އެމެރިކާއިން އީރާނަށް ދެމުންދާ ހަމަލާތައް ސަރުކާރުން ކުށްވެރި ނުކުރާތީ ފައްޔާޒުގެ ނުރުހުން
އެމެރިކާއާއި އިޒްރޭލުން އީރާނަށް ދެމުންދާ ހަމަލާތައް ރާއްޖޭގެ ސަރުކާރުން ކުށްވެރިނުކުރާތީ ސަރުމާރުގެ ޒިންމާދާރުކަމާ މެދު އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލް ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ.
އީރާނަށް މިހާރު ދެމުންދާ ހަމަލާތަކުގެ ނުސީދާ އަސަރު އެންމެ ފުރަތަމަ ކުރާނެ އެއް ގައުމަކީ ދިވެހިރާއްޖެ ކަމަށާއި، މި ހާލަތުގައި ސަރުކާރުން ރައްޔިތުންނަށް އެއްވެސް މައުލޫމާތެއް ނުދީ ހަނު އޮތުމާ މެދު ކަންބޮޑުވުން ފާޅުކުރައްވަމުން ފައްޔާޒު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވަނީ ސަރުކާރާ މެދު ގިނަ ސުވާލުތަކެއް އުފައްދަވައިފައެވެ. އެގޮތުން އެކަށީގެންވާ ވަރަށް ކާޑާއި ތެލުގެ ސްޓޮކް ހުރިތޯއާއި، ތަކެތި އެތެރެކުރުމަށް ދިމާވެދާނެ ގޮންޖެހުންތަކަކީ ކޮބައިތޯއާއި، މެދުއިރުމައްޗަށް ދަތުރުކުރުމާ ބެހޭ ގޮތުން ސަރުކާރުން ދެކޭ ގޮތަކީ ކޮބައިތޯ ސުވާލު އުފެއްދެވިއެވެ. މި އެއްވެސް ސުވާލަކަށް ސަރުކާރުގެ ބަހެއް ނެތް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
"މި ހަމަލާތަކުގެ ސަބަބުން ކުރިމަތިވެދާނެ ގޮންޖެހުންތައް ރައްޔިތުންނަށް ބުނެދީ، ދެން އަޅަންވާ ރައްކާތެރިކަމުގެ ފިޔަވަޅުތައް ކިޔައިދިނުމުގެ ޒިންމާ އޮތީ ސަރުކާރަށް،" ފައްޔާޒު ވިދާޅުވިއެވެ.
ޚާރިޖީ ސިޔާސަތާ ގުޅޭ ގޮތުން ވެސް ފައްޔާޒު ވަނީ ފާޑުވިދާޅުވެފައެވެ. ރާއްޖެ މިހާރު ވެސް ޚާރިޖީ ދާއިރާގައި އެކަހެރިވެފައިވާ ކަމަށާއި، މިހާރު އޮތް ސިޔާސަތުގެ ސަބަބުން އިތުރަށް ބާކީވެގެންދާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އެހެން ގައުމަކުން ރާއްޖެއާ ގުޅުން ކަނޑާލި ޚަބަރު ދިވެހިންނަށް އެނގުނީ ވެސް ބައިނަލްއަޤުވާމީ މީޑިއާއިން ކަމަށާއި، އެކަމުގައި ވެސް ސަރުކާރުގެ ރަސްމީ ބަހެއް ނެތް ކަމަށް ފާހަގަކުރެއްވިއެވެ.
ފައްޔާޒު ވިދާޅުވީ މިހާ ނާޒުކު އިޤުތިޞާދެއް އޮތް ގައުމެއްގައި މިފަދަ ހާލަތެއް ކުރިމަތިވާއިރު، ސަރުކާރު މިއަށްވުރެ ޒިންމާދާރުވާން ޖެހޭ ކަމަށެވެ. ސަރުކާރުގައި ސިޔާސަތެއް، ޒިންމާދާރުކަމެއް އަދި ހޭލުންތެރިކަމެއް ވެސް ނެތް ކަމަށާއި، މިއީ ދިވެހިންނަށާއި މުޅި ދިވެހިރާއްޖެއަށް ލިބޭ ނިކަމެތިކަމެއް ކަމަށް އެމަނިކުފާނު ސިފަކުރެއްވިއެވެ.






ރިއެކްޓް