ހޮނިހިރު ދުވަހުން ފެށިގެން ގޮވާމުން ފިތުރު ޒަކާތް ބަލައިގަންނާނެ
އަންނަ ހޮނިހިރު ދުވަހުން ފެށިގެން، ގޮވާމުގެ ބާވަތްތަކުން ފިތުރު ޒަކާތް ބަލައިގަންނަން ފަށާނެ ކަމަށް މޯލްޑިވްސް ޒަކާތު ހައުސް އިން ބުނެފިއެވެ.
ގޮވާމުން ޒަކާތް ބަލައިގަތުމުގެ އިންތިޒާމުތައް ހަމަޖައްސާފައިވަނީ މާލޭގެ، ސެންޓަރ ފޯ ހަޔާ ސެކަންޑަރީ އެޑިއުކޭޝަން (ސީއެޗްއެސްއީ) އިމާރާތުގައެވެ.
ޒަކާތު ހައުސް އިން ހާމަކޮށްފައިވާ ގޮތުގައި، ގޮވާމުން ޒަކާތް ބަލައިގަންނާނީ މި މަހުގެ 14 އަދި 15 ވަނަ ދުވަހުގެ ހެނދުނު 10:00 އިން 12:00 އަށެވެ. އަދި މި މަހުގެ 16 ވަނަ ދުވަހުން ފެށިގެން 18 ވަނަ ދުވަހުގެ ނިޔަލަށް، ކޮންމެ ދުވަހެއްގެ ހެނދުނު 10:00 އިން 12:00 އަށް، އަދި މެންދުރުފަހު 13:00 އިން 15:00 އަށް ޒަކާތް ބަލައިގަތުމުގެ މަސައްކަތް ކުރިއަށްދާނެއެވެ.
ރޯދަ މަހުގެ ފުރަތަމަ ދުވަހުން ފެށިގެން އޮންލައިންކޮށް ޒަކާތް ބަލައިގަންނަން ފަށާފައިވާއިރު، ގިނަ ވަސީލަތްތަކެއް މެދުވެރިކޮށް ޒަކާތް ދެއްކޭނެ އިންތިޒާމު ވަނީ ހަމަޖައްސާފައެވެ. އެގޮތުން ދިރާގު ޕޭ، އެމް ފައިސާ، ފައިސާ މޮބައިލް، ބީއެމްއެލް، ފަހިޕޭ، އަވަސް އެޕް އަދި ބަނޑޭރި ޕޯޓަލް މެދުވެރިކޮށް ޒަކާތް ދެއްކޭނެއެވެ. އޮންލައިންކޮށް ޒަކާތް ބަލައިގަންނާނީ ރަމަޟާން މަހުގެ 27 ވަނަ ދުވަހާ ހަމައަށެވެ. ނަމަވެސް ބަނޑޭރިޕޭ އަދި ފަހިޕޭ މެދުވެރިކޮށް ރަމަޟާން މަހުގެ އެންމެ ފަހު ދުވަހާ ހަމައަށް ޒަކާތް ދެއްކޭނެ ކަމަށް ޒަކާތު ހައުސް އިން ބުނެއެވެ.
އޮންލައިންކޮށް ޒަކާތް ދެއްކުމަށް އަހުލުވެރި ނޫން ފަރާތްތަކަށް ހާއްސަކޮށް، ނަގުދު ފައިސާ އަދި ކޭޝް ކާޑުން ޒަކާތް ދެއްކޭނެ އިންތިޒާމު އިސްލާމީ މަރުކަޒުގައި ވަނީ ގާއިމުކޮށްފައެވެ. މި މަހުގެ 19 ވަނަ ދުވަހުގެ ނިޔަލަށް، ހުކުރު އަދި ހޮނިހިރު ފިޔަވައި ކޮންމެ ދުވަހެއްގެ ހެނދުނު 11:00 އިން 14:00 އަށް އެ ކައުންޓަރުތަކުން ޒަކާތް ބަލައިގަންނާނެއެވެ. އަތޮޅުތެރޭގެ ރަށްރަށުގައި ޒަކާތް ބަލައިގަންނަމުންދާނީ އެ ރަށެއްގެ ކައުންސިލު އިދާރާތަކުންނެވެ.
މި އަހަރު ފިތުރު ޒަކާތުގެ ގޮތުގައި ދައްކަންޖެހޭ މިންވަރުތަކަކީ:
އާދައިގެ ހަނޑޫ: 12 ރުފިޔާ
ތައިލެންޑް ހުދު ހަނޑޫ: 53 ރުފިޔާ
ރަތް ހަނޑޫ: 96 ރުފިޔާ
ބާސްމަތީ ހަނޑޫ (އާދައިގެ): 77 ރުފިޔާ
ބާސްމަތީ ހަނޑޫ (މޮޅު): 109 ރުފިޔާ
ބާސްމަތީ ހަނޑޫ (އެންމެ މޮޅު): 136 ރުފިޔާ
އާދައިގެ ފުށް: 10 ރުފިޔާ
އާޓާ ފުށް: 75 ރުފިޔާ






ރިއެކްޓް