ޚަބަރު

1،000 ހައުސިން ޔުނިޓް އެޅުމަށް ޕްރޮޕޯޒަލް ހުށަހެޅުމުގެ މުއްދަތު އިތުރުކޮށްފި

18 މާރިޗު 2026 - 15:35
1،000 ހައުސިން ޔުނިޓް އެޅުމަށް ޕްރޮޕޯޒަލް ހުށަހެޅުމުގެ މުއްދަތު އިތުރުކޮށްފި

ހުޅުމާލޭ ފޭސް ތިނެއްގައި 1،000 އަގުހެޔޮ ހައުސިން ޔުނިޓް ތަރައްގީކުރުމަށް ޕްރޮޕޯސަލް ހުށަހެޅުމުގެ މުއްދަތު މިނިސްޓްރީ އޮފް ހައުސިން، ލޭންޑް އެންޑް އާބަން ޑިވެލޮޕްމަންޓުން އިތުރުކޮށްފިއެވެ.

އެފޯޑަބަލް ހޯމްއޯނާޝިޕް މޮޑެލްއަށް ކުރިއަށްގެންދާ މި މަޝްރޫއުގެ ދަށުން ހުޅުމާލޭގައި ހައުސިން ޔުނިޓް އަޅައިދޭނެ ބައެއް ހޯދުމަށް ފުރަތަމަ އިއުލާނުކުރީ މިދިޔަ ފެބްރުއަރީ މަހުގެ 26 ވަނަ ދުވަހުއެވެ.

ހައުސިން މިނިސްޓްރީން އިއްޔެ ކުރި އިއުލާނުގައިވާ ގޮތުން، ކުރިން މި މަހުގެ 23 ވަނަ ދުވަހަށް ހަމަވާ ގޮތަށް އޮތް ޕްރޮޕޯޒަލް ހުށަހެޅުމުގެ ސުންގަޑި މިހާރު ވަނީ މި މަހުގެ 31 ވަނަ ދުވަހުގެ 13:00ގެ ނިޔަލަށް އިތުރުކޮށްފައެވެ. މި މުއްދަތު އިތުރުކުރުމާއެކު، މަސައްކަތަށް ކުރިމަތިލާ ކޮންޓްރެކްޓަރުންނަށް ބައެއް ލުއިތައް ވެސް ވަނީ ދީފައެވެ. އެގޮތުން، އެންޑް ޔޫޒަރުންނަށް ޑިވެލޮޕަރު އިންޝުއަރެންސް ފޯރުކޮށްދޭން ޖެހޭ ގޮތަށް ކުރިން އޮތް މާއްދާ މިހާރު ވަނީ އުނިކޮށްފައެވެ.

ޑިޒައިން އެންޑް ބިލްޑް އުސޫލުން ކުރިއަށްގެންދާ މި މަޝްރޫއަކީ %100 ދިވެހި ހިއްސާ އޮންނަ ކުންފުނިތަކަށް ހާއްސަކޮށްގެން ހުޅުވާލާފައިވާ ފުރުސަތެކެވެ. މިއީ އަތްފޯރާ ފަށުގައި ބޯހިޔާވަހިކަން ފޯރުކޮށްދިނުމާއި، ދިވެހި ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު މަތިކުރުމަށް ސަރުކާރުން ކުރިއަށްގެންދާ މުހިންމު މަސައްކަތެކެވެ.

ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު މީގެ ކުރިން ވިދާޅުވެފައިވާ ގޮތުގައި، މި މަޝްރޫއުގެ ދަށުން ތަރައްގީކުރާ ދެ ކޮޓަރީގެ އެޕާޓްމަންޓެއް ވިއްކޭނެ އެންމެ މަތީ އަގަކީ 1.8 މިލިއަން ރުފިޔާއެވެ. އަދި ތިން ކޮޓަރީގެ އެޕާޓްމަންޓެއް ވިއްކޭނެ އެންމެ މަތީ އަގަކީ 2.3 މިލިއަން ރުފިޔާއެވެ. "އާއިލީ ބޯހިޔާވަހިކަމަށް އިސްކަންދިނުމުގެ ގޮތުން، މި 1،000 ހައުސިން ޔުނިޓުގެ %70 އެޕާޓްމަންޓަކީ ތިން ކޮޓަރީގެ އެޕާޓްމަންޓުތަކަށް ހަދަން ވަނީ ނިންމާފައި،" މިނިސްޓަރު ވިދާޅުވެފައިވެއެވެ.

މި މަޝްރޫއުގެ ދަށުން ތިން ކޮޓަރީގެ 700 އެޕާޓްމަންޓާއި ދެ ކޮޓަރީގެ 300 އެޕާޓްމަންޓް އިމާރާތްކުރުމަށް ވަނީ ހަމަޖެހިފައެވެ.

ރިއެކްޓް

ރަނގަޅު ރަނގަޅު 0
ސަކަރާތް ސަކަރާތް 0
ލޯބި ލޯބި 0
މަޖާ މަޖާ 0