ޚަބަރު

ފްލެޓް ކުއްޔަށް ދޭ ފަރާތްތައް ޖޫރިމަނާކޮށް ފްލެޓް އަތުލާނަން: ހަމްދާން

7 މާރިޗު 2026 - 15:11
ފްލެޓް ކުއްޔަށް ދޭ ފަރާތްތައް ޖޫރިމަނާކޮށް ފްލެޓް އަތުލާނަން: ހަމްދާން

ސަރުކާރުން ހުޅުމާލެ ދެވަނަ ފިޔަވަހީގައި ތަރައްގީކޮށްފައިވާ ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) ގެ ފްލެޓްތައް ތިންވަނަ ފަރާތަކަށް ކުއްޔަށް ދޫކޮށްފިނަމަ، ބައިލައްކަ ރުފިޔާއިން ޖޫރިމަނާކޮށް ފްލެޓް އަތުލާނެ ކަމުގެ އިންޒާރު އެ ކޯޕަރޭޝަނުން ދީފިއެވެ.

އެފްޑީސީގެ މެނޭޖިން ޑިރެކްޓަރު ހަމްދާން ޝަކީލް މިކަން ހާމަކުރެއްވީ، އެ ކޯޕަރޭޝަނުން ދޫކޮށްފައިވާ 3 ކޮޓަރީގެ އެޕާޓްމެންޓެއް މަހަކު 23,000 ރުފިޔާއަށް ކުއްޔަށް ދިނުމަށް މީސްމީޑިއާގައި އިޝްތިހާރުކުރި މައްސަލައެއް ފެންމަތިވުމާ ގުޅިގެންނެވެ. މިއީ ސަރުކާރުން އެ ފްލެޓްތަކަށް ކަނޑައަޅާފައިވާ 11,500 ރުފިޔާގެ ކުއްޔަށްވުރެ ދެގުނަ ބޮޑު އަގެކެވެ.

މިކަމާ ގުޅޭގޮތުން ހަމްދާން ވިދާޅުވީ، އިޖްތިމާއީ ބޯހިޔާވަހިކަމުގެ ދަށުން ދޫކުރާ މި ފްލެޓްތަކަކީ ތިންވަނަ ފަރާތަކަށް ކުއްޔަށް ދެވޭނެ ތަންތަން ނޫން ކަމަށާއި އެފަދަ އަމަލެއް ހިންގައިފިނަމަ 50,000 ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރުމުގެ އިތުރުން، ވެފައިވާ އެއްބަސްވުން އުވާލައި ފްލެޓް އަތުލެވޭނެ ކަމަށެވެ.

"މިއީ އިޖްތިމާޢީ ބޯހިޔާވަހިކަމުގެ މަޝްރޫއިތަކުގެ އަސާސީ މަގްސަދާ ހިލާފު ކަމެއް. ފްލެޓްތައް ބޭނުންކޮށްގެން ނާޖާއިޒު ފައިދާ ހޯދުމަކީ އެތައް ދިވެހި ރައްޔިތުންގެ ހައްގަށް އަރައިގަތުން،" ހަމްދާން ޝަކީލް ވިދާޅުވިއެވެ.

ހުޅުމާލޭގައި ތަރައްގީކޮށްފައިވާ 4,000 ހައުސިން ޔުނިޓަކީ ފިނިޝިން މަސައްކަތްތައް ނިންމުމަށްފަހު ހަވާލުކުރާ ތަންތަނެވެ. މި ތަންތަން ލިބޭ ފަރާތްތަކުގެ ލިސްޓު ކަނޑައަޅަނީ މިނިސްޓްރީ އޮފް ހައުސިން، ލޭންޑް އެންޑް އާބަން ޑިވެލޮޕްމަންޓުންނެވެ. އެފްޑީސީން އެއްބަސްވުންތަކުގައި ސޮއިކުރަމުން ދަނީ އެ ވުޒާރާއިން ފޮނުވާ ރަސްމީ ލިސްޓާ އެއްގޮތަށެވެ. 

އެފްޑީސީއިން ވަނީ މީގެކުރިންވެސް އެގޮތަށް ބޮޑުއަގުގައި ބިދޭސީންނަށް ފްލެޓް ކުއްޔަށް ދިން ފަރާތެއް ޖޫރިމަނާކޮށްފައެވެ.

ރިއެކްޓް

ރަނގަޅު ރަނގަޅު 0
ސަކަރާތް ސަކަރާތް 0
ލޯބި ލޯބި 0
މަޖާ މަޖާ 0