މެދުއިރުމަތީގެ ހަމަނުޖެހުންތަކާ ގުޅިގެން ދިވެހިންގެ ސަލާމަތަށް ސަމާލުވުމަށް ޚާރިޖީ ވުޒާރާއިން އިލްތިމާސްކޮށްފި
މެދުއިރުމަތީގައި މިއަދު ފެށުނު ހަމަލާތަކާ ގުޅިގެން، އެ ސަރަޙައްދުގައި ދިރިއުޅޭ އަދި ދަތުރުކުރާ އެންމެހާ ދިވެހިން ސަލާމަތާ ރައްކާތެރިކަމަށް ޚާއްޞަ ސަމާލުކަމެއް ދިނުމަށް މިނިސްޓްރީ އޮފް ފޮރިން އެފެއާޒުން އިލްތިމާސްކޮށްފިއެވެ.
ޚާރިޖީ ވުޒާރާއިން މިއަދު ނެރުނު ނޫސްބަޔާނުގައި ވާގޮތުން، ހަމަލާ އަމާޒުވަމުންދާ ގައުމުތަކުގައި މިވަގުތު ތިބި ދިވެހިން ބޭރުތެރެއަށް ނުކުމެ އުޅުން ވީހާވެސް މަދުކުރުމަށް ވަނީ އެދިފައެވެ. އަދި އެ ގައުމެއްގެ ސަރުކާރުން ސަލާމަތާ ރައްކާތެރިކަމަށް ދެއްވާ އިރުޝާދުތަކާ އެއްގޮތަށް އަމަލުކުރެއްވުމަށް ވެސް ވަނީ އިލްތިމާސްކޮށްފައެވެ.
މި ސަރަޙައްދުގައި މިވަގުތު ތިބި ދިވެހިންގެ ހާލަތު، ފޮރިން މިނިސްޓްރީންނާއި މެދުއިރުމަތީގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީތައް ގުޅިގެން ގާތުން ބަލަމުންދާ ކަމަށް އެ ވުޒާރާއިން ވަނީ ބުނެފައެވެ.
މީގެ އިތުރުން، ބޭނުންވެއްޖެ ހިނދެއްގައި ކޮންސިއުލަރ އެހީތެރިކަން ފޯރުކޮށްދިނުމަށް މަގުފަހިކުރުމުގެ ގޮތުން، އެ ސަރަޙައްދުގައި އުޅޭ އެންމެހާ ދިވެހިން ވީ އެންމެ އަވަހަކަށް އެންމެ ކައިރީގައި ހުރި ދިވެހިރާއްޖޭގެ އެމްބަސީއެއްގައި ރަޖިސްޓްރީވުމަށް ވެސް ޚާރިޖީ ވުޒާރާއިން ވަނީ އެދިފައެވެ.
ކުއްލި ހާލަތުގައި ގުޅާނެ ނަންބަރުތައް:
ދޯހާގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީ: 97451777896+
ޔޫ.އޭ.އީގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީ: 971501086689+
ސައުދީ އަރަބިއްޔާގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީ: 966506894477+
މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގެ ކޮންސިއުލާ ހޮޓްލައިން: 7983400 (ވަޓްސްއެޕް)
އީމެއިލް: [email protected]






ރިއެކްޓް