ޚަބަރު

ވޯޓާސް ލިސްޓުގައި ސޮއިކުރުމުގެ މަސައްކަތް ސޯޝަލް ސެންޓަރުގައި އަލުން ފަށައިފި

19 މާރިޗު 2026 - 11:53
ވޯޓާސް ލިސްޓުގައި ސޮއިކުރުމުގެ މަސައްކަތް ސޯޝަލް ސެންޓަރުގައި އަލުން ފަށައިފި

އިންތިހާބާ ބެހޭ މަރުކަޒާ ޖެހިގެން ހުރި އިމާރާތުގައި ރޭ ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން މެދުކަނޑާލި ވޯޓާސް ފައިނަލް ލިސްޓުގައި ސޮއިކުރުމުގެ މަސައްކަތް، ސޯޝަލް ސެންޓަރުގައި އަލުން ފަށައިފިއެވެ.

މި މަސައްކަތް މެދުކަނޑާލަން ޖެހުނީ އިލެކްޝަންސް ކޮމިޝަންގެ މައި މަރުކަޒު ހުންނަ ކުރީގެ ޑްރަގް ކޯޓާ ޖެހިގެން ހުރި ކެމިކަލް ގުދަނެއްގައި ރޭ އަލިފާން ރޯވުމާ ގުޅިގެންނެވެ.

އަލިފާނުގެ ހާދިސާއާ ގުޅިގެން އެ ސަރަހައްދުން މީހުން ހުސްކޮށް، ވަގުތީ ހިޔާވަހިކަން ހަމަޖައްސާފައިވާއިރު، މައި މަރުކަޒުގައި ކުރިއަށްދިޔަ ލިސްޓުގައި ސޮއިކުރުމުގެ މަސައްކަތް ވެސް ވަގުތީ ގޮތުން އޮތީ މެދުކަނޑާލާފައެވެ. ނަމަވެސް، އިލެކްޝަންސް ކޮމިޝަނުން މިއަދު ސޯޝަލް މީޑިއާގައި ބުނެފައިވަނީ ސިޔާސީ ޕާޓީތަކުންނާއި ކެންޑިޑޭޓުން ލިސްޓުގައި ސޮއިކުރުމުގެ ކަންކަން މިހާރު ސޯޝަލް ސެންޓަރުގައި ކުރިއަށްދާ ކަމަށެވެ.

އިލެކްޝަންސް ކޮމިޝަންގެ ރައީސް މުހައްމަދު ޒާހިދު ރޭ މީޑިއާތަކަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، މި ހާދިސާގެ ސަބަބުން އިންތިހާބުގެ ތައްޔާރީތަކަށް އެއްވެސް ބުރުލެއް ނާރާނެ ކަމަށެވެ. އަދި އިންތިހާބީ މަރުކަޒުގައި ހުރި ހުރިހާ ލިޔެކިޔުންތަކާއި އިކުއިޕްމަންޓްތައް ރައްކާތެރިކަމާއެކު ބޭރަށް ނެރެފައިވާ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

"އިންތިހާބީ މަރުކަޒުގައި ހުރި ހުރިހާ ލިޔެކިޔުންތަކާއި އިންތިހާބަށް ބޭނުންވާ ހުރިހާ ލިޔެކިޔުންތަކާއި އިކުއިޕްމަންޓްސް އާއި ހުރިހާ އެއްޗެއް މިހާރު އެ ހުރީ ސެކިޔޯކޮށް، އަޅުގަނޑުމެން ބޭރަށް ނެރެފައި،" ޒާހިދު ވިދާޅުވިއެވެ.

ޒާހިދު އިތުރަށް ވިދާޅުވީ، އިންތިހާބުގެ އެއްވެސް ކަމަކަށް ބުރޫނާރާނެ ކަމަށާއި، ރޭވިފައިވާ ގޮތަށް އޭޕްރީލް މަހުގެ ހަތަރު ވަނަ ދުވަހު އިންތިހާބު ކުރިއަށްދާނެ ކަމުގެ ޔަގީންކަން އަރުވާ ކަމަށެވެ.

ރިއެކްޓް

ރަނގަޅު ރަނގަޅު 0
ސަކަރާތް ސަކަރާތް 0
ލޯބި ލޯބި 0
މަޖާ މަޖާ 0