ދިއްދޫ ފުޓްބޯޅަ ދަނޑު ތަރައްގީކުރުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފި
ހއ. ދިއްދޫ ފުޓްބޯޅަ ދަނޑު ޒަމާނީ ފެންވަރަށް ތަރައްގީކުރުމުގެ މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާ އިއްޔެ ހަވާލުކޮށްފިއެވެ.
މިނިސްޓްރީ އޮފް ސްޕޯޓްސް، ފިޓްނަސް އެންޑް ރެކްރިއޭޝަންގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި މި އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ޑެޕިއުޓީ މިނިސްޓަރު މުހައްމަދު ފައްޔާޒު އެވެ. އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ޖަމްޝީދު އެވެ.
މި މަޝްރޫއަކީ ޖުމްލަ 28.50 މިލިޔަން ރުފިޔާ ހަރަދުކޮށްގެން ކުރިއަށްގެންދާ މަޝްރޫއެކެވެ. މި މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ 360 ދުވަހުގެ ތެރޭގައި ނިންމާގޮތަށެވެ.
މި މަޝްރޫއުގެ ދަށުން ދިއްދޫ ފުޓްބޯޅަ ދަނޑުގެ ސަބްބޭސް ތައްޔާރުކުރުމާއި، ޕިޗު އެޅުމުގެ އިތުރުން ދަނޑުގެ ބައުންޑަރީ ފާރު ރޭނުމާއި ފެންސް ޖެހުމުގެ މަސައްކަތް ކުރާނެއެވެ. މީގެ އިތުރުން، ދަނޑުގައި ލައިޓިން ސިސްޓަމް ހަރުކުރުމާއި، ރޮސްޓްރަމް ހެދުމުގެ މަސައްކަތް ވެސް މި މަޝްރޫއުގެ ދަށުން ކުރިއަށްދާނެއެވެ.
މި މަޝްރޫއު ނިމުމުން ދިއްދޫގެ ކުޅިވަރުގެ އުމްރާނީ ތަރައްގީއަށް ބޮޑު ކުރިއެރުމެއް ލިބި، ރަށުގެ ޒުވާނުންނަށް ރަނގަޅު ފެންވަރެއްގެ ދަނޑެއްގައި ކުޅިވަރު ކުޅުމުގެ ފުރުސަތު ފަހިވެގެންދާނެއެވެ.






ރިއެކްޓް