ޚަބަރު , ވިޔަފާރި , ސިޔާސީ

ރާއްޖޭގައި ތެލުގެ އަގު ރިކޯޑު އަދަދަކަށް ބޮޑުވެއްޖެ

16 މާރިޗު 2026 - 17:51
ރާއްޖޭގައި ތެލުގެ އަގު ރިކޯޑު އަދަދަކަށް ބޮޑުވެއްޖެ

ސަރުކާރުގެ ކުންފުނިތަކުން ވިޔަފާރިތަކަށާއި އާންމުންނަށް ތެޔޮ ވިއްކާ އަގުތަކަށް ބޮޑެތި ބަދަލުތަކެއް ގެނެސް، އަގުތައް އިންތިހާއަށް އުފުލިއްޖެ އެވެ.

އެސްޓީއޯގެ ދަށުން ހިންގާ ފިއުލް ސަޕްލައި މޯލްޑިވްސް (އެފްއެސްއެމް) އިން މިހާރު ވިޔަފާރިތަކަށް ތެޔޮ ވިއްކަމުން ދަނީ ތެޔޮ އުފުލަން ޖެހޭ ދުރުމިނަށް ބަލައި އެކި ރޭޓުތަކުގަ އެވެ.

ނ. އަތޮޅުގެ ވިޔަފާރިތަކަށް ޑީސަލް ލީޓަރެއް ވިއްކަނީ 28.32 ރުފިޔާއަށެވެ. އަދި ޕެޓްރޯލް ލީޓަރެއްގެ އަގު ވަނީ 27.13 ރުފިޔާއަށް އުފުލިފަ އެވެ.

މީގެ އިތުރުން ކުޅުދުއްފުށީގައި ޑީސަލް ލީޓަރެއްގެ އަގު މިހާރު ވަނީ 29.51 ރުފިޔާއަށް ބޮޑުވެފަ އެވެ. އަދި ޕެޓްރޯލް ލީޓަރެއް ވިއްކަނީ 29.30 ރުފިޔާއަށެވެ.

އައްޑޫ ސިޓީގައި ވެސް ތެލުގެ އަގު މިހާރު ވަނީ 29 ރުފިޔާއަށް ވުރެ މައްޗަށް ގޮސްފަ އެވެ.

ނަމަވެސް، މާލެ ސަރަހައްދުގައި އެސްޓީއޯއިން އާންމުންނަށް ވިއްކާ ތެލުގެ އަގަށް މިމަހުގެ ކުރީކޮޅު ގެނައި ބަދަލަށް ފަހު އިތުރު ބަދަލެއް ގެނެސްފައެއް ނުވެ އެވެ. އެގޮތުން މާލޭގައި ޕެޓްރޯލް ލީޓަރެއް 16.01 ރުފިޔާއަށް އަދި ޑީސަލް ލީޓަރެއް 17.54 ރުފިޔާއަށް ލިބެން އެބަހުއްޓެވެ.

މަސްވެރިކަމުގެ ސިނާއަތަށް ބަލާއިރު، މިފްކޯއިން މިއަދު ނެރުނު އިއުލާނެއްގައިވާ ގޮތުން މިފްކޯއަށް މަސްކިރާ މަސްވެރިންނަށް ޑީސަލް ލީޓަރެއް ދެން ވިއްކާނީ 27.24 ރުފިޔާއަށެވެ. އަދި އާންމު ފަރާތްތަކަށް މިފްކޯއިން ޑީސަލް ވިއްކާނީ 28.54 ރުފިޔާއަށެވެ. މީގެ އިތުރުން، އެމްއޭސީއެލްއިން ވެސް ވަނީ ދާދިފަހުން ތެޔޮ ވިއްކާ އަގު ބޮޑުކޮށްފަ އެވެ.

ތެލުގެ އަގަށް މި ބަދަލު އައިސްފައިވަނީ މެދުއިރުމަތީގައި މިހާރު ހިނގަމުންދާ ހަނގުރާމައާ ގުޅިގެން، ދުނިޔޭގެ ބާޒާރުގައި ތެލާއި ގޭހުގެ އަގު އުފުލުމާ ގުޅިގެންނެވެ.

ވިޔަފާރިތަކަށް ވިއްކާ ތެލުގެ އަގު ދެގުނަ ބޮޑުވުމާ ގުޅިގެން، އަތޮޅުތެރޭގައި ދެވޭ އެކި ހިދުމަތްތަކުގެ އަގުތަކަށް ވަނީ އަސަރުކޮށްފަ އެވެ. އެގޮތުން ބައެއް ސަރަހައްދުތަކުގައި ލޯންޗު ދަތުރުތަކުގެ އަގު ވަރަށް ބޮޑަށް އުފުލިފައިވާ ކަމަށް ރިޕޯޓުތައް ބުނެ އެވެ.

ރިއެކްޓް

ރަނގަޅު ރަނގަޅު 0
ސަކަރާތް ސަކަރާތް 0
ލޯބި ލޯބި 0
މަޖާ މަޖާ 0