ޚަބަރު

ސްކޫޕަކީ ގޭންގެއް ކަމަށް ކަނޑައެޅުމުގެ އަޑުއެހުންތައް ސިއްރުކޮށްފި

3 މާރިޗު 2026 - 15:47
ސްކޫޕަކީ ގޭންގެއް ކަމަށް ކަނޑައެޅުމުގެ އަޑުއެހުންތައް ސިއްރުކޮށްފި
ދިވެހިރާއްޖޭގެ ހައިކޯޓު

ކުށުގެ ވެށީގައި ހަރަކާތްތެރިވާ ގްރޫޕަކީ ގޭންގެއް ކަމަށް ކަނޑައެޅުމަށާއި އެ ގްރޫޕުން ހިންގާ ހުރިހާ ކުޅިވަރު ހަރަކާތްތައް ހުއްޓުވައި، އެ ގްރޫޕަށް ނިސްބަތްވާ މީހުންނަކީ ގޭންގް މެމްބަރުން ކަމަށް ކަނޑައަޅަން ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން (ޕީޖީ) ހައި ކޯޓަށް ހުށަހެޅި މައްސަލައިގެ ޝަރީއަތް ސިއްރު ކޮށްފިއެވެ.

މިއީ މިދިޔަ އަހަރު އަމަލުކުރަން ފެށި ގޭންގް ކުށުގެ ގާނޫނުގެ ދަށުން، ގްރޫޕަކީ ގޭންގެއް ކަމަށް ކަނޑައަޅަން ކޯޓަށް ހުށަހެޅި ފުރަތަމަ މައްސަލައެވެ.

އައްޑޫ ސިޓީގައި ހަރަކާތްތެރިވާ "ސްކޫޕް" ގްރޫޕާ ގުޅޭގޮތުން ހުށަހަޅާފައިވާ މި މައްސަލައިގެ އިބްތިދާއީ އަޑުއެހުމެއް ރޭ ވަނީ ބާއްވާފައެވެ. މި އަޑުއެހުމުގައި މައްސަލަ ބަލާ ބެންޗުން ނިންމީ ޝަރީއަތް އާންމުކޮށް ހުޅުވާނުލައި ކުރިއަށް ގެންދިއުމަށެވެ. ޝަރީއަތް ސިއްރުކުރަން ނިންމީ، ސްކޫޕް ގްރޫޕުގެ ފަރާތުން ހުށަހެޅި އިޖުރާއީ ނުކުތާތަކަކަށް ރިއާޔަތްކުރުމަށްފަހުއެވެ. އެ ގްރޫޕުން ފާހަގަކޮށްފައިވާ ގޮތުގައި، މި މައްސަލަ ހުޅުވާލައިގެން ކުރިއަށް ގެންގޮސްފިނަމަ، ދަށު ކޯޓުތަކުގައި ހިނގަމުންދާ އެ ގްރޫޕްގެ މެންބަރުންގެ ޝަރީއަތްތަކަށް އޭގެ އަސަރު ފޯރާނެއެވެ.

ޕީޖީ އޮފީހުން ހައި ކޯޓުގައި އެދިފައިވަނީ "ސްކޫޕު"، "ސްކޫޕު ކަންމަތި" ނުވަތަ "SKP" ގްރޫޕަކީ ގޭންގުތަކުން ހިންގާ ކުށްތަކާއި އެ ނޫންވެސް ނުރައްކާތެރި ކުށްތައް ހުއްޓުވުމުގެ ގާނޫނުގެ ދަށުން އިންތިޒާމުވެފައިވާ ކުށްކުރާ ގްރޫޕެއް ކަމަށް ކަނޑައަޅައިދިނުމަށެވެ. މީގެ އިތުރުން އެ ގްރޫޕަށް ނިސްބަތްވާ ކަމަށް ފާހަގަކުރެވޭ ނުވަ މީހަކީ ގޭންގް މެންބަރުން ކަމަށް ކަނޑައަޅައިދިނުމަށްވެސް ވަނީ އެދިފައެވެ.

މި މައްސަލައިގެ ތެރެއިން ޕީޖީން ވަނީ އިތުރު އަމުރުތަކަކަށްވެސް އެދިފައެވެ. އެގޮތުން އެ ގްރޫޕާ ގުޅުން އޮންނަ ކަމަށް ބެލެވޭ "އެސްކޭޕީ ސްޕޯޓްސް ކްލަބް" އުވާލުމަށް ކޮމިޝަނާ އޮފް ސްޕޯޓްސްގެ މައްޗަށް އަމުރުކުރުމަށާއި، އައްޑޫގެ އެކި ތަންތަނުގައި ލިޔެފައިވާ ގްރޫޕްގެ ނަންތަކާއި ނިޝާންތައް ފޮހެލުމަށް އައްޑޫ ސިޓީ ކައުންސިލްގެ މައްޗަށް އަމުރުކޮށްދިނުމަށްވެސް ވަނީ ހުށަހަޅާފައެވެ.

ހައި ކޯޓުގައި މި މައްސަލަ ބައްލަވަނީ ފަނޑިޔާރު މުހައްމަދު ޝަނީޒް އަބްދުﷲ އާއި ފަނޑިޔާރު އަބްދުއްމާނިއު ހުސައިން އަދި ފަނޑިޔާރު އިބްރާހީމް މާހިރެވެ. ފުލުހުންގެ ފަރާތުން މިފަދަ ދެވަނަ މައްސަލައެއް ޕީޖީއަށް ހުށަހެޅި ނަމަވެސް، މިއީ ގޭންގް ކުށުގެ ގާނޫނުގެ ދަށުން ކޯޓާ ހަމައަށް ފޯރި ފުރަތަމަ މައްސަލަކަން ފާހަގަކޮށްލެވެއެވެ.

ރިއެކްޓް

ރަނގަޅު ރަނގަޅު 0
ސަކަރާތް ސަކަރާތް 0
ލޯބި ލޯބި 0
މަޖާ މަޖާ 0