ޚަބަރު

ބިދޭސީ މީހާ ބަންދުގައި ހުއްޓައި އަނިޔާކުރިކަމުގެ ޝަކުވާއެއް ނުކުރޭ: ފުލުހުން

10 މާރިޗު 2026 - 18:39
ބިދޭސީ މީހާ ބަންދުގައި ހުއްޓައި އަނިޔާކުރިކަމުގެ ޝަކުވާއެއް ނުކުރޭ: ފުލުހުން

މަސްތުވާތަކެތީގެ މައްސަލައެއްގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ ބިދޭސީއަކަށް އަނިޔާކުރި ކަމަށް ކުރެވޭ ތުހުމަތުތަކާ ގުޅިގެން، އެފަދަ އެއްވެސް ޝަކުވާއެއް އެ މީހާގެ ފަރާތުން ލިބިފައިނުވާ ކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ވިދާޅުވެއްޖެއެވެ.

މި މައްސަލައަކީ ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރުސީއެމް) އިން މިހާރު ތަޙުޤީޤު ކުރަން ފަށާފައިވާ މައްސަލައެކެވެ.

ފުލުހުން ވިދާޅުވީ، އެޗްއާރުސީއެމުން މި މައްސަލަ ތަޙުޤީޤު ކުރަމުންދާކަން އެ މުއައްސަސާއަށް ރަސްމީކޮށް އަންގާފައިވާ ކަމަށެވެ. އަދި އެ ކޮމިޝަނުން ކުރިއަށްގެންދާ ތަޙުޤީޤަށް ފުލުހުންގެ ފަރާތުން ދޭންޖެހޭ ފުރިހަމަ އެއްބާރުލުން ދޭނެ ކަމުގެ ޔަޤީންކަންވެސް ފުލުހުން ވަނީ ދީފައެވެ.

މި ތުހުމަތުތަކަށް ރައްދު ދެއްވަމުން ފުލުހުން ވިދާޅުވީ، އެ މީހާ ބަންދު ކުރުމުގެ މަރުޙަލާގައި ނުވަތަ ބަންދުގައި ހުރި މުއްދަތުގެ ތެރޭގައިވެސް، އޭނާއަށް އެއްވެސް އަނިޔާއެއް ލިބިފައިވާ ކަމުގެ ޝަކުވާއެއް ކޮށްފައިނުވާ ކަމަށެވެ. އަދި ބަންދުގެ އިޖުރާއަތްތަކުގެ ތެރެއިން މައުލޫމާތު ސާފުކުރިއިރު ވެސް، އަނިޔާގެ އެއްވެސް ވާހަކައެއް ޙިއްސާކޮށްފައި ނުވާ ކަމަށް ފުލުހުން މައުލޫމާތުދެއްވައެވެ.

މީގެ އިތުރުން، އެ މީހާ ބަންދުގައި ހުރި މުއްދަތުގައި ޑޮކްޓަރަށް ދެއްކުމަށް އެދިފައި ނުވާކަންވެސް ފުލުހުން ވަނީ ފާހަގަކުރައްވާފައެވެ. ފުލުހުން މިހެން ވިދާޅުފައިވަނީ، ބިދޭސީ މީހާއަށް އަނިޔާކުރި ކަމަށް ބުނެ ސޯޝަލް މީޑިއާގައި ބައެއް ވާހަކަތައް ފެތުރެމުންދާ ދަނޑިވަޅެއްގައެވެ.

ފަހަކަށް އައިސް މަސްތުވާތަކެތީގެ މައްސަލަތަކުގައި ހައްޔަރުކުރާ ބިދޭސީންގެ އަދަދު ވަނީ އިތުރުވެފައެވެ. އެގޮތުން އިއްޔެ އެކަނިވެސް މަސްތުވާތަކެތީގެ މައްސަލަތަކުގައި 8 ބިދޭސީއަކު ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ.

ރާއްޖޭގައި މަސްތުވާތަކެތީގެ ވިޔަފާރިކުރާ މީހުންނަށް ދޭ އަދަބުތައް ހަރުކަށިކޮށްފައިވާއިރު، މި މަހުގެ 7 ވަނަ ދުވަހުން ފެށިގެން ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރާ މީހުންނަށް މަރުގެ އަދަބު ދޭ ގޮތަށް ޤާނޫނަށް ގެނައި އިސްލާޙަށް މިހާރު ވަނީ އަމަލުކުރަން ފަށާފައެވެ.

ރިއެކްޓް

ރަނގަޅު ރަނގަޅު 0
ސަކަރާތް ސަކަރާތް 0
ލޯބި ލޯބި 0
މަޖާ މަޖާ 0