ޚަބަރު , ސިޔާސީ

ޕީއެންސީގެ ހަރަދު ކުޑަކުރުމަކީ ދައުލަތް ހިންގުމުގެ ހަރަދު ކުޑަކުރުމެއް ނޫން: އީވާ

8 މާރިޗު 2026 - 16:44
ޕީއެންސީގެ ހަރަދު ކުޑަކުރުމަކީ ދައުލަތް ހިންގުމުގެ ހަރަދު ކުޑަކުރުމެއް ނޫން: އީވާ
މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އީވާ ވާހަކަދައްކަނީ. ފޮޓޯ: ވިރާސީ

ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެއްކޮށްލުމަކީ ދައުލަތުގެ ހަރަދު ކުޑަކުރުމުގެ ބަދަލުގައި، ސަރުކާރު ހިންގާ ޕާޓީގެ ކެމްޕެއިން ހަރަދު ކުޑަކުރުމަށް ކުރާ ކަމެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނައިބު ރައީސް އީވާ އަބްދުﷲ ވިދާޅުވެއްޖެ އެވެ.

އީވާ މިހެން ވިދާޅުވީ ދެ އިންތިހާބު އެއްކޮށްލުމާ ދެކޮޅަށް މިއަދު މެންދުރު ސިޔާސީ ފަރާތްތަކާއި ގާނޫނީ ވަކީލުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުންނެވެ.

ދެ އިންތިހާބު އެއްކޮށްލަނީ ހަރަދު ކުޑަކުރަން ކަމަށް ސަރުކާރުން ބުނަމުންދާތީ އެކަމަށް ރައްދު ދެއްވަމުން އީވާ ވިދާޅުވީ، ދައުލަތުގެ ހަރަދު ކުޑަކުރަންށޭ ކިޔާފައި އެ ކުރަން އުޅުއްވާ ކަމަކީ ސަރުކާރު ހިންގާ ޕާޓީ ނުވަތަ ރައީސުލްޖުމްހޫރިއްޔާގެ ޕާޓީއަށް ކެމްޕެއިން ކުރަން ހަރަދު ކުޑަކުރުން ކަމަށެވެ. 

"އެ ކުރާން އުޅޭ ކަމަކީ އެއްފަހަރާ އެއްބުރުން އެއްފަހަރާ ދެ ބާރު އެއް ކެމްޕޭނަކަށް ހަރަދުކޮށްގެން ނަގަން ފަސޭހަ ކުރަނީ،" އީވާ ފާހަގަކުރެއްވި އެވެ.

އީވާ އިތުރަށް ވިދާޅުވީ ސަރުކާރުން މަސައްކަތް ކުރަމުންދަނީ ނާޖާއިޒް ހުރިހާ ވަސީލަތެއް އެއް ކެމްޕޭނަކަށް އަޅައިގެން، ދައުލަތުގެ ދެ ބާރު ސަރުކާރު ހިންގާ ޕާޓީގެ މުށުތެރެއަށް ލުމަށް ކަމަށެވެ. އަދި ދެ އިންތިހާބު އެއްކޮށްލަނީ ޑިމޮކްރަސީ ހަރުދަނާކުރަން ކަމަށް މި ސަރުކާރުން ބުނުމަކީ ޑިމޮކްރަސީއަށް ކުރާ މަލާމާތެއްގެ ގޮތުގައި އޭނާ ސިފަކުރެއްވި އެވެ.

މިއަދު ބޭއްވި މި ނޫސްވެރިންގެ ބައްދަލުވުމުގައި އީވާގެ އިތުރުން ސިޔާސީ ދާއިރާގެ އިސް ބޭފުޅުންނާއި ގާނޫނީ މާހިރުން ބައިވެރިވެވަޑައިގެންނެވި އެވެ. އޭގެ ތެރޭގައި ކުރީގެ އުއްތަމަ ފަނޑިޔާރު އަހުމަދު އަބްދުﷲ ދީދީ، ކުރީގެ މަޖިލިސް މެމްބަރު އަދި ގާނޫނީ ވަކީލު އަލީ ހުސެއިން، ކުރީގެ ޑިފެންސް މިނިސްޓަރު މާރިޔާ ދީދީ، ކުރީގެ މަޖިލިސް މެމްބަރު ހަސަން ލަތީފު އަދި ކުރީގެ ހެލްތު މިނިސްޓަރު އަބްދުﷲ އަމީން ހިމެނިވަޑައިގަންނަވަ އެވެ. މީގެ އިތުރުން، މަދަނީ ޖަމްއިއްޔާއެއް ކަމަށްވާ ޓްރާންސްޕޭރެންސީ މޯލްޑިވްސްގެ ފަރާތުން އައިމަން ރަޝީދު ވެސް މި ބައްދަލުވުމުގައި ބައިވެރިވެ، އިންތިހާބުތަކާ ގުޅޭގޮތުން ހުރި ކަންބޮޑުވުންތައް ވަނީ ހިއްސާކޮށްފަ އެވެ.

ދެ އިންތިހާބު އެއްކޮށްލަން ފެނޭތޯ ބަލަން އާންމުންގެ މެދުގައި ނަގާ ވޯޓު އޮންނާނީ ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގެ ވޯޓުލާ ދުވަހާ އެއްދުވަހެއްގަ އެވެ. 

ރިއެކްޓް

ރަނގަޅު ރަނގަޅު 0
ސަކަރާތް ސަކަރާތް 0
ލޯބި ލޯބި 0
މަޖާ މަޖާ 0