މިއަދުވެސް ރާއްޖެއަށް ދަތުރުކުރާ ގިނަ ފްލައިޓްތަކެއް ކެންސަލް
މެދުއިރުމަތީގައި ހިނގަމުން އަންނަ ހަމަނުޖެހުން ސަބަބުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) އަށް މިއަދު އައުމަށް ހަމަޖެހިފައިވާ އަދި ފުރުމަށް ހަމަޖެހިފައިވާ ގިނަ ފްލައިޓްތަކެއް ކެންސަލް ކޮށްފިއެވެ.
މެދުއިރުމަތީގައި އުފެދިފައިވާ ނުތަނަވަސްކަން ބޮޑު ހަނގުރާމައަކަށް ބަދަލުވެދާނެ ކަމުގެ ބިރު އޮތްއިރު، އީރާނާއި އިސްރާއީލުން ދެމުން އަންނަ ހަމަލާތަކާ ގުޅިގެން ގިނަ އެއާލައިންތަކުން ވަނީ ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން އެ ސަރަހައްދުގެ ގައުމުތަކަށް ކުރާ ދަތުރުތައް މެދުކަނޑާލާފައެވެ. މީގެ ސަބަބުން ރާއްޖެއަށް ދަތުރުކުރާ ރޫޓްތަކަށްވެސް ވަނީ ބޮޑެތި ބަދަލުތަކެއް އައިސްފައެވެ.
ވީއައިއޭގެ ފްލައިޓްތަކުގެ މައުލޫމާތު އާންމުކުރާ ވެބްސައިޓުން ދައްކާ ގޮތުގައި، މިއަދު ރާއްޖެއަށް އައުމަށް ހަމަޖެހިފައިވާ އަދި ފުރުމަށް ހަމަޖެހިފައިވާ 30 އާ ގާތްކުރާ އަދަދެއްގެ ފްލައިޓް ވަނީ ކެންސަލް ކޮށްފައެވެ. މީގެ ތެރޭގައި ހިމެނެނީ މެދުއިރުމަތީގެ މައިގަނޑު އެއާލައިންތައް ކަމަށްވާ އެއާ އަރަބިއާ، އިއްތިހާދު އެއާވޭސް، ގަތަރު އެއާވޭސް، އެމިރޭޓްސް އަދި ފްލައި ދުބާއީ އެވެ.
މި ހާލަތާ ގުޅިގެން ރާއްޖެ އަންނަ ފްލައިޓްތަކުގެ އަދަދު މަދުވި ނަމަވެސް، އިތުރު މަންޒިލްތަކުން ފްލައިޓްތައް ގެނައުމަށް މަސައްކަތް ދަނީ ކުރަމުންނެވެ. ޓްރާންސްޕޯޓް މިނިސްޓަރު އަމީން އިއްޔެ ވިދާޅުވި ގޮތުގައި، ފާއިތުވި ދުވަސްތަކުގައި މީގެ ކުރިން ދަތުރުތައް ނުކުރާ އާ ފަސް މަންޒިލަކުން ރާއްޖެއަށް ފްލައިޓްތައް ވަނީ އަންނަން ފަށާފައެވެ.






ރިއެކްޓް