ޚަބަރު , ދުނިޔެ

އިންޑޮނީޝިއާއަށް އައި ބިންހެލުމުގެ އަސަރެެއް ރާއްޖެއަށް ނުކުރާނެ: މެޓް

3 މާރިޗު 2026 - 15:05
އިންޑޮނީޝިއާއަށް އައި ބިންހެލުމުގެ އަސަރެެއް ރާއްޖެއަށް ނުކުރާނެ: މެޓް

އިންޑޮނީޝިއާގެ ސުމަޓްރާގެ އުތުރުގެ ސަރަހައްދަށް މިއަދު އައި ބާރުގަދަ ބިންހެލުމުގެ ސީދާ ނުރައްކަލެއް ރާއްޖެއަށް ނެތް ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް އޮފީސް) އިން ހާމަކޮށްފިއެވެ. މި ބިންހެލުން އައިސްފައިވަނީ ރާއްޖެ ގަޑިން މިއަދު ހެނދުނު 10:00 ހާއިރުއެވެ.

މެޓް އޮފީހުން މައުލޫމާތު ދިން ގޮތުގައި، މި ބިންހެލުން އައިސްފައިވަނީ 6.1 މެގްނިޓިއުޑްގެ ބާރުމިނުގައެވެ. މި ބިންހެލުން އައި ސަރަހައްދަކީ ދިވެހިރާއްޖޭގެ ވެރިރަށް މާލެއާ ގާތްގަނޑަކަށް 2,581 ކިލޯމީޓަރު ދުރު ސަރަހައްދެކެވެ. އެ އިދާރާއިން ބުނީ ބިންހެލުން އައި ސަރަހައްދާއި އޭގެ ބާރުމިނަށް ބަލާއިރު، ރާއްޖެއަށް މީގެ އެއްވެސް އަސަރެއް ކުރާނެ ކަމަށް ނުބެލެވޭ ކަމަށެވެ.

ސުމަޓްރާ ސަރަހައްދަކީ އާންމުކޮށް ބިންހެލުންތައް އަންނަ ސަރަހައްދެކެވެ. އެގޮތުން ޑިސެމްބަރު 26، 2004 ގައި އެ ސަރަހައްދަށް 9.2 މެގްނިޓިއުޑްގެ ބާރުމިނުގައި އައި ބިންހެލުމަކީ ދުނިޔެއަށް ތިންވަނައަށް އެންމެ ބާރުގަދަ ބިންހެލުމެވެ. އެ ފަހަރު އުފެދުނު ސުނާމީގެ ސަބަބުން ރާއްޖެއަށް ބޮޑެތި ގެއްލުންތަކެއް ލިބި، ގިނަ ބަޔަކު މަރުވެ، އެތައް ބަޔަކު ގެދޮރު ގެއްލި ހާލުގައި ޖެހުނެވެ.

ސައިންސްވެރިން ބުނާ ގޮތުގައި ބިންހެލުން އާންމުކޮށް އުފެދެނީ ބިމުގެ އަޑީގައިވާ ޓެކްޓޯނިކް ދެ ޕްލޭޓު ގުޅޭ ސަރަހައްދުތަކުގައި، އެއް ޕްލޭޓު އަނެއް ޕްލޭޓްގެ ހަރަކާތްތަކާ ގުޅިގެން އަންނަ ގުޑުމެއްގެ ސަބަބުންނެވެ. އެ ގޮތަށް ދެ ޕްލޭޓު ޖެހުމުން، އެ ސަރަހައްދުގައި ޖަމާވެފައި ހުންނަ ހަކަތަ ބޭރުވެ، ސެސްމިކް ރާޅުތަކެއް އުފެދި ބިންހެލުން އުފެދެން މެދުވެރިވެއެވެ.

މިއަދު އައި ބިންހެލުމާ ގުޅިގެން ރާއްޖޭގެ ކަމާބެހޭ އިދާރާތަކުން ދަނީ ހާލަތު މޮނިޓަރ ކުރަމުންނެވެ. ނަމަވެސް މިހާތަނަށް ބެލި ބެލުމުން ރާއްޖެއަށް އެއްވެސް ނުރައްކަލެއް އޮތް ކަމުގެ ނިޝާނެއް ފެނިފައެއް ނުވެއެވެ.

ރިއެކްޓް

ރަނގަޅު ރަނގަޅު 0
ސަކަރާތް ސަކަރާތް 0
ލޯބި ލޯބި 0
މަޖާ މަޖާ 0