ފަރުހާދުގެ މައްޗަށް އޮތީ ތުހުމަތެއް، ސާބިތެއް ނުވޭ: އިހުސާން
ފުލުހުންގެ އިދާރާ ވަގުތީ ގޮތުން ހިންގުމާ ހަވާލުވެވަޑައިގެން ހުންނެވި ޑެޕިއުޓީ ކޮމިޝަނަރު ފަރުހާދު ފިކުރީގެ މައްޗަށް ކުރެވެނީ ތުހުމަތުކަމަށާއި އެއީ ތަހުގީގުން ސާބިތުވެފައިވާ ކަންކަން ނޫން ކަމަށް ހޯމް މިނިސްޓަރު އަލީ އިހުސާން މިއަދު ވިދާޅުވެއްޖެއެވެ.
މިނިސްޓަރު މިހެން ވިދާޅުވީ ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުންނެވެ.
ޕޮލިސް ކޮމިޝަނަރުގެ މަގާމުގައި ހުންނެވި އިސްމާއިލް ނަވީން މަގާމުން ރިޓަޔާ ކުރެއްވުމާ ގުޅިގެން، އެ މަގާމުގެ މަސްއޫލިއްޔަތުތައް ވަގުތީ ގޮތުން މިހާރު ހަވާލުވެފައިވަނީ ފަރުހާދާއެވެ. މީގެ ކުރިން އަލީ ޝުޖާއު ރިޓަޔާ ކުރެއްވި ދަނޑިވަޅުގައި ވެސް ފަރުހާދާ މަގާމު ހަވާލުކުރި ނަމަވެސް، ސޯޝަލް މީޑިއާގައި ފާޑުކިޔުން އަމާޒުވުމާ ގުޅިގެން އެ ނިންމުން ބަދަލުކޮށް އޭރު ނަވީނާ މަގާމު ހަވާލުކުރިއެވެ.
ފަރުހާދުގެ މައްޗަށް ކުރެވޭ މައިގަނޑު ތުހުމަތަކީ، ފެބްރުއަރީ 27، 2025 ގައި އޭނާގެ ފިރިހެން ދަރިފުޅު މަސްތުގެ ހާލަތުގައި ހުރެ ފުލުހަކަށް ހަމަލާދިން މައްސަލައިގައި، މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ދަރިފުޅު ސަލާމަތް ކުރަން އުޅުއްވި ކަމަށް ބުނާ މައްސަލައެވެ. ނަމަވެސް މިނިސްޓަރު އިހުސާން ވިދާޅުވީ އެ މައްސަލަ އެކި މުއައްސަސާތަކުން ބަލާފައިވާ ކަމަށާއި، އެއިން އެއްވެސް ތަނަކުން ފަރުހާދާ މެދު ފިޔަވަޅެއް އަޅަން އަންގާފައި ނުވާ ކަމަށެވެ.
"އެހެންވީމާ އަޅުގަނޑުމެންނަކީ ހުރިހާ މީހުންގެ މައްޗަށް ވެސް ކުރެވޭ ތުހުމަތުތައް ރަނގަޅަށް ބަލައި، އޭގައި ފިޔަވަޅު އަޅަން ޖެހޭ ކަމަށްވާ ނަމަ އެ މައްސަލަތައް ބަލައި، ފިޔަވަޅު އަޅަން ނުޖެހޭ ފަރާތަކަށް ވާނަމަ ބޭއިންސާފުން ނާއިންސާފުން ފިޔަވަޅެއް ނޭޅޭނެ،" މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު އިތުރަށް ތަފްސީލް ކޮށްދެއްވި ގޮތުގައި، ފަރުހާދާ އެކްޓިން ސީޕީގެ މަގާމު ހަވާލުކުރީ މިނިސްޓްރީން ވަކި ނިންމުމެއް ނިންމައިގެންނެއް ނޫނެވެ. އެއީ ގާނޫނުގައި އޮންނަ ގޮތުން، ކޮމިޝަނަރުގެ މަގާމު ހުސްވާ ހާލަތުގައި ޑެޕިއުޓީ ކޮމިޝަނަރަކަށް ހުންނަވާ ބޭފުޅަކަށް އޮޓަމެޓިކުން ހަވާލުވާ މަސްއޫލިއްޔަތެކެވެ. މިވަގުތު ޑެޕިއުޓީ ކޮމިޝަނަރުގެ ރޭންކުގައި ހުންނެވީ ފަރުހާދު އެކަނި ކަމަށް ވެސް މިނިސްޓަރު ފާހަގަކުރެއްވިއެވެ.
ފަރުހާދަކީ 2021 ވަނަ އަހަރު ޕޮލިސް ބޯޑުން ވަޒީފާއިން ވަކިކުރަން ނިންމި ހަތް އޮފިސަރުންގެ ތެރޭގައި ހިމެނޭ ބޭފުޅެކެވެ. ނަމަވެސް، އޭނާ ވަކިކުރީ ގޯސްކޮށް ކަމަށް ސިވިލް ކޯޓުން ހުކުމް ކުރުމާ ގުޅިގެން އޭނާ ވަނީ އަލުން ވަޒީފާއަށް ނިކުމެވަޑައިގެންފައެވެ. ދައުލަތުން އެ މައްސަލަ އިސްތިއުނާފު ކުރި ނަމަވެސް ފަހުން ވަނީ އެ މައްސަލަ އަނބުރާ ގެންގޮސްފައެވެ.






ރިއެކްޓް