އިސްލާމް ދީނަށް ފުރައްސާރަ ކުރި މީހަކު ހޯދަނީ
އިސްލާމް ދީނަށް ފުރައްސާރަ ކުރި ކަމަށް ތުހުމަތު ކުރެވޭ މައްސަލައަކާ ގުޅިގެން މީހަކު ހޯދުމަށް ފުލުހުން އޭނާގެ ވަނަވަރު އާންމުކޮށްފިއެވެ. މި މައްސަލައިގައި ފުލުހުން ހޯދަމުން އަންނަނީ ނ. ކުޑަފަރި، ހިޔަލީގެ، ހުސައިން ޔޫސުފް (44އ) އެވެ.
ފުލުހުން ބުނި ގޮތުގައި އޭނާގެ މައްޗަށް ކުރެވެނީ އިސްލާމްދީނަށް ތައުހީނުކޮށް ފުރައްސާރަކުރުމާއި، ދިވެހި ރައްޔިތުންގެ އެއްބައިވަންތަކަން ނަގާލަން މަސައްކަތްކުރުމުގެ ތުހުމަތެވެ. މީގެ އިތުރުން މީހުންގެ މެދުގައި ދީނީ ގޮތުން ބައިބައިވުން އުފެދޭ ބާވަތުގެ ވާހަަކައާއި އިސްލާމްދީނުގެ އަސްލުތަކާ ގުޅޭ ގޮތުން ދޮގު މައުލޫމާތު، މީސްމީޑިއާގެ ޕްލެޓްފޯމެއް ކަމަށްވާ ޓިކްޓޮކް މެދުވެރިކޮށް ފެތުރިކަމުގެ ތުހުމަތުވެސް އޭނާގެ މައްޗަށް ވަނީ ކުރެވިފައެވެ.
މި މައްސަލައިގެ ތަހުގީގަށް އޭނާ ހާޒިރުކުރަން ބޭނުންވި ނަމަވެސް، އުޅޭ ވަކިތަނެއް ނޭނގުމުގެ ސަބަބުން ތަހުގީގަށް ހާޒިރުވުމުގެ ޗިޓު ރައްދުކުރެވިފައި ނުވާ ކަމަށް ފުލުހުން މައުލޫމާތު ދެއެވެ. އެހެންކަމުން، ޖިނާއި މައްސަލަތައް ތަހުގީގުކުރުމުގައި ފުލުހުން އަމަލުކުރާނެ އިޖުރާއަތުގެ ގަވާއިދުގެ 27 ވަނަ މާއްދާގައިވާ ގޮތުގެމަތިން އޭނާ ހާޒިރުވުމަށް މިހާރު ވަނީ އާންމުކޮށް އަންގާފައެވެ.
ފުލުހުން ވިދާޅުވީ، ހުސައިން ޔޫސުފް ހާޒިރު ކުރަނީ މި މައްސަލައިގައި އޭނާއާ ސުވާލު ކުރުމަށެވެ. އެގޮތުން މިހިނގާ މާޗް މަހުގެ 18 ވަނަ ދުވަހުގެ 12:00 އަށް ސާޖަންޓް އާދަމް ހަލީމް ކްރިމިނަލް އިންވެސްޓިގޭޝަން ބިލްޑިންއަށް ހާޒިރުވުމަށް ފުލުހުން ވަނީ އޭނާއަށް އަންގާފައެވެ.






ރިއެކްޓް