ޚަބަރު , ދީން

އީދަށް ހަނދު ބެލުން މިމަހު 18 ވަނަ ދުވަހު

10 މާރިޗު 2026 - 15:40
އީދަށް ހަނދު ބެލުން މިމަހު 18 ވަނަ ދުވަހު

މި އަހަރުގެ ފިތުރު އީދަށް ހަނދު ސާބިތު ކުރުން އަންނަ ހަފުތާގެ ބުދަ ދުވަހު އޮންނާނެ ކަމަށް ޑިޕާޓްމަންޓް އޮފް ޖުޑިޝިލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ)އިން ބުނެފިއެވެ. 

އެ އިދާރާއިން ބުނި ގޮތުގައި މި އަހަރުގެ ޝައްވާލް މަހުގެ ހަނދު ބެލުމުގެ ކަންކަން ކުރިއަށްދާނީ މާޗް މަހުގެ 18 ވާ ބުދަ ދުވަހުއެވެ.

ޑީޖޭއޭއިން ކުރި އިއުލާނެއްގައި ބުނެފައިވަނީ، ކުރީ އަހަރުތަކެކޭ ވެސް އެއްފަދައިން މި އަހަރު ވެސް ޝައްވާލް މަހުގެ ހަނދު ދުށް މީހަކު ނުވަތަ ބަޔަކު ހެކިބަސް އަދާކުރުމުގެ އިންތިޒާމުތައް ހަމަޖެހިފައިވާ ކަމަށެވެ. އެގޮތުން މާލޭގައި ނަމަ، މާލޭގެ ކޯޓެއްގެ ގާޒީއެއްގެ ކުރިފުޅު މަތީގައި އަދި އަތޮޅުތެރޭގެ ރަށެއްގައިނަމަ، އެ ރަށެއްގެ މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓުގެ ކުރިފުޅު މަތީގައި ހެކިބަސް ދެވޭނެއެވެ.

މެޖިސްޓްރޭޓެއް ގާއިމުވެ ނެތް ރަށެއްގައިނަމަ، އެ ވަގުތަކު އެ ރަށެއްގެ މެޖިސްޓްރޭޓް ކޯޓާ ހަވާލުވެ ހުންނެވި މެޖިސްޓްރޭޓެއްގެ ކުރިފުޅުމަތީގައި ހެކިބަސް ދެވޭނެ ކަމަށް ޑީޖޭއޭ އިން ވިދާޅުވިއެވެ.

ހަނދު ފެނިގެން އެ މައުލޫމާތު ދޭއިރު، ގާތްގަނޑަކަށް ހަނދުހުރި އުސްމިނާއި، މިސްރާބާއި، އަދި މި ނޫން ވެސް މިފަދަ މުހިންމު މައުލޫމާތުތައް ހިއްސާކުރަން ޖެހޭނެ ކަމަށް ޑީޖޭއޭގެ އިއުލާނުގައި ބުނެފައިވެއެވެ. ޝައްވާލް މަހުގެ ހަނދުގެ މައްސަލަ ވަކިގޮތަކަށް ނިމެންދެން، ރޯދަ މަހުގެ 29 ވާ ބުދަ ދުވަހުގެ ހަވީރު 5:30 އިން ފެށިގެން ޑީޖޭއޭގެ އިތުރުން ރަށްރަށުގެ މެޖިސްޓްރޭޓް ކޯޓުތަކާއި، ކައުންސިލް އިދާރާތައް ހުޅުވިފައި ހުންނާނެއެވެ.

ވީމާ، މި އަހަރުގެ ޝައްވާލް މަހުގެ ހަނދު ދުށް މީހަކު ނުވަތަ ބަޔަކު ވީ އެންމެ އަވަހަކަށް މާލޭގައިނަމަ ޑީޖޭއޭއަށް، އަދި ރަށްރަށުގައިނަމަ އެ ރަށެއްގެ މެޖިސްޓްރޭޓް ކޯޓަށް ހާޒިރުވެ ހަނދާބެހޭ މައުލޫމާތު ދިނުމަށް ވަނީ އެދިފައެވެ. ހެކިބަސް އަދާކުރުމަށްޓަކައި އައުމާއި ދިއުމުގެ ހަރަދު ދޭ ގޮތަށް ހަމަޖެހިފައިވާ ކަމަށް ވެސް އެ އިދާރާއިން ބުނެއެވެ.

މިކަމާ ބެހޭ އިތުރު މައުލޫމާތު ހޯދުމަށް ބޭނުންވާ ފަރާތްތަކުން ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުގެ ނަންބަރު 3340828 އަށް ގުޅުމަށް އެ އިދާރާއިން އިރުޝާދު ދެއެވެ.

ރިއެކްޓް

ރަނގަޅު ރަނގަޅު 0
ސަކަރާތް ސަކަރާތް 0
ލޯބި ލޯބި 0
މަޖާ މަޖާ 0