ޚަބަރު , ސިޔާސީ

މާލީ ވުޒާރާގެ ރިޕޯޓްތައް އާންމު ނުކުރާތާ ދެ މަސް

3 މާރިޗު 2026 - 20:25
މާލީ ވުޒާރާގެ ރިޕޯޓްތައް އާންމު ނުކުރާތާ ދެ މަސް
މާލީ ވުޒާރާ ހުންނަ އިމާރާތް. ފޮޓޯ: ވިރާސީ

މާލީ ވުޒާރާއިން ކޮންމެ ހަފްތާއަކު އަދި ކޮންމެ މަހަކު މަހަކު އާންމުކުރާ ފިސްކަލް ރިޕޯޓްތައް އާންމު ނުކުރާތާ ދެ މަސް ވެެއްޖެ އެވެ. އެންމެ ފަހުން މި ވުޒާރާއިން ރިޕޯޓުތަށް އާންމުކޮށްފައިވަނީ މިދިޔަ ޑިސެމްބަރުމަހު އެވެ.

އެ މިނިސްޓްރީގެ ރަސްމީ ވެބްސައިޓުގައިވާ ރެކޯޑްތަކުން ދައްކާ ގޮތުގައި، އެންމެ ފަހުން އާންމުކޮށްފައިވާ 'ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓް' ރިޕޯޓަކީ 31 ޑިސެމްބަރު 2025 އަށް ނިޔާވި މުއްދަތުގެ ރިޕޯޓެވެ. އަދި އެންމެ ފަހުން ލިބެން ހުރި 'މަންތްލީ ފިސްކަލް ޑިވެލޮޕްމަންޓް' ރިޕޯޓަކީ ނޮވެމްބަރު 2025 ގެ ރިޕޯޓެވެ. ޑިސެމްބަރު މަހުގެ ނުވަތަ 2026 ވަނަ އަހަރުގެ އެއްވެސް އަދާހަމައެއް މިހާތަނަށް އާންމުކޮށްފައެއް ނުވެ އެވެ.

މި ރިޕޯޓްތަކަކީ ދައުލަތުގެ އާމްދަނީ، ހަރަދު، ދަރަނި އަދި ޑެފިސިޓް ހުރި ގޮތް ބެލުމަށް އިގްތިސާދީ މާހިރުންނާއި، މާލީ އިދާރާތަކާއި، ސިޔާސަތު ކަނޑައަޅާ ފަރާތްތަކުން ބޮޑަށް ބޭނުންކުރާ ރިޕޯޓްތަކެކެވެ.

މި ރިޕޯޓުތަކަކީ އާންމުކޮށް މާލީ ވުޒާރާއިން ކޮންމެ ހަފްތާއަކު އަދި ކޮންމެ މަހަކު އާންމުކުރަމުން އަންނަ ރިޕޯޓުތަކެވެ. ނަމަވެސް މި ސަރުކާރު އައިފަހުން މި ރިޕޯޓުތަށް އާންމުކުރުމުގައި ލަސްތަކެއްވެ އެވެ. 

މި ރިޕޯޓްތައް އާންމުކުރުން މެދުކެނޑިފައި މިވަނީ، ދައުލަތުގެ ދަރަނި އިތުރުވުމާއި ބޭރުގެ ފައިނޭންސިންގް ހޯދުމުގެ ދަތިތަކަށް އާންމުންގެ ސަމާލުކަން ވަރަށް ބޮޑަށް ހުއްޓިފައިވާ ދަނޑިވަޅެއްގަ އެވެ.

ރިއެކްޓް

ރަނގަޅު ރަނގަޅު 0
ސަކަރާތް ސަކަރާތް 0
ލޯބި ލޯބި 0
މަޖާ މަޖާ 0