ފަހު ދިހައެއްގައި ދަމުނަމާދު ކުރާނެ މިސްކިތްތައް ކަނޑައަޅައިފި
ރަމަޟާންމަހުގެ ފަހު ދިހައެއްގައި މާލޭ ސަރަހައްދުގެ 35 މިސްކިތެއްގައި ޖަމާއަތުގައި ދަމު ނަމާދު ކުރާނެކަމަށާއި އަދި 25 މިސްކިތެއްގައި އިޢުތިކާފަށް ތިބެވޭނެ އިންތިޒާމް ހަމަޖައްސާފައިވާކަމަށް އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާއިން ވިދާޅުވެއްޖެއެވެ.
ކޮންމެ އަހަރެއްގެވެސް ރަމަޟާންމަހުގެ ފަހު 10 އެއްގައި ދަމުނަމާދާއި އިއުތިކާފަށް ތިބޭ މިސްކިތްތައް ކަނޑައަޅާ އެ އިންތިޒާމް އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާއިން އަންނަނީ ހަމަޖައްސަމުންނެވެ.
އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ހާމަކުރެއްވި ތަފްސީލްތަކަށް ބަލާއިރު، މާލޭގައި ހުރި މިސްކިތްތަކުގެ ތެރެއިން 21 މިސްކިތަކާއި ވިލިމާލޭގެ 3 މިސްކިތެއްގައި ދަމުނަމާދު ކުރާނެއެވެ. އަދި ހުޅުމާލެ ފުރަތަމަ ފިޔަވަހީގެ 6 މިސްކިތުގައާއި ދެވަނަ ފިޔަވަހީގެ 5 މިސްކިތެއްގައިވެސް ދަމުނަމާދު ކުރުމުގެ އިންތިޒާމް ވަނީ ހަމަޖައްސާފައެވެ.
އިއުތިކާފަށް ތިބުމުގެ އިންތިޒާމްތަކަށް ބަލާއިރު، މާލޭގެ 16 މިސްކިތެއްގައި އެ ފުރުސަތު ވަނީ ހުޅުވާލާފައެވެ. މީގެ އިތުރުން ވިލިމާލޭގެ މަސްޖިދުލްބިއްރީގައާއި، ހުޅުމާލެ ފުރަތަމަ ފިޔަވަހީގެ 5 މިސްކިތެއްގެ އިތުރުން ދެވަނަ ފިޔަވަހީގެ 3 މިސްކިތެއްގައިވެސް އިއުތިކާފަށް ތިބެވޭނެ ކަމަށް އެ ވުޒާރާއިން ވިދާޅުވިއެވެ.
ކޮންމެ ރަމަޟާން މަހެއްގެ ފަހު 10 އެއްގައި މާލޭގެ އިތުރަށް ރާއްޖޭގެ އެކި ރަށްރަށުގައިވެސް ދަމުނަމާދުކޮށް އުޅެއެވެ. އާންމުގޮތެއްގައި މިސްކިތްތަކުގައި ދަމުނަމާދުކުރަން ފަށަނީ މެންދަމު 2:00 އިން ފެށިގެންނެވެ.
ދަމުނަމާދަކީ، އިޝާނަމާދަށްފަހު ކިތަންމެ ކުޑަ ހިނދުކޮޅަކުނަމަވެސް ނިދާލުމަށްފަހު ތެދުވެ، ފަތިސްވަގުތުގެ ކުރިން ދެރަކުޢަތުން، ދެރަކުޢަތުން ސަލާމްދެމުން ކުރާ ގަދަވެގެންވާ ސުންނަތް ނަމާދެކެވެ. މިއީ ހަމައެކަނި ރަމަޟާންމަހު ކުރާ ނަމާދެއް ނޫން ނަމަވެސް، ރަމަޟާން މަހުގެ މަތިވެރިކަމާއި ސަވާބާއި ދަރުމަ އިތުރުވުމާއެކު، މި މައްސަރުގައި ދަމުނަމާދުކުރުމަށް މުސްލިމުން ދޭ ސަމާލުކަން ވަރަށް ބޮޑަށް އިތުރުވެގެންދެއެވެ.






ރިއެކްޓް