ރާއްޖޭގައި ޕްލާސްޓިކް ކޮތަޅު ބޭނުންކުރާ މިންވަރު ބޮޑުތަނުން މަދުވެއްޖެ
ރާއްޖޭގައި އެއްފަހަރު ބޭނުންކޮށްފައި އުކާލާ ޕްލާސްޓިކް ކޮތަޅު ބޭނުންކުރާ މިންވަރު މަދުވެ، ޕްލާސްޓިކް ކޮތަޅު ފީގެ ގޮތުގައި ދައުލަތަށް ލިބުނު އާމްދަނީ މިދިޔަ އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު 40 އިންސައްތަ ދަށަށް ގޮސްފިއެވެ.
މިއީ ތިމާވެއްޓަށް ލިބޭ ގެއްލުން ކުޑަކުރުމަށްޓަކައި އެމްޑީޕީގެ ވެރިކަމުގައި ކޮތަޅުން ފީ ނަގަން ފެށި ފަހުން ފާހަގަކުރެވުނު ބޮޑު ބަދަލެކެވެ.
މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮޓޯރިޓީ (މީރާ) އިން އާންމުކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، މިއަހަރުގެ ފުރަތަމަ ދެ މަހު ޕްލާސްޓިކް ކޮތަޅު ފީގެ ގޮތުގައި ލިބިފައިވަނީ 666,948 ރުފިޔާއެވެ. ނަމަވެސް މިދިޔަ އަހަރުގެ މި މުއްދަތުގައި ކޮތަޅު ފީގެ ގޮތުގައި 1,112,912 ރުފިޔާ ލިބިފައިވެއެވެ. މީރާއިން ފާހަގަކުރާ ގޮތުގައި މި އާމްދަނީ ދަށްވުމުގެ މައިގަނޑު ސަބަބަކީ ރާއްޖެއަށް ޕްލާސްޓިކް ކޮތަޅު އެތެރެކުރާ މިންވަރު ދަށްވުމެވެ.
ކުނި މެނޭޖްކުރުމުގެ ގާނޫނުގެ ދަށުން ޕޮއިންޓް އޮފް ސޭލްގައި ވިއްކާ ކޮންމެ ޕްލާސްޓިކް ކޮތަޅަކުން 2 ރުފިޔާގެ ފީއެއް ނަގަން ފަށާފައިވަނީ 18 އޭޕްރީލް 2023 ގައެވެ. މި ފީ ނަގަނީ ޖީއެސްޓީއަށް ރަޖިސްޓްރީކޮށްފައިވާ ވިޔަފާރިތަކުންނެވެ. ވިޔަފާރިތަކުން ނަގާ މި ފީއަކީ ދައުލަތަށް ދައްކަންޖެހޭ ޓެކުހެއްގެ ގޮތުގައި މީރާއަށް ބަލައިގަންނަ ފައިސާއެކެވެ.
ޕްލާސްޓިކް ކޮތަޅުން ފީ ނެގުމުގެ މައިގަނޑު މަގްސަދަކީ ޕްލާސްޓިކްގެ ސަބަބުން ތިމާވެއްޓަށް ލިބޭ ގެއްލުން ކުޑަކުރުމާއި، އާންމުން ޕްލާސްޓިކް ބޭނުންކުރާ މިންވަރު މަދުކުރުމަށް ބާރުއެޅުމެވެ. ސަރުކާރުން އަންދާޒާކުރާ ގޮތުގައި އަހަރުން އަހަރަށް ޕްލާސްޓިކް ކޮތަޅު ބޭނުންކުރާ މިންވަރު މަދުވަމުންދާނެއެވެ.
ނަމަވެސް، ހުރިހާ ޕްލާސްޓިކް ކޮތަޅަކުން ފީއެއް ނުނަގައެވެ. ޑިއުޓީ ފްރީ ފިހާރަތަކުން ވިއްކާ ކޮތަޅާއި، ބަންދުނުކޮށް ހުންނަ ތާޒާ މަސް އެޅުމަށް ބޭނުންކުރާ ކޮތަޅުން ފީ ނެގުން ވަނީ އިސްތިސްނާކޮށްފައެވެ. މީގެ އިތުރުން ކުނި މެނޭޖުކުރުމުގެ ހިދުމަތްދޭ ފަރާތްތަކުން ކުނި އެޅުމަށް ހާއްސަކޮށް ވިއްކާ "ބިންލައިނަރ" އިން ވެސް ފީއެއް ނުނަގާނެއެވެ.
މި ބަދަލަކީ ރާއްޖޭގެ ތިމާވެށި ހިމާޔަތްކުރުމަށް ކުރެވޭ މަސައްކަތުގެ ތެރެއިން ލިބުނު ބޮޑު ކުރިއެރުމެއްގެ ގޮތުގައި ކަމާބެހޭ އިދާރާތަކުން ދެކެއެވެ.






ރިއެކްޓް