ގުދަނުގައި ރޯވި ހާދިސާއާ ގުޅިގެން 77 މީހަކަށް ވަގުތީ ބޯހިޔާވަހިކަން ފޯރުކޮށްދީފި
މާލޭގެ މާފަންނުގައި ހުންނަ ގުދަނެއްގައި ހިނގި ނުރައްކާތެރި އަލިފާނުގެ ހާދިސާއާ ގުޅިގެން، ޖުމްލަ 77 މީހަކަށް ވަގުތީ ބޯހިޔާވަހިކަން ފޯރުކޮށްދީފައިވާ ކަމަށް ނޭޝަނަލް ޑިޒާސްޓާ މެނޭޖެމެންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ބުނެފިއެވެ.
އަލިފާން ރޯވެ ބޮޑެތި ގެއްލުންތަކެއް ލިބިފައިވަނީ މ. ކައިރުގޭގައި ހުންނަ ޕްރައިމް ގޯޑައުން 1 ގައެވެ. މި ގުދަނަކީ ކެމިކަލް އަދި ގަސްކާނާ ފަދަ ތަކެތި ރައްކާކޮށްފައި ހުރި ތަނެކެވެ. މި ހާދިސާގައި އެ ސަރަހައްދުގައި ހުރި ބައެއް ސައިކަލުތަކަށްވެސް އެކިވަރުގެ ގެއްލުންތައް ލިބިފައިވާކަން ފާހަގަކުރެވެއެވެ.
އެންޑީއެމްއޭ އިން މިއަދު ފަތިހު އާންމުކުރި ތަފާސްހިސާބުތަކަށް ބަލާއިރު، ރޭގެ 2:30 އާ ހަމައަށް 15 ގެއަކުން ޖުމްލަ 454 މީހުން ވަނީ އިވަކުއޭޝަން ސެންޓަރުގައި ރަޖިސްޓްރީކޮށްފައެވެ. މީގެ ތެރޭގައި ހިމެނެނީ 69 އަންހެނުންނާއި 385 ފިރިހެނުންނެވެ. މީގެ ތެރޭގައި 302 ބިދޭސީ މަސައްކަތްތެރިންވެސް ހިމެނެއެވެ.
އެ އޮތޯރިޓީން ވިދާޅުވި ގޮތުގައި، ވަގުތީ ގޮތުން އެހީތެރިކަން ބޭނުންވި 10 ގެއެއްގެ 77 މީހަކަށް މިހާރު ވަނީ ބޯހިޔާވަހިކަން ހަމަޖައްސައިދީފައެވެ. މީގެ އިތުރުން ބައެއް އާއިލާތަކުން އަމިއްލައަށް އާއިލީ ގޭގެއަށް ބަދަލުވެފައިވާކަމަށްވެސް އެންޑީއެމްއޭއިން މައުލޫމާތު ދެއެވެ.
"280 ބިދޭސީއަކު އެމީހުންގެ ވެރިފަރާތުން ވަނީ ހަވާލުވެފައި. އަދި 20 ބިދޭސީއަކަށް ދިވެހި ރެޑްކްރެސެންޓުން އެހީތެރިކަން ފޯރުކޮށްދެއްވައިފައިވޭ. މި 15 ގެވެސް ހުސްކުރަން ޖެހުނީ ބޯދުމުގެ ސަބަބުން. މި ހާދިސާގެ އަސަރުކޮށްގެން 7 ފަރާތަކަށް ހޮސްޕިޓަލުން ފަރުވާދެވުނު ނަމަވެސް އެ އެންމެންގެ ހާލުވެސް ސްޓޭބަލް،" އެންޑީއެމްއޭ އިން ވިދާޅުވިއެވެ.
މި ހާދިސާ ހިނގަން މެދުވެރިވި ސަބަބު ދެނެގަތުމުގެ މަސައްކަތް ކަމާބެހޭ ފަރާތްތަކުން ކުރަމުންދާއިރު، އަލިފާން ރޯވި ސަބަބެއް އަދި މިހާތަނަށް ކަށަވަރު ކުރެވިފައެއް ނުވެއެވެ.






ރިއެކްޓް