ޚަބަރު , ސިޔާސީ

ހަރަދު ކުޑަކުރުމުގެ ނަމުގައި އެ ނިގުޅައިގަންނަނީ ރައްޔިތުންގެ ބާރެއް: ފައިސަލް

15 މާރިޗު 2026 - 09:45
ހަރަދު ކުޑަކުރުމުގެ ނަމުގައި އެ ނިގުޅައިގަންނަނީ ރައްޔިތުންގެ ބާރެއް: ފައިސަލް
ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް. ފޮޓޯ: ވިރާސީ

ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެއްކޮށްލުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތަކީ ހަރަދު ކުޑަކުރުމުގެ ނަމުގައި ރައްޔިތުންގެ އަތުން ބާރުތަކެއް ނިގުޅައިގަތުން ކަމަށް ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެ އެވެ. ފައިސަލް މިހެން ވިދާޅުވީ ދެ އިންތިހާބު އެއްކޮށްލުމާ ދެކޮޅަށް މީސް މީޑިއާގައި އާންމުކުރެއްވި ވީޑިއޯއެއްގަ އެވެ.

ފައިސަލް ނަސީމް ވިދާޅުވީ އެއް ދުވަހެއްގައި އަދި އެއް ވަގުތެއްގައި ދެ އިންތިހާބު އެއްކޮށްގެން ވޯޓު ނެގުމުން، ސަރުކާރުން ކުރާ ކަންތައްތައް ބެލުމުގެ ފުރުސަތު ރައްޔިތުންނަށް އެއްކޮށް ގެއްލިގެންދާނެ ކަމަށެވެ. "އިންތިހާބުތަކަކީ ގިނައިން އޮތުމުން ރައްޔިތުންނަށް އޭގެ ފައިދާވާ ކަންކަން،" ފައިސަލް ވިދާޅުވި އެވެ.

މިހާރު އަމަލުކުރަމުންދާ ގާނޫނު އަސާސީއަށް އިޝާރާތް ކުރައްވައި ފައިސަލް ވިދާޅުވީ، ރައްޔިތުންގެ ހާއްސަ މަޖިލީހުން އެ ގާނޫނު އަސާސީ ވުޖޫދަށް ގެނައީ ވަރަށް ގިނަ ބައެއްގެ ބުރަ މަސައްކަތާއި ގުރުބާނީން ކަމަށެވެ. އަދި އޭރު ދެ އިންތިހާބު ވަކިން ބާއްވަން ނިންމީ ހަރަދަށްވުރެ ބޮޑަށް، ނުފޫޒުން އެއްކިބާވެފައިވާ މިނިވަން މާހައުލެއް ގާއިމުކުރުމަށް ކަމަށް އޭނާ ފާހަގަކުރެއްވި އެވެ.

ފައިސަލް އިތުރަށް ވިދާޅުވީ ގާނޫނު އަސާސީ އިސްލާހުކުރުމާއި، ރާއްޖެއަށް ހެޔޮ ބަދަލު ގެނެސްދިނުމުގެ މަސައްކަތުގައި އުޅެފައި ނުވާ ބަޔަކަށް، މިއީ ކިހާވަރެއްގެ މުހިންމު ކަމެއްކަން ނޭގިދާނެ ކަމަށެވެ. އަދި މިއީ ހަގީގަތުގައި ހަރަދު ކުޑަކުރަން ކުރާ ކަމެއް ނޫން ކަމަށާއި، ދައުލަތުގެ ހަރަދު ކުޑަކުރަން ކުރެވޭނެ އެހެން ބައިވަރު ކަންކަން އެބަހުރި ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

ދެ އިންތިހާބު އެއްކޮށްލުމަށް ވޯޓު ދިނުމަކީ ރައްޔިތުންނަށް ލިބޭނެ ބޮޑު ގެއްލުމެއްގެ ގޮތުގައި ސިފަކުރައްވައި، އެ ކަމަށް "ނޫނެކޭ" ބުނުމަށް  ފައިސަލް ވަނީ ރައްޔިތުންނަށް ގޮވާލައްވާފަ އެވެ.

ރިއެކްޓް

ރަނގަޅު ރަނގަޅު 0
ސަކަރާތް ސަކަރާތް 0
ލޯބި ލޯބި 0
މަޖާ މަޖާ 0