ހިރިމަރަދޫ ރައްޔިތުން ހަނިމާދޫއަށް ބަދަލުކުރާއިރު ހަނިމާދޫގައި ބިން ނެތްކަމުގެ ކަންބޮޑުވުން
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ހާއްސަ ގަރާރަކުން ހދ. ހިރިމަރަދޫ ރައްޔިތުން ހަނިމާދޫއަށް ބަދަލުކުރުމަށް ސަރުކާރުން ނިންމާފައިވާ ނިންމުމާއެކު، ހަނިމާދޫގެ ރައްޔިތުންނާއި ޒުވާނުން އެ ނިންމުމަށް ފާޑުކިޔައި ކަންބޮޑުވުން ފާޅުކުރަން ފަށައިފިއެވެ.
ވަކިން ހާއްސަކޮށް، ހަނިމާދޫގެ ބިމުގެ ދަތިކަން އިންތިހާއަށް ބޮޑުވެފައިވާ ދަނޑިވަޅެއްގައި، ހަނިމާދޫ ރައްޔިތުންގެ ޒަރޫރަތްތަކަށް ބޭނުންވާ ބިން ނުދީ އެހެން ރަށެއްގެ ބަޔަކަށް ބިން ދޫކުރުމަކީ ހަނިމާދޫއަށް އުފަން ރައްޔިތުންގެ ހައްގުތަކަށް އުނިކަން އަންނާނެ ކަމެއް ކަމަށް ބުނެ އެރަށުގެ ރައްޔިތުން ދަނީ ސޯޝަލް މީޑިއާގެ އެކީ ވަސީލަތްތަށް މެދުވެރިކޮށް ސަރުކާރާއި ރައީސް މުއިއްޒަށް ފާޑުކިޔަމުންނެވެ.
ހަނިމާދޫގެ ޒުވާނުންނާއި ރައްޔިތުންގެ އެންމެ ބޮޑު ޝަކުވާއަކީ، ރަށުގެ ރައްޔިތުންނަށް ގެވަޅު ދިނުމަށް ލޭންޑް ޔޫސް ޕްލޭންގައި ރަށުގެ ކައުންސިލުން ކަނޑައަޅައި ފާސްކޮށްފައިވާ ބިންތައް އަތުލައި، އެހެން ރަށަކުން ބަދަލުކުރާ ބަޔަކަށް ދިނުމަށް ސަރުކާރުން ނިންމުމެވެ. ގެވަޅަށް ޝަރުތު ހަމަވެފައިވާ އެތައް ޒުވާނުންނެއް ތިއްބައި، އެމީހުންނަށް ގެވަޅު ދިނުން ހުއްޓުވުމަށްފަހު، ހިރިމަރަދޫ ރައްޔިތުންނަށް އެ ބިމުގައި ގެއަޅައި ތަޅުދަނޑި ހަވާލުކުރަން އުޅުމަކީ ބޮޑު ބޭއިންސާފެއް ކަމަށް ރައްޔިތުން ދަނީ ބުނަމުންނެވެ..
މިއީ ހަނިމާދޫގެ ރައްޔިތުންނަށް ރައީސް މުއިއްޒު ވެފައިވާ ވަޢުދުތަކާ ޚިލާފުވުން ކަމަށްވެސް އެފަރާތްތަކުން ބުނެއެވެ.
ހަނިމާދޫގެ ބިމުގެ މައްސަލަ އިތުރަށް ގޯސްވަނީ އެކި ބޭނުންތަކަށް ރަށުން ބޮޑެތި ބިންތައް ހުސްކުރަން ޖެހުމުންނެވެ. އެގޮތުން އެމް.އެން.ޑީ.އެފް އަށް ރަށުން ބޮޑު ބިމެއް ދޭންޖެހުމާއި، އެއާޕޯޓްގެ ސޭފްޒޯނަށް ރަށުތެރެއިން ބޮޑު ސަރަހައްދެއް ހުސްކުރަން ޖެހުމަކީ ރައްޔިތުންގެ ކަންބޮޑުވުން އޮތް ކަމެކެވެ. އަދި ރަންވޭ ބޮޑުކުރާއިރު 900 ފޫޓުގެ ބިމެއް އިތުރަށް ގެއްލިގެން ދާއިރު ރަށުގައި އިތުރަށް ބޭނުން ކުރެވޭނެ ބިންކޮޅެއް ނެތެވެ.
މީގެ އިތުރުން ހަނިމާދޫއިން 'ހިޔާވަހި' ލޯނަށް އެދި ހުށަހެޅި އެއްވެސް ފަރާތަކަށް ލޯނު ދޫކޮށްފައި ނުވުމަކީ ރައްޔިތުންގެ މާޔޫސްކަން އިތުރުވާ ކަމެކެވެ. އަމިއްލަ ރަށުގެ ރައްޔިތުންނަށް ގެދޮރު ނޭޅި ނުތަނަވަސްކަމެއްގައި ތިއްބައި، އެހެން ރަށެއްގެ ބަޔަކަށް ހައުސިންގް ޔުނިޓްތައް އަޅައިދިނުމަކީ ހަނިމާދޫގެ ޒުވާނުންނަށް ވެވޭ ބޭއިންސާފެއްގެ ގޮތުގައި ރައްޔިތުން ސިފަކުރެއެވެ.
ހިރިމަރަދޫ ރައްޔިތުންނަށް ގެދޮރު އެޅުމަށް ކަނޑައަޅާފައިވާ ސަރަހައްދަކީ ގުދުރަތީ ގޮތުން މުއްސަނދި، ކަނޑޫފަލާއި ގިނަ އަދަދެއްގެ ރުއްގަސް ހުރި ސަރަހައްދެކެވެ. މި ސަރަހައްދުން ރުއްގަސް ކެނޑުމަކީ ރަށުގެ ތިމާވެއްޓަށް ބޮޑެތި ގެއްލުންތަކެއް ލިބި، ރަށުގެ ގުދުރަތީ ރީތިކަން ގެއްލޭނެ ކަމެކެވެ. މީގެ އިތުރުން، އެ ސަރަހައްދުން އާމްދަނީ ހޯދާ ދަނޑުވެރިންނާއި، އެހެނިހެން މަސައްކަތްކުރާ ފަރާތްތަކުގެ ދިރިއުޅުމަށް ބޮޑު ހުރަހެއް އެޅިގެންދާނެއެވެ. ޓޫރިޒަމަށް ފައްކާކުރާ ރަށެއްގެ ގޮތުގައި އޮވެ، މިފަދަ ގުދުރަތީ ރީތިކަން ގެއްލުވާލުމަކީ ބަލައިގަނެވޭނެ ކަމެއް ނޫންކަމަށްވެސް ރައްޔިތުން ދަނީ ބުނަމުންނެވެ.
ހަނިމާދޫގެ ރައްޔިތުން ބުނާ ގޮތުގައި އެމީހުން އުޅެނީ އެއްފަސްކުރުމުގެ ސިޔާސަތަށް ހުރަސް އެޅުމަކަށް ނޫނެވެ. ނަމަވެސް، ބިން ރައްކާތެރިކުރެވޭނެ ގޮތަކަށް އިންސާފުގެތެރެއިން އެކަންކުރުމަށެވެ. އެގޮތުން، ބިން ހިއްކައިގެން ނުވަތަ ފްލެޓް ޓަވަރުތައް ބިނާކޮށްގެން މީހުން އާބާދުކުރުމަކީ ބިން އިސްރާފުނުވެ، ގިނަ ބަޔަކަށް ފުރުސަތު ލިބޭނެ ގޮތެއް ކަމަށް ރައްޔިތުން ދެކެއެވެ. ރަށުގައި އޮތް ކުޑަ ކުޑަ ބިންކޮޅު ކަނޑާފައި ގޯތި ދޭ އުސޫލަށް އެހެން ރަށްރަށުގެ މީހުން އެރަށަށް ބަދަލުކުރުމަކީ ހަނިމާދޫގެ ރައްޔިތުންނާއި އެ ރަށަށް ބަދަލުވާ އެހެން ރަށްރަށުގެ މީހުންގެ މުސްތަގުބަލަށްވެސް އޮތް ބިރެއް ކަމުގައި "ވިރާސީ" އަށް މައުލޫމާތު ދެމުން އެ ރަށުގެ ޒުވާނަކު ބުންޏެވެ.
މީގެ އިތުރުން ހަނިމާދޫގައި ގޯއްޗަށް ބޭނުންވެފައިތިބި ރައްޔިތުންނާއި ހިރިމަރަދޫއިން ބަދަލުވާ މީހުނަށް ގޯތިދޭނެ ތަނެއް ކަނޑައެޅުމަށް މިރޭ ހަނިމާދޫ ކައުންސިލުން ބާއްވާ ރައްޔިތުންގެ މަޝްވަރާ ބައްދަލުވުމުގައި ބައިވެރިވެ ވީހާވެސް ގިނަ ރައްޔިތުންގެ ހިޔާލު ފާޅުކުރުމަށް ހަނިމާދޫ ޒުވާނުން އެދެއެވެ.






ރިއެކްޓް