ޚަބަރު

ދޮޅު މަސްތެރޭ 7،000 ވޭޕް ސްޓިކާއި 2 މިލިއަނެއްހާ ސިނގިރޭޓު އަތުލައިގެންފި

5 މާރިޗު 2026 - 11:42
ދޮޅު މަސްތެރޭ 7،000 ވޭޕް ސްޓިކާއި 2 މިލިއަނެއްހާ ސިނގިރޭޓު އަތުލައިގެންފި
މިނިސްޓަރ އިހުސާން، ފޮޓޯ: ރައީސް އޮފީސް

ފާއިތުވި ދޮޅު މަހެއްހާ ދުވަހުގެ ތެރޭގައި ރާއްޖެއަށް ގަވާއިދާ ހިލާފަށް އެތެރެކުރަން އުޅުނު 7,000 އަށްވުރެ ގިނަ ވޭޕް ސްޓިކާއި ދެ މިލިއަނެއްހާ ސިނގިރޭޓު ކަސްޓަމްސްއިން އަތުލައިގެންފައިވާ ކަމަށް ދާހިލީ ސަލާމަތާއި ފެންނިޔަތާއި ބެހޭ ވަޒީރު އަލީ އިހުސާން ވިދާޅުވެއްޖެއެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ވަޒީރު އިހުސާން ވިދާޅުވީ، ރާއްޖޭގެ ގާނޫނާއި ގަވާއިދުތަކާ ހިލާފަށް އެތެރެކުރާ ތަކެތި ހިފެހެއްޓުމަށް ކަސްޓަމްސްއިން ވަރަށް ބުރަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށެވެ. "އެގޮތުން ކުރެވުނު މަސައްކަތުގައި ފާއިތުވެދިޔަ ދޮޅު މަހުގެ ތެރޭގައި ވަނީ 7,000 ވޭޕް ސްޓިކް އަތުލައިގެންފައި. އަދި ދެ މިލިއަނެއްހާ ސިނގިރޭޓް ވަނީ އަތުލައިގެންފައި،" ވަޒީރު ވިދާޅުވިއެވެ.

މީގެ އިތުރުން، ކަސްޓަމްސްއިން ހިންގި އެކި އޮޕަރޭޝަންތަކުގައި އަށް މައްސަލައަކުން 72 ކިލޯގެ މަސްތުވާތަކެތި އަތުލައިގެންފައިވާ ކަމަށްވެސް ވަޒީރު ހާމަކުރެއްވިއެވެ. މި ތަކެތި އަތުލައިގަނެފައިވަނީ އެއްގަމާއި، ވައިގެ މަގުގެ އިތުރުން ކަނޑުމަގުން ރާއްޖެއަށް އެތެރެކުރަން އުޅެނިކޮށް ކަމަށާއި، އަތުލައިގަތް މަސްތުވާތަކެތީގެ މަގުމަތީ އަގު 59 މިލިއަން ރުފިޔާއަށް އަރާނެ ކަމަށް ވަޒީރު ވިދާޅުވިއެވެ.

ރާއްޖެއަށް ވޭޕް އާއި ވޭޕް ކުރުމަށް ބޭނުންވާ ތަކެތި އެތެރެކުރުން 15 ނޮވެމްބަރު 2024 އިން ފެށިގެން ވަނީ މަނާކޮށްފައެވެ. އަދި 15 ޑިސެމްބަރު 2024 އިން ފެށިގެން ރާއްޖޭގައި ވޭޕް ބޭނުންކުރުމާއި، ގެންގުޅުމާއި، ވިޔަފާރިކުރުން ވަނީ މުޅިން މަނާކޮށްފައެވެ.

މި ސަރުކާރުން ވަނީ ދުންފަތް ކޮންޓްރޯލް ކުރުމާ ބެހޭ ގާނޫނަށް އިސްލާހު ގެނެސް، ދުންފަތުގެ އުފެއްދުންތައް ވިއްކޭނެ އެންމެ ހަގު އުމުރަކީ 21 އަހަރު ކަމަށް ކަނޑައަޅާފައެވެ. 

ރިއެކްޓް

ރަނގަޅު ރަނގަޅު 0
ސަކަރާތް ސަކަރާތް 0
ލޯބި ލޯބި 0
މަޖާ މަޖާ 0