އެމެރިކާ އާއި އިޒްރޭލުގެ ހަމަލާތަކުގައި އީރާންގެ ކުރީގެ ރައީސް އަހްމަދީނިޖާދު އަވަހާރަކޮށްލައިފި
އެމެރިކާ އާއި އިޒްރޭލުން އީރާނަށް އިއްޔެ ދިން ފުރަތަމަ ހަމަލާތަކުގައި އީރާންގެ ކުރީގެ ރައީސް މަހްމޫދު އަހްމަދީނިޖާދު އަވަހާރަކޮށްލާފައިވާ ކަމަށް ބައެއް މެދުއިރުމަތީގެ ހަބަރުފަތުރާ އިދާރާތަކުން ބުނެފި އެވެ.
އިޒްރޭލާއި އެމެރިކާގެ ބައެއް މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި އަހްމަދީނިޖާދު އަވަހާރަވީ އީރާންގެ ރޫހީ ލީޑަރު އާޔަތުﷲ އަލީ ޚާމަނާއީ އާއި ސަރުކާރުގެ އެހެން އިސް ބޭފުޅުންނަށް އަމާޒުކޮށް ޕާޝްތޫރު ސަރަހައްދަށް ދިން ހަމަލާތަކުގައެވެ. އެ ސަރަހައްދަކީ ސަރުކާރުގެ އިސް ވެރިން ދިރިއުޅުއްވާ ސަރަހައްދެކެވެ. ރިޕޯޓްތައް ބުނާ ގޮތުގައި އަހްމަދީނިޖާދު އަވަހާރަވީ ތިން ބޮޑީގާޑުންނާ އެކު ހުންނަވަނިކޮށް އެމަނިކުފާނުގެ ގެކޮޅަށް ދިން ހަމަލާއެއްގައެވެ.
އީރާންގެ ރައީސްކަން 2005 ވަނަ އަހަރުން ފެށިގެން 2013 ވަނަ އަހަރާ ހަމައަށް ކުރެއްވި އަހްމަދީނިޖާދަކީ އީރާންގެ ސިޔާސީ މައިދާނުގައި ފާހަގަކޮށްލެވޭ ޝަޚްޞިއްޔަތެކެވެ. އެމަނިކުފާނު ވަނީ 2017 ވަނަ އަހަރާއި 2021 ވަނަ އަހަރު އަދި 2024 ވަނަ އަހަރު ވެސް ރިޔާސީ އިންތިޚާބަށް ކުރިމަތިލައްވައިފައެވެ. ނަމަވެސް އެއިން ކޮންމެ ފަހަރަކު ވެސް އީރާންގެ ޝޫރާ ކައުންސިލުން ވަނީ އެމަނިކުފާނުގެ ނަން ފާސް ނުކުރަން ނިންމައިފައެވެ.
ހުޅަނގާއި އެމެރިކާއާ ދެކޮޅަށް ހަރުކަށި އަދި ޖެހިލުން ކުޑަ ސިޔާސަތެއް ގެންގުޅުއްވި އަހްމަދީނިޖާދަކީ އީރާންގެ ނިއުކްލިއާ ޕްރޮގްރާމް ކުރިއެރުވުމުގައި ހުޅަނގުގެ އިންޒާރުތަކަށް ބެއްލެވުމެއް ނެތި މަސައްކަތް ކުރެއްވި ލީޑަރެކެވެ. އެމަނިކުފާނަކީ އިޒްރޭލާ ދެކޮޅަށް ފާޅުގައި ވަރުގަދަ ބަސްމަގު ބޭނުންކުރެއްވުމުގައި ވެސް މަޝްހޫރު ބޭފުޅެކެވެ. އެ ސަބަބުތަކާ ހެދި އެމަނިކުފާނަކީ ހުޅަނގުގެ ގައުމުތަކުގެ ނުރުހުން ބޮޑު ލީޑަރެއް ކަމުގައި ވެފައިވެއެވެ.






ރިއެކްޓް