ޚަބަރު , ދީން

މާލޭގެ ހުރިހާ މިސްކިތެއްގައި މިއަދު ހުކުރު ނަމާދު ކުރާނީ ޒުވާން ހަތީބުން

6 މާރިޗު 2026 - 10:06
މާލޭގެ ހުރިހާ މިސްކިތެއްގައި މިއަދު ހުކުރު ނަމާދު ކުރާނީ ޒުވާން ހަތީބުން
ޒުވާން ހަތީބުންތަކެއް، ފޮޓޯ: ޕީއެސްއެމް

މާލެ ސަރަހައްދުގެ ހުރިހާ މިސްކިތެއްގައި މިއަދު ހުކުރު ނަމާދު ކުރާނީ ޒުވާން ހަތީބުން ކަމަށް އިސްލާމިކް މިނިސްޓްރީން ވިދާޅުވެއްޖެއެވެ. މިއީ މުޅި މާލޭ ސަރަހައްދުގައި ހުންނަ ހުރިހާ މިސްކިތެއްގައި އެއްފަހަރާ ޒުވާން ހަތީބުން ހުކުރު ކުރާ ފުރަތަމަ ފަހަރެވެ.

އިސްލާމިކް މިނިސްޓްރީން ވަނީ މިއަދުގެ ހުކުރު ނަމާދު މާލެ ސަރަހައްދުގައި ކުރާނެ ޒުވާން ހަތީބުންގެ މައުލޫމާތު އާންމުކޮށްފައެވެ. މީގެ ކުރިން ވެސް އެކި ފަހަރުމަތިން ޒުވާން ހަތީބުން މާލޭގެ އެކި މިސްކިތްތަކުގައި ހުކުރު ނަމާދު ކޮށްފައިވީ ނަމަވެސް، މިއަދަކީ މާލެ، ހުޅުމާލެ އަދި ވިލިމާލެ ހިމެނޭހެން ހުރިހާ މިސްކިތެއްގައި ޒުވާނުން އިމާމުވެ ހުކުރު ކުރާ ދުވަހެކެވެ.

މިނިސްޓްރީން ހާމަކުރި ގޮތުގައި މާލެ ސަރަހައްދުގެ އެންމެ ބޮޑު ދެ މިސްކިތް ކަމަށްވާ އިސްލާމީ މަރުކަޒާއި ސަލްމާން މިސްކިތުގައި ވެސް މިއަދު ހުކުރު ކުރާނީ ޒުވާން ހަތީބުންނެވެ. އެގޮތުން އިސްލާމީ މަރުކަޒުގައި އަބްދުﷲ ބިން އިމްޖާދު ހުކުރު ކުރާއިރު، ސަލްމާން މިސްކިތުގައި ހުކުރު ކުރާނީ މުހައްމަދު ހަނޫން ހުސައިން އެވެ.

މީގެ އިތުރުން މާލޭގެ އިސްކަންދަރު މިސްކިތުގައި މުހައްމަދު މަބާހް މުހައްމަދު، ޔޫސުފުލް ބަރުބަރީ މިސްކިތުގައި އާޔަން އަހުމަދު އިނާން، އަދި ވިލިމާލޭ ބިއްރި މިސްކިތުގައި އިސްމާއިލް ރަޝީދު ހުކުރު ކުރާނެއެވެ. ހުޅުމާލޭގެ ބޮޑެތި މިސްކިތްތައް ކަމަށްވާ ހަސަން އާދަމް މިސްކިތުގައި މުހައްމަދު ޔަޝައު މުސްތަފާ އަދި ސަލާހުއްދީން މިސްކިތުގައި އަހުމަދު އަލްތާފް މޫގިލް ހުކުރު ކުރާ ގޮތަށް ވަނީ ހަމަޖެހިފައެވެ.

މިއަދުގެ ހުކުރު ހުތުބާ ހާއްސަކޮށްފައިވަނީ "ރަމަޟާން މަހުގެ ފަހު ދިހައެއް" މި މައުޟޫއަށެވެ. ޒުވާން ހަތީބުން ތަމްރީނުކޮށް މިސްކިތްތަކަށް ނެރުމަކީ އިސްލާމިކް މިނިސްޓްރީން ޒުވާނުން ދީނީ ކަންކަމަށް އަހުލުވެރިކުރުވުމަށް ފަށާފައިވާ މުހިންމު މަސައްކަތެކެވެ.

ރިއެކްޓް

ރަނގަޅު ރަނގަޅު 0
ސަކަރާތް ސަކަރާތް 0
ލޯބި ލޯބި 0
މަޖާ މަޖާ 0