ މީހުން ދިރިއުޅުން ނޫން އެހެނިހެން ބޭނުންތަކަށް ކަމަށްވެސް ގަވާއިދުގައި ބަޔާންކޮށްފައިވެއެވެ.

މި ހުއްދަ ދޫކުރުމުގައި ބަލާނީ އެކި ޒޯނުތަކުގައި ހުރި ގޯތިތަކުގެ ބޮޑުމިނަށެވެ. އެގޮތުން 10 ބުރިއަށް އިމާރާތް ކުރުމުގެ ފުރުސަތު ލިބޭނީ 901 އަކަފޫޓަށްވުރެ ބޮޑު ގޯތިތަކަށެވެ. އަދި ލިފްޓު ހަރުނުކޮށް އިމާރާތް ކުރެވޭނެ އެންމެ އުސްމިނަކީ ފަސް ފަންގިފިލާ ކަމަށްވެސް ކަނޑައަޅާފައިވެއެވެ.

މި ބަދަލަކީ މެއި 26، 2025 ގައި އާންމުކުރި ހުޅުމާލޭގެ ހަތަރުވަނަ މާސްޓާ ޕްލޭނުގައި ކަނޑައަޅާފައިވާ އުސޫލުތަކަށް ގެނައި ބޮޑު ބަދަލެކެވެ. އެ މާސްޓާ ޕްލޭންގައި ކުރިން އޮތް ގޮތުން، ބިންވެރިޔާ ސްކީމުގެ ދަށުން ދޫކޮށްފައިވާ ގޯތިތައް ހިމެނޭހެން އަމިއްލަ ގޯތިތަކުގައި އެންމެ އުސްކޮށް އިމާރާތް ކުރެވެނީ ހަތް ފަންގިފިލާއަށެވެ.

ރިއެކްޓް

ރަނގަޅު ރަނގަޅު 0
ސަކަރާތް ސަކަރާތް 0
ލޯބި ލޯބި 0
މަޖާ މަޖާ 0