ޚަބަރު , ސިޔާސީ

ދެ އިންތިހާބު އެއްކޮށްލުމަށް ހުށަހެޅުމުގެ ކުރިން އިސްލާހުކުރަންޖެހޭ މުހިންމު ގާނޫނުތަކެއް އެބަހުރި: ސުއޫދު

10 މާރިޗު 2026 - 09:00
ދެ އިންތިހާބު އެއްކޮށްލުމަށް ހުށަހެޅުމުގެ ކުރިން އިސްލާހުކުރަންޖެހޭ މުހިންމު ގާނޫނުތަކެއް އެބަހުރި: ސުއޫދު
ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު ހުސްނުއްސުއޫދު. ފޮޓޯ: ރައީސް އޮފީސް

ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެއްކޮށްލުމަށް ހުށަހެޅުމަށްވުރެ އިސްލާހުކުރަންޖެހޭ މުހިންމު ގާނޫނުތައް ހުރިކަމަށް ބުނެ ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު ހުސްނުއްސުއޫދު ކަންބޮޑުވުން ފާޅުކުރައްވައިފި އެވެ.

ދެ އިންތިހާބު އެއްކޮށްލުމާ ދެކޮޅަށް ކުރިއަށްގެންދާ ކެމްޕޭން ވީޑިއޯއެއްގައި ވާހަކަ ދައްކަވަމުން ސުއޫދު ވިދާޅުވީ، އިންތިހާބުތައް އެއްކޮށްލުމުގެ ކުރިން ގާނޫނު އަސާސީއަށް ގެންނަންޖެހޭ މާ މުހިންމު އިސްލާހުތަކެއް އެބަހުރި ކަމަށާއި އެ ކަންތަތައް ނުކޮށް އިންތިހާބުތައް އެއްކޮށްލުން އެޖެންޑާގެ އެންމެ ކުރިއަށް އައުމުން ސަރުކާރުގެ ނިޔަތާއި މެދު ސުވާލު އުފެދޭކަމަށެވެ.

ސުއޫދު ފާހަގަކުރެއްވި ގޮތުގައި، މިހާރުން މިހާރަށް ހައްލުކުރަންޖެހޭ އެންމެ ބޮޑު އެއް މައްސަލައަކީ ކޮންމެ ފަސް އަހަރަކުން ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ އަދަދު އިތުރުވަމުންދާ ދިއުމެވެ. މެމްބަރުންގެ އަދަދު އިންތިހާއަށް އިތުރުވުން ހުއްޓުވުމަށް ގާނޫނީ ފިޔަވަޅުތަކެއް އެޅުމަކީ އިންތިހާބުތައް އެއްކޮށްލުމަށްވުރެ މާ މުހިންމު ކަމެއްގެ ގޮތުގައި އޭނާ ސިފަކުރެއްވި އެވެ.

މީގެ އިތުރުން، ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް ސިޔާސީ ނުފޫޒު ފޯރުވުން ހުއްޓުވުމަކީވެސް ކޮންމެހެން ކުރަންޖެހޭ ކަމެއްކަމަށްވެސް ސުއޫދު ފާހަގަކުރެއްވި އެވެ.

"ސިޔާސީ ހުރިހާ ފަރާތްތަކުންވެސް އިއްތިފާގުވާކަމެއް އެއީ ޖޭއެސްސީ އެކުލެވިފައި އޮތީ އެންމެ ރަނގަޅަށް ނޫންކަމަށާއި، އެއީ ބަދަލު ގެންނަ ޖެހޭ ތަނެއްކަން ނުވަތަ އެކުލެވެގެންވާގޮތް ބަދަލުކުރަންޖެހޭކަން އެންމެންވެސް ގަބޫލު ކުރޭ"، ސުއޫދު ވިދާޅުވި އެވެ.

މީގެ އިތުރުން ދައުލަތުގެ މިނިވަން މުއައްސަސާތައް ކަމަށްވާ އިލެކްޝަންސް ކޮމިޝަނާއި އެންޓި ކޮރަޕްޝަން ކޮމިޝަނަށް ނުފޫޒު ފޯރުވުން ހުއްޓުވުމަށް ގާނޫނީ އޮނިގަނޑަށް ބަދަލުތަކެއް ގެންނަންޖެހޭކަން އޭނާ ފާހަގަކުރައްވާ، ސިޔާސީ މުވައްޒަފުންގެ އަދަދު މަދުކުރުމާއި، މަޖިލީހުގެ އަގުލަބިއްޔަތު ގަދަކަމުން ހިފަހައްޓައިގެން ނޫން ގޮތަކަށް ރައީސުލްޖުމްހޫރިއްޔާއަށް ވެރިކަން ކުރަން ދަތިވެފައިވާ މައްސަލައަށްވެސް ހައްލެއް ބޭނުންވާކަމަށް ވިދާޅުވި އެވެ.

ސުއޫދު ވަނީ މިފަދަ މުހިންމު އިސްލާހުތަކެއް ގެންނަން ހުރިއިރު، އިންތިހާބުތައް އެއްކޮށްލުމުގެ ރެފެރެންޑަމް އެޖެންޑާގެ އެންމެ ކުރިއަށް އައި ސަބަބާމެދު ސުވާލު އުފައްދާފަ އެވެ. އަދި މިކަން ކުރަނީ ހެޔޮ ނިޔަތެއްގައިތޯ ސުވާލު ކުރައްވައި، ސަރުކާރުން މިކަން ރައްޔިތުންނަށް ސާފުކޮށްދޭންޖެހޭނެ ކަމަށް ސުއޫދު ފާހަގަ ފާހަގަކުރެއްވި އެވެ.

ރިއެކްޓް

ރަނގަޅު ރަނގަޅު 0
ސަކަރާތް ސަކަރާތް 0
ލޯބި ލޯބި 0
މަޖާ މަޖާ 0