ޚަބަރު

ވަގު ލިޔުން ހުށަހަޅައިގެން ގޯތި ހޯދި މައްސަލައިގައި 12 މީހަކަށް ދައުވާކޮށްފި

1 މާރިޗު 2026 - 19:08
ވަގު ލިޔުން ހުށަހަޅައިގެން ގޯތި ހޯދި މައްސަލައިގައި 12 މީހަކަށް ދައުވާކޮށްފި
ހުޅުމާލެއިން ގޯތި ލިބިފައިވާކަމަށް ދެއްކުމުގެ ގޮތުން ޞައްޙަނޫން ލިޔުންތަކެއް އުފައްދައި، އެ ލިޔުންތައް ހައުސިންގ ޑިވަލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އަށް ހުށަހެޅި މައްސަލާގައި 12 މީހެއްގެ މައްޗަށް ދައުވާކުރުމަށް ކްރިމިނަލް ކޯޓަށް ހުށަހަޅައިފިއެވެ.
މި މައްސަލައަކީ "ބިންވެރިޔާ" ސްކީމުން ގޯތި ލިބިފައިނުވާ ބަޔަކު، ގޯތި ލިބިފައިވާކަމަށް ދައްކައިގެން އޮޅުވާލި މައްސަލައެކެވެ.

ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން މިއަދު ބުނީ ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތުގެ 310 ވަނަ މާއްދާގެ (ހ) ގެ ދަށުން، ޞައްޙަނޫން ލިޔުމެއް އުފެއްދުމުގެ ކުށުގެ ދަޢުވާ އުފުލާފައިވަނީ ގ. ޕޫލްބަހާރުއާގެ އަޙްމަދު ޢަތީޤް ޢަބްދުالله އާއި ނ. ވެލިދޫ ޑޭޒީމާގެ އަޙްމަދު މާޒިން ގެ މައްޗަށެވެ. މި ދެމީހުންނަކީ ބިންވެރިޔާ ސްކީމްގެ ދަށުން ހުޅުމާލެ އަދި ގުޅީފަޅުން ބިން ދޫކުރުމަށް ފޯމު ހުށަހެޅުމަށް ހުޅުވާލި ދުވަސްވަރު، އެ މަސައްކަތުގައި އުޅެމުން ބިމުގެ ހައްޤުވެރިކަން އެނގޭނޭ ސައްހަނޫން ރަޖިސްޓްރީ އާއި އެއްބަސްވުން އުފެއްދި ކަމަށް ތުހުމަތު ކުރެވޭ ދެމީހުންނެވެ.

މީގެ އިތުރުން، ޞައްޙަނޫން ލިޔުމެއް އުފެއްދުމުގައި ބައިވެރިވުމުގެ ކުށުގެ ދަޢުވާ މ. ފަޅުމަތީގެ އަރުޝަދު ޢަލީގެ މައްޗަށް ވަނީ އުފުލާފައެވެ. އޭނާގެ މައްޗަށް މި ދައުވާ ކުރަނީ އަޙްމަދު މާޒިންއާ ބައިވެރިވެގެން ސައްހަނޫން ރަޖިސްޓްރީއާއި އެއްބަސްވުންތަކެއް އުފައްދާފައިވާތީއެވެ.

ބިންވެރިޔާ ސްކީމްގެ ދަށުން ހުޅުމާލެއިން ގޯތި ލިބިފައިވާކަން ދައްކައި، ވަށާފާރު ރޭނުމުގެ ހުއްދަ ހޯދުމަށް އެޗްޑީސީއަށް ސައްހަނޫން ލިޔުންތައް ހުށަހެޅި 9 މީހެއްގެ މައްޗަށް ވެސް ވަނީ ދައުވާ އުފުލާފައެވެ. އެ މީހުންނަކީ:
1. މުޙައްމަދު ފަޟީލް ރަޝީދު، 
2. އީމާ ވަހީދު، 
3. ޢާއިޝަތު މަޢުރޫފާ، 
4. މުޙައްމަދު އާދަމް، 
5. ޢަބްދުލްމަޖީދު މާހިރު، 
6. މަރްޔަމް ސާޢީ،
7. ޙުސައިން ޒާހިރު ޒައިނު، 
8. އަޝްހަދު ޢަލީ، އަދި 
9. އަޙްމަދު ޢަލީ އެވެ.

މި މައްސަލާގައި ކޮރަޕްޝަންގެ ޢަމަލުތަކެއް ހިމެނޭތީ، އެ ބައިތައް ވަކި މައްސަލައެއްގެ ގޮތުގައި އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ގެންދަނީ ތަޙުޤީޤުކުރަމުން ކަމަށް ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން މިއަދު ބުނެފައިވެއެވެ.. އޭސީސީގެ ތަޙުޤީޤު ނިމުމުން، އެ ކަމުގައި ހިމެނޭ މީހުންގެ މައްޗަށް ދަޢުވާކުރުމާމެދު ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ގޮތެއް ނިންމާނެ ކަމަށް ވެސް އެއޮފީހުން ބުންޏެވެ.

ރިއެކްޓް

ރަނގަޅު ރަނގަޅު 0
ސަކަރާތް ސަކަރާތް 0
ލޯބި ލޯބި 0
މަޖާ މަޖާ 0