އިންޑިއާ އެއްބަސްވުންތަކުގައި ހުރި ގައުމީ ސަލާމަތަށް ނުރައްކާވާ ކަންކަން ހާމަނުކުރެވޭނެ: ރައީސް
އިންޑިއާ އެއްބަސްވުންތަކުގައި ހުރި ގައުމީ ސަލާމަތަށް ނުރައްކާވާ ކަންކަން ހާމަކުރުމަކީ އެމަނިކުފާނުގެ ރިޔާސީ ވައުދެއްކަމުގައި ވީނަމަވެސް އެކަންކަން ހާމަ ނުކުރެވޭނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ.
މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވިދާޅުވީ، ކުރިން އެއްބަސްވުންތައް އޮތް ގޮތުން ގައުމީ ސަލާމަތަށް ނުރައްކާވާ ކަންކަން ހުރި ނަމަވެސް، މިހާރު އެކަންކަން އިސްލާހު ކުރެވިފައިވާ ކަމަށެވެ.
"މިހާރަކު ނުހުންނާނޭ ގައުމީ ސަލާމަތަށް ނުރައްކާވާ އެއްވެސް ކަމެއް އެއްބަސްވުމަކު. އެއިރުގައި އެ ހުރީ ބަދަލުތައް، މިހާރަކު އޮތް އެއްބަސްވުމަކު ނޯންނާނޭ ގައުމީ ސަލާމަތަށް ނުރައްކާ އޮތް އެއްވެސް ކަމެއް،" ރައީސް ވިދާޅުވިއެވެ.
އިންޑިއާގެ އެއްބަސްވުންތަކުން އުނިކުރި މާއްދާތަކާ ގުޅޭގޮތުން ނޫސްވެރިން ސުވާލު ދެންނެވުމުން، ރައީސް ވިދާޅުވީ އެއީ ގައުމީ ސަލާމަތާ ގުޅުންހުރި ކަންކަން ކަމަށްވާތީ އެ ތަފްސީލުތައް ހާމަކުރެވެން ނެތް ކަމަށެވެ. "އެ އުނިކުރި ކަންކަމަކީ ކޮބައިކަން ގައުމީ ސަލާމަތަށް ނުރައްކާވަންޏާ ހާމައެއް ނުކުރެވޭނެ،" ރައީސް ވިދާޅުވިއެވެ.
ޕީއެންސީން އިދިކޮޅުގައި އޮތްއިރު، ނިމިދިޔަ ސަރުކާރުން އިންޑިއާއާއެކު ވެފައިވާ އެއްބަސްވުންތަކުގެ ސަބަބުން ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތަށް އުނިކަން އަންނަ ކަމަށް ބުނެ ވަރަށް ބޮޑަށް ފާޑުކިޔާފައިވެއެވެ. އޭގެ ތެރޭގައި ހައިޑްރޯގްރަފީ އެއްބަސްވުމާއި، އުތުރު ތިލަފަޅުގެ އެއްބަސްވުމުގެ އިތުރުން ޑޯނިއާ އަދި ހެލިކޮޕްޓަރު އޮޕަރޭޓް ކުރުމުގެ އެއްބަސްވުންތައް ހިމެނެއެވެ.
ރައީސް މުއިއްޒަކީ އޭރު އެއްބަސްވުންތަކުގެ ވާހަކަ ވަރަށް ގިނައިން ދައްކަވައި، އެއްބަސްވުންތަކާއި ދެކޮޅަށް އަމަލީގޮތުން މަގުމަތީ ހަރަކާތްތަކުގައި އުޅުއްވި ބޭފުޅެކެވެ. އަދި ރާއްޖޭގައި 2000 އަށްވުރެ ގިނަ އިންޑިއާ ސިފައިން ތިބިކަމަށް ބުނެ ސާބިތުނުހިފޭ އެތައް ވާހަކައެއް އޭރު އެމަނިކުފާނު ދައްކަވާފައިވެއެވެ.
ނަމަވެސް ސަރުކާރު ބަދަލުވުމާއިއެކު އެމަނިކުފާނުގެ ރާގު އެއްކޮށް ބަދަލުވިއެވެ. އިންޑިއާ ސިފައިންގެ "އަދަދު މަދުވެ" އިންޑިއާއާއި އޮތް ގުޅުން މުހިންމުކަމަށް ބުނަން ފެށުމުން އެމަނިކުފާނު ކުރިން ދެއްކި ހުރިހާ ވާހަކައަކީ ސިޔާސީ ބާރު ހޯދަން ދެއްކި ވާހަކަ ކަމަށް ބުނެ ރައްޔިތުންގެ ފާޑުކިޔުން އަމާޒުވިއެވެ.
މި ސަރުކާރުން މިހާތަނަށް އިންޑިއާއާއި އެކު ހަދާފައިވާ ހައިޑްރޯގްރަފީ އެއްބަސްވުން އުވާލާފައިވާއިރު، އެހެން އެއްބަސްވުންތަކަށް ބަދަލުގެނައި ކަމަށް ބުނި ނަމަވެސް ބަދަލުތަކުގެ އެއްވެސް ތަފްސީލެއް އަދި ހާމައެއް ނުކުރެއެވެ.






ރިއެކްޓް