އަލިފާނުގެ ހާދިސާއާއި ގުޅިގެން ވޯޓާސް ލިސްޓުގައި ސޮއިކުރަން އިތުރު 1 ދުވަސް
އިލެކްޝަންސް ކޮމިޝަން (އީސީ) ގެ އިންތިހާބާ ބެހޭ މަރުކަޒާ ޖެހިގެން ހުރި ގުދަނުގައި ރޭ ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން، ސިޔާސީ ޕާޓީތަކުންނާއި ކެންޑިޑޭޓުންގެ ފަރާތުން ވޯޓު ދިނުމުގެ ހައްގު ލިބިގެންވާ މީހުންގެ ފައިނަލް ލިސްޓުގައި ސޮއިކުރުމުގެ މުއްދަތަށް އެއް ދުވަސް އިތުރުކޮށްފިއެވެ.
މި ހާދިސާއާ ގުޅިގެން އިންތިހާބާ ބެހޭ މަރުކަޒުގެ މަސައްކަތްތައް ވަގުތީ ގޮތުން ސޯޝަލް ސެންޓަރަށް ބަދަލުކޮށްފައިވާއިރު، ފައިނަލް ރަޖިސްޓަރީގައި ސޮއިކުރުމުގެ މަސައްކަތް މިއަދު ހެނދުނު ވަނީ އަލުން ފަށާފައެވެ. އިލެކްޝަންސް ކޮމިޝަނުން ވިދާޅުވީ، ރޭ ހިނގި ހާދިސާގެ ސަބަބުން ގެއްލުނު ވަގުތުތަކަށް ފުރުސަތު ދިނުމުގެ ގޮތުން އަންނަ ހޮނިހިރު ދުވަހުގެ ހެނދުނު 10:00 އިން މެންދުރުފަހު 01:00 އާ ހަމައަށް ސޯޝަލް ސެންޓަރުގައި ސޮއިކުރުން ކުރިއަށްދާނެ ކަމަށެވެ.
އިންތިހާބާ ބެހޭ މަރުކަޒު ހުރި ސަރަޙައްދުގައި އަލިފާނުގެ ހާދިސާއެއް ހިނގާފައިވީ ނަމަވެސް، އިންތިހާބުގެ ތާވަލުގައިވާ ގޮތަށް ހުރިހާ މަސައްކަތްތަކެއްވެސް ހުއްޓުމެއް ނެތި ކުރިއަށްދާނެ ކަމުގެ ޔަގީންކަން އިލެކްޝަންސް ކޮމިޝަނުން ވަނީ ދީފައެވެ.
އަންނަ މަހުގެ 4 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވަނީ ލޯކަލް ކައުންސިލް އިންތިހާބާއި، އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ އިންތިހާބުގެ އިތުރުން، ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލިސް އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމާ މެދު ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެކެވެ.






ރިއެކްޓް