ދެ ކިލޯއަށް ވުރެ ގިނަ މަސްތުވާތަކެއްޗާއެކު ތިން މީހަކު ހައްޔަރުކޮށްފި
ވައިގެ މަގުން ރާއްޖެއަށް އެތެރެކުރަން އުޅުނު ދެ ކިލޯއަށް ވުރެ ގިނަ މަސްތުވާތަކެއްޗާއެކު ތިން މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.
ފުލުހުން ހާމަކުރެއްވި ގޮތުގައި މި މީހުން ހައްޔަރުކޮށްފައިވަނީ 2026 ފެބުރުވަރީ 28 ވަނަ ދުވަހު ހިންގި އޮޕަރޭޝަނެއްގައެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ މެލޭޝިއާގެ ރައްޔިތެއް ކަމަށްވާ ރަންޖިނި ޖީވަނަންތަން (38އ) އާއި، ގދ. ވާދޫ / ފުރުސަތު، ލޫޠު އިބްރާހީމް (29އ) ގެ އިތުރުން ގއ. ދާންދޫ / ސަންލައިޓްވިލާ، އަޙްމަދު ރިޝްމާހް (21އ) އެވެ.
މީގެ ތެރެއިން ރަންޖިނި ޖީވަނަންތަން ހައްޔަރުކޮށްފައިވަނީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުންނެވެ. އަދި ލޫޠު އިބްރާހީމާއި އަޙްމަދު ރިޝްމާހް ހައްޔަރުކޮށްފައިވަނީ މާލެއިން ކަމަށް ފުލުހުން މައުލޫމާތު ދެއްވައެވެ.
މި މައްސަލާގައި ހައްޔަރުކުރި މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، ރަންޖިނި ޖީވަނަންތަން އާއި ލޫޠު އިބްރާހީމް 15 ދުވަހުގެ މުއްދަތަށް ބަންދުގައި ބޭތިއްބުމަށް ވަނީ އަމުރުކޮށްފައެވެ. އަދި އަޙްމަދު ރިޝްމާހް ބަންދުކުރުމަށް އަމުރުކޮށްފައިވަނީ ފަސް ދުވަހުގެ މުއްދަތަށެވެ.
މި މައްސަލަ ފުލުހުންގެ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓުން އިތުރަށް ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން ވިދާޅުވިއެވެ.






ރިއެކްޓް