އީރާނުން ދިން ވަރުގަދަ ބަދަލުހިފުމުގެ ހަމަލާތަކެއް ގަލްފުގެ ގިނަ ގައުމުތަކަކަށް އަމާޒުވެއްޖެ
މިދިޔަ ހަފުތާ ބަންދުގައި އެމެރިކާ އާއި އިސްރާއީލު ގުޅިގެން އީރާނުގެ ސިޓީތަކަށް އަމާޒުކޮށް ހިންގި "އޮޕަރޭޝަން އެޕިކް ފިއުރީ" އަށް ސީދާ ރައްދު ދިނުމުގެ ގޮތުން، މެދުއިރުމަތީގައި ހުރި އެމެރިކާގެ މައި އަސްކަރީ މަރުކަޒުތަކަށް އީރާނުން ގިނަ އަދަދެއްގެ ބެލިސްޓިކް މިސައިލާއި ޑްރޯން ހަމަލާތަކެއް ފޮނުވާލުމާ ގުޅިގެން، މެދުއިރުމަތީގެ ހަމަނުޖެހުންތައް ބޮޑުވެެއްޖެއެވެ.
އީރާނުގެ އޮފިޝަލުން ބުނި ގޮތުގައި މި ހަމަލާތަކަކީ ހަމައެކަނި އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް އަމާޒުކޮށް ދިން ހަމަލާތަކެއް ނަމަވެސް، ސަރަހައްދީ ވައިގެ ސަރަހައްދަށް މިގޮތަށް އަރައިގަތުމުގެ ސަބަބުން އަވަށްޓެރި އަރަބި ގައުމުތައް ވަނީ މި ހަނގުރާމައިގެ ތެރެއަށް ސީދާ ގޮތެއްގައި ވަދެފައެވެ.
ޔޫއޭއީގެ އަބޫދާބީ އާއި ދުބާއީ މަތިން ދަތުރުކުރި ގިނަ މިސައިލްތަކެއް އެ ގައުމުގެ އެއާ ޑިފެންސް ސިސްޓަމްތަކުން ހުއްޓުވާފައިވާއިރު، ވެއްޓުނު ބައިތަކުގެ ސަބަބުން ޔޫއޭއީގެ އާންމު ރައްޔިތަކު ވަނީ މަރުވެފައެވެ. މީގެ އިތުރުން، ގަތަރުގައި ހުންނަ އަލް އުދައިދު އެއާ ބޭސް އާއި، ބަހްރޭންގައި ހުންނަ އެމެރިކާގެ ފިފްތު ފްލީޓް ހެޑްކުއާޓާޒް އަދި ކުވެއިތުގެ އަސްކަރީ މަރުކަޒުތަކުގެ ކައިރިން ގޮވުންތަކުގެ އަޑު އިވި، ކުއްލި ނުރައްކަލުގެ ސައިރަންތައް ވަނީ ގޮއްވާފައެވެ.
މި ހަމަނުޖެހުންތައް ސަރަހައްދީ ގައުމުތަކަށް ހަލުވިކަމާއެކު ފެތުރިގެން ދިއުމާ ގުޅިގެން، ގިނަ ގައުމުތަކެއްގެ ވައިގެ ސަރަހައްދު ބަންދުކޮށް، ޑިޕްލޮމެޓިކް ގޮތުން ހަރުކަށި އިބާރާތުން ދަނީ ކުށްވެރިކުރަމުންނެވެ.






ރިއެކްޓް