ޚަބަރު , ސިޔާސީ

ގާނޫނުއަސާސީއަށް ހުށަހަޅާފައިވާ ބަދަލުތަކާ ގުޅޭގޮތުން މަޝްވަރާކުރުމަށް ރައީސް ނަޝީދު ގޮވާލައްވައިފި

12 މާރިޗު 2026 - 20:53
ގާނޫނުއަސާސީއަށް ހުށަހަޅާފައިވާ ބަދަލުތަކާ ގުޅޭގޮތުން މަޝްވަރާކުރުމަށް ރައީސް ނަޝީދު ގޮވާލައްވައިފި

ގާނޫނުއަސާސީއަށް ހުށަހަޅާފައިވާ އިސްލާހުތަކާ ގުޅޭގޮތުން ފެންނަ ނުފެންނަ ވޯޓެއް ނެގުމަށް ސަރުކާރުން ކުރަމުންދާ ރޭވުންތަކާ މެދު އަލުން ވިސްނުމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ގޮވާލައްވައިފި އެވެ. އަދި ގައުމީ ފެންވަރުގައި ފުޅާދާއިރާއެއްގައި މަޝްވަރާކުރުމެއް ނެތި، މިފަދަ ބަދަލުތަކެއް ގެނައުމަށް އަވަސްއަރުވާނުލުމަށް އެމަނިކުފާނު އިރުޝާދު ދެއްވި އެވެ.

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ނަޝީދު ވަނީ، ރާއްޖެއަށް ދިމާވި ނާޒުކު ދަނޑިވަޅުތަކުގައި އިންޑިއާއިން ފޯރުކޮށްދީފައިވާ ދިގު މުއްދަތުގެ އެހީތެރިކަން ފާހަގަކުރައްވާފައެވެ.

އެގޮތުން 1988 ވަނަ އަހަރު ރާއްޖެއަށް ދިން އުދުވާނީ ހަމަލާއާއި، 2004 ވަނަ އަހަރުގެ ސުނާމީ ކާރިސާއާއި، 2014 ވަނަ އަހަރު މާލެއަށް ދިމާވި ފެނުގެ ނުތަނަވަސްކަމުގެ އިތުރުން ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ތެރޭގައިވެސް އިންޑިއާއިން ރާއްޖެއަށް އެހީތެރިކަން ފޯރުކޮށްދީފައިވާކަން އެމަނިކުފާނު ފާހަގަކުރެއްވި އެވެ.

މިހާރު އޮތް ހާލަތުގައި ރާއްޖެއިން އިންޑިއާގެ ކިބައިން ތެލުގެ އެހީތެރިކަމަށް އެދިފައިވާ ކަމަށް ރިޕޯޓްތައް ބުނާކަން ފާހަގަކުރައްވަމުން ނަޝީދު ވިދާޅުވީ، ޑިމޮކްރެޓިކް ހަމަޖެހުން ދެމެހެއްޓުމުގައި ރާއްޖެއިން ޒިންމާދާރުކަން ދައްކަންޖެހޭ ކަމަށެވެ.

"ރާއްޖޭގެ ޑިމޮކްރަސީ ވަރުގަދަކުރުމަކީ ސަރަހައްދީ ހަމަޖެހުމަށް ކޮންމެހެން ބޭނުންތެރި ކަމެއް،" ނަޝީދު ވިދާޅުވި އެވެ.

އަދި ގާނޫނުއަސާސީއަށް ގެންނަ ކޮންމެ އިސްލާހަކީ ސިޔާސީ ހުރިހާ ފަރާތްތަކެއްގެ މެދުގައި ކުރެވޭ ފުރިހަމަ އަދި ޝާމިލު މަޝްވަރާތަކަކަށްފަހު ގެނެވޭ ބަދަލުތަކަކަށް ވާންޖެހޭނެ ކަމަށްވެސް އެމަނިކުފާނު އިތުރުކުރެއްވި އެވެ.

ގާނޫނުއަސާސީއަށް އިސްލާހު ގެނައުމުގެ މަސައްކަތް އަވަސްއަރުވާލައިގެން ކުރިއަށް ނުގެންދިއުމަށް އިންޒާރު ދެއްވަމުން، ފުޅާދާއިރާއެއްގައި މަޝްވަރާތައް ބޭއްވެންދެން ފެންނަ ނުފެންނަ ވޯޓު ނެގުމާ މެދު އަލުން ވިސްނުމަށް އެމަނިކުފާނު ސަރުކާރަށް ބާރުއެޅުއްވި އެވެ.

ރިއެކްޓް

ރަނގަޅު ރަނގަޅު 0
ސަކަރާތް ސަކަރާތް 0
ލޯބި ލޯބި 0
މަޖާ މަޖާ 0