އަލިފާނުގެ ހާދިސާގައި ފަސް ބިދޭސީން މަރުވި މައްސަލަ އެޗްއާރްސީއެމްއިން ބަލަން ފަށައިފި
އދ. ދިގުރަށުގައި ބިދޭސީން ދިރިއުޅޭ އެކޮމަޑޭޝަން ބްލޮކެއްގައި ރޭ ހިނގި ނުރައްކާތެރި އަލިފާނުގެ ހާދިސާއެއްގައި ފަސް ބިދޭސީއަކު މަރުވި މައްސަލަ ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރްސީއެމް) އިން ބަލަން ފަށައިފިއެވެ.
އެޗްއާރްސީއެމްއިން ބުނީ މި ހާދިސާގައި އަނިޔާވި ފަރާތްތަކުގެ ހާލަތު ބަލަމުންދާ ކަމަށާއި، އަދި މި ހާދިސާ ހިނގަން މެދުވެރިވި ސަބަބުތަކުގެ ތެރޭގައި އެއްވެސް އިންސާނީ ހައްގެއް ގެއްލި ނުވަތަ ހަނިވާނެ ފަދަ ކަމެއް ހިނގާފައިވޭތޯ އެ ކޮމިޝަނުން ވަރަށް ގާތުން ބަލަމުންދާ ކަމަށެވެ.
މި ހާދިސާ ހިނގާފައިވަނީ ދިގުރަށުގައި ބިދޭސީންގެ އެކޮމަޑޭޝަން ބްލޮކެއްގެ ގޮތުގައި ބޭނުންކުރާ ގޭގައި ގޭސް ލީކުވުމުގެ ސަބަބުން ކަމަށް މައުލޫމާތު ލިބެއެވެ. ނަމަވެސް، މި ހާދިސާ ހިނގި ގޮތާ ބެހޭ އެއްވެސް ރަސްމީ ތަފްސީލެއް ކަމާބެހޭ އިދާރާތަކުން އަދި ހާމަކޮށްފައެއް ނުވެއެވެ.
އެ ރަށުން ވާހަކަ ދެއްކި މީހަކު ބުނި ގޮތުގައި، އަލިފާން ރޯވީ ދެ މީހަކު ދަންވަރު ކައްކަން އުޅެނިކޮށެވެ. އެ ވަގުތު ގޭގައި ތިބި އެހެން މީހުން ތިބީ ނިދާފައި ކަމަށް އޭނާ މައުލޫމާތު ދިނެވެ. މި ހާދިސާގައި ފަސް މީހަކު މަރުވެފައިވާއިރު، ސީރިއަސް އަނިޔާތަކެއް ލިބި ބޮޑަށް ފިހިފައިވާ އިތުރު ދެ މީހަކަށް ފަރުވާ ދިނުމަށްޓަކައި މިހާރު ވަނީ މާލެ ގެނެސްފައެވެ.
ބިދޭސީން ދިރިއުޅޭ ގިނަ އެކޮމަޑޭޝަން ބްލޮކްތަކަކީ އިންސާނީ ހައްގާއި ކަރާމަތް ހަނިވާ ގޮތަށް، ރައްކާތެރިކަން ކުޑަ ގޮތަކަށް ހުންނަ ތަންތަން ކަމުގެ ޝަކުވާ އަބަދުވެސް އޮވެއެވެ. މީގެ ކުރިންވެސް މިފަދަ ތަންތަނުގެ ހާލަތުގެ ސަބަބުން ހިތާމަވެރި ގިނަ ހާދިސާތަކެއް ހިނގައި، އެތައް ބިދޭސީންނެއްގެ ފުރާނަ ގެއްލިފައިވެއެވެ.






ރިއެކްޓް