ޚަބަރު

ޝިފާއު އަށް އިއްވި ރާއްޖޭގެ އެންމެ ދިގު ޖަލު ހުކުމް އިސްތިއުނާފުކޮށްފި

4 މާރިޗު 2026 - 10:41
ޝިފާއު އަށް އިއްވި ރާއްޖޭގެ އެންމެ ދިގު ޖަލު ހުކުމް އިސްތިއުނާފުކޮށްފި
ހުސައިން ޝިފާއު، ފޮޓޯ: ޕޮލިސް

ސައްހަ ނޫން ޓެލެގްރަފިކް ޓްރާންސްފާ (ޓީޓީ) ތަކެއް ފޮނުވައިގެން ބޭރު ކުންފުނިތަކަކަށް އޮޅުވާލައިގެން ގިނަ އަދަދެއްގެ މުދާ ހޯދި މައްސަލާގައި 109 އަހަރަށް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން ކުރި ހުކުމް ހުސައިން ޝިފާއުގެ ފަރާތުން ހައި ކޯޓުގައި އިސްތިއުނާފުކޮށްފިއެވެ. މިއީ ރާއްޖޭގެ ތާރީޚުގައި އެކެއްގެ މައްޗަށް އިއްވި އެންމެ ދިގު ޖަލު ހުކުމެވެ.

ކްރިމިނަލް ކޯޓުން ޝިފާއުގެ މައްޗަށް 109 އަހަރުގެ ޖަލު ހުކުމެއްގެ އިތުރުން ހަތް މިލިއަން ރުފިޔާގެ ޖޫރިމަނާއެއް ކޮށްފައިވަނީ އޭނާގެ މައްޗަށް ދައުލަތުން އުފުލި 23 ދައުވާއެއް ސާބިތުވުމާ ގުޅިގެންނެވެ. ޝިފާއުގެ ފަރާތުން މި މައްސަލަ ހައި ކޯޓަށް ހުށަހަޅާފައިވީ ނަމަވެސް، އެ ކޯޓުން މައްސަލަ ބަލައިގަތުމާ މެދު އަދި ވަކި ގޮތެއް ނިންމާފައެއް ނުވެއެވެ.

ޝިފާއުގެ މައްޗަށް ސާބިތުވި ދައުވާތަކުގެ ތެރޭގައި ސައްހަ ނޫން ލިޔުމެއް ދިނުމުގެ ނުވަ ދައުވާއަކާއި، މަކަރާއި ހީލަތް ހެދުމުގެ ހަތް ދައުވާއެއްގެ އިތުރުން މަނީ ލޯންޑްރިންގެ ހަތް ދައުވާއެއް ހިމެނެއެވެ. މި މައްސަލަތަކުގައި އޭނާ ވަނީ 1.9 މިލިއަން ރުފިޔާގެ މުދާ މަކަރާއި ހީލަތުން ހޯދާފައެވެ. އަދަބުތައް ކަނޑައެޅި އިރު މަނީ ލޯންޑްރިންގެ ދައުވާތަކަށް 70 އަހަރު، މަކަރާއި ހީލަތުގެ ދައުވާތަކަށް 30 އަހަރު އަދި ސައްހަ ނޫން ލިޔުން ދިނުމުގެ ދައުވާތަކަށް ނުވަ އަހަރުގެ ޖަލު ހުކުމެއް ވަނީ އައިސްފައެވެ.

މި މައްސަލާގައި ދައުލަތުން ޝިފާއާއެކު އިއުތިރާފުގެ އެއްބަސްވުމެއް ކުރިން ހަދާފައިވީ ނަމަވެސް، ކްރިމިނަލް ކޯޓުން އެ އެއްބަސްވުން ބަލައިނުގަތުމަށް ނިންމީ އެއީ މައްސަލައިގެ ކަން ހިނގާފައިވާ ގޮތަށް ރިއާޔަތްކޮށް ހަދާފައިވާ އެއްބަސްވުމަކަށް ނުވާތީއެވެ. ޝިފާއު އަކީ މި ސަރުކާރުގެ ސިޔާސީ މަގާމަކަށްވެސް އައްޔަންކުރި މީހެކެވެ. ނަމަވެސް މައްސަލަ ފެންމަތިވުމާއެކު އޭނާ ވަނީ މަގާމުން ވަކިކޮށްފައެވެ.

ޝިފާއު މީގެ ކުރިން ހައްޔަރުކޮށްފައި ވަނިކޮށް ކޯޓުން ދޫކޮށްލުމުން އޭނާ ވަނީ ރާއްޖެއިން ބޭރަށް ފުރައިގެން ގޮސްފައެވެ. އެހެންކަމުން އޭނާ ހޯދުމަށް އިންޓަޕޯލް ރެޑް ނޯޓިސްވެސް ނެރުނެވެ. ޝިފާއު އަލުން ހައްޔަރުކުރީ އިންޓަޕޯލް ނޯޓިސް ނެރެފައި ވަނިކޮށް އެނބުރި ރާއްޖެ އައުމުންނެވެ.

ރިއެކްޓް

ރަނގަޅު ރަނގަޅު 0
ސަކަރާތް ސަކަރާތް 0
ލޯބި ލޯބި 0
މަޖާ މަޖާ 0