ޚަބަރު , ސިޔާސީ

ހަނިމާދޫއިން އެރަށު ރައްޔިތުންނަށް ގޯތި ނުދީ ހިރިމަރަދޫ ރައްޔިތުންނަށް ގޯތި ދިނުމާ ދެކޮޅަށް ޕެޓިޝަނެއް

17 މާރިޗު 2026 - 20:25
ހަނިމާދޫއިން އެރަށު ރައްޔިތުންނަށް ގޯތި ނުދީ ހިރިމަރަދޫ ރައްޔިތުންނަށް ގޯތި ދިނުމާ ދެކޮޅަށް ޕެޓިޝަނެއް

ހަނިމާދޫގެ ލޭންޑް ޔޫސް ޕްލޭންގައި އެ ރަށުގެ ރައްޔިތުންނަށް ގޯތި ދިނުމަށް ކަނޑައަޅާފައިވާ ބިމުން، ހިރިމަރަދޫ ރައްޔިތުންނަށް ގޯތި ދިނުމަށް ސަރުކާރުން ނިންމާފައިވާ ނިންމުމާ ދެކޮޅަށް ހަނިމާދޫ ރައްޔިތުން އިސްނަގައިގެން ޕެޓިޝަނެއް ތައްޔާރުކޮށް ސޮއިކުރަން ފަށައިފިއެވެ.

މިހާތަނަށް މި ޕެޓިޝަނުގައި 400 އަށްވުރެ ގިނަ މީހުން ސޮއިކޮށްފައިވާ ކަމަށް އެ ރަށުން މައުލޫމާތު ލިބެއެވެ.

މި ޕެޓިޝަނުގައި ފާހަގަކޮށްފައިވާ ގޮތުގައި، ސަރުކާރުގެ މި ނިންމުމަކީ ހަނިމާދޫގެ ރައްޔިތުންނާއި ޒުވާނުންގެ މުސްތަޤުބަލަށް ހުރަސް އެޅޭ، ބޭއިންސާފު އަމަލެކެވެ. ހަނިމާދޫއަށް ހިރިމަރަދޫ ރައްޔިތުން ބަދަލުކުރުމުގެ މަޝްވަރާތައް ކުރިއަށްދާއިރު، އެކަމުގައި ރަށުގެ ރައްޔިތުންގެ ހިޔާލު ހޯދާފައި ނުވާތީ ރައްޔިތުން ވަނީ ބޮޑު ކަންބޮޑުވުމެއް ފާޅުކޮށްފައެވެ.

ޕެޓިޝަންގައި ބުނެފައިވަނީ، ހަނިމާދޫގައި މިހާރު އޮތް މަދު ބިންކޮޅު އެހެން ރަށެއްގެ ބަޔަކަށް ދިނުމުން، ހަނިމާދޫގެ އަންނަން އޮތް ޖީލުތަކަށް ބޯހިޔާވަހިކަން ލިބުމަށް ބޮޑެތި ދަތިތަކެއް ކުރިމަތިވާނެ ކަމަށެވެ. މީގެ އިތުރުން، ރަށުގެ އަސާސީ ހިދުމަތްތައް ކަމަށްވާ ކަރަންޓާއި، ފެނާއި ނަރުދަމާގެ މައްސަލަތައް ހައްލުނުވެ އޮތް ދަނޑިވަޅެއްގައި އިތުރު ބަޔަކު ރަށަށް އާބާދުކުރުމަކީ ދެރަށުގެ ރައްޔިތުންނަށްވެސް ތަކުލީފުލިބޭނެ ކަމެއްގެ ގޮތުގައި ފާހަގަކޮށްފައިވެއެވެ.

މި މައްސަލަތަކަށް ހައްލު ހޯދުމުގެ ގޮތުން މި ޕެޓިޝަންގައި ސަރުކާރަށް ގޮވާލާފައިވަނީ: "ރަށުގެ ލޭންޑް ޔޫސް ޕްލޭނަށް އިހުތިރާމުކޮށް ހަނިމާދޫ ރައްޔިތުންނަށް ހާއްސަ ކުރެވިފައިވާ ބިންތައް ސަރުކާރުން ނުނެގުމަށެވެ."

އަދި ހިރިމަރަދޫ ރައްޔިތުންނަށް ބޯހިޔާވަހިކަން ދިނުމުގެ ކުރިން، ހަނިމާދޫ ރައްޔިތުންނަށް ސަރުކާރުން ވައުދުވެފައިވާ ހައުސިން ޔުނިޓްތަކުގެ މަސައްކަތް ނިންމުމަށްވެސް ޕެޓިޝަންގައި އެދިފައިވެއެވެ. މީގެ އިތުރުން، ރަށުގެ އާބާދުވަމުންދާ ސަރަހައްދުތަކަށް ބޭނުންވާ އަސާސީ ހިދުމަތްތައް އަވަސް މުއްދަތެއްގައި ގާއިމުކޮށްދިނުމަށްވެސް އެދިފައިވެއެވެ.

ހަނިމާދޫ ރައްޔިތުން މި ޕެޓިޝަން މެދުވެރިކޮށް އާދޭހާއެކު އެދިފައިވަނީ، ރައީސުލްޖުމްހޫރިއްޔާ ވެވަޑައިގެންފައިވާ ވައުދުފުޅުތަކާ އެއްގޮތަށް ހަނިމާދޫ ރައްޔިތުންގެ ހައްގުތައް ކަށަވަރުކޮށްދިނުމަށެވެ.

ރިއެކްޓް

ރަނގަޅު ރަނގަޅު 0
ސަކަރާތް ސަކަރާތް 0
ލޯބި ލޯބި 0
މަޖާ މަޖާ 0