ޚަބަރު

މޮރިޝަސް އިން ރާއްޖެއާއެކު އޮތް ޚާރިޖީ ގުޅުން ކަނޑާލައިފި

27 ފެބްރުވަރީ 2026 - 22:35
މޮރިޝަސް އިން ރާއްޖެއާއެކު އޮތް ޚާރިޖީ ގުޅުން ކަނޑާލައިފި

ޗާގޯސް ޖަޒީރާގެ ރަށްތަކުގެ މިލްކުވެރިކަމާ މެދު ދިވެހިރާއްޖެއިން ދައުވާކުރަމުން ދާތީ، މޮރިޝަސްގެ ވަޒީރުންގެ މަޖިލީހުން މިއަދު ބޭއްވި ޖަލްސާގައި، ވަގުތުން ވަގުތަށް ރާއްޖެއާ އެކު އޮތް ހާރިޖީ ގުޅުންތައް ކަނޑާލަން ނިންމައިފިއެވެ.

މި ނިންމުން މޮރިޝަސްގެ ބޮޑުވަޒީރުގެ އޮފީހުން ވަނީ އެ އޮފީހުގެ ރަސްމީ ވެބްސައިޓުގައި މިއަދު އާންމުކޮށްފައެވެ. ވަޒީރުންގެ މަޖިލީހުގެ ނިންމުންތައް ހާމަކޮށް އެ އޮފީހުން ނެރުނު ބަޔާނުގައި ބުނެފައިވާ ގޮތުން، މި ނިންމުމަކީ ވަގުތުން ވަގުތަށް ތަންފީޒުވާ ނިންމުމެކެވެ.

މޮރިޝަސްގެ ވަޒީރުންގެ މަޖިލީހުން މި ނިންމުން ނިންމީ މައިގަނޑު ދެ ސަބަބެއް އެކަމުގެ ހުއްޖަތެއް ކަމުގައި ބަޔާންކޮށެވެ. ފުރަތަމަ ސަބަބެއް ކަމުގައި ބަޔާންކޮށްފައި ވަނީ، ޗާގޯސް ޖަޒީރާގެ ރަށްތައް އިނގިރޭސިވިލާތުން މޮރިޝަސްއަށް ހަވާލުކުރަން ނިންމާފައިވާ ނިންމުމާ ދިވެހިރާއްޖެއިން ދެކޮޅު ހަދައި، އެކަމާ ދެކޮޅަށް މަސައްކަތް ކުރަމުން ދިއުމެވެ. ދެވަނަ ސަބަބެއް ކަމުގައި ފާހަގަކޮށްފައި ވަނީ، އެ ރަށްތަކުގެ މިލްކުވެރިކަމާ މެދު ދިވެހިރާއްޖެއިން ދައުވާކުރަމުން ދިއުމެވެ.

ޗާގޯސް ޖަޒީރާއަކީ އިންޑިއާ ކަނޑުގައި އޮންނަ ރަށްތަކެއް ކަމުގައި ވާއިރު، އެ ރަށްތަކުގެ މިލްކުވެރިކަމާ މެދު މޮރިޝަސްއާއި ދިވެހިރާއްޖެއާ ދެމެދު ވަނީ ޒަމާންވީ ދެބަސްވުމެއް އުފެދިފައެވެ. އިނގިރޭސިވިލާތުން އެ ރަށްތައް މޮރިޝަސްއަށް ހަވާލުކުރަން ނިންމާފައިވީ ނަމަވެސް، ދިވެހި ސަރުކާރުން ވަނީ އެ ނިންމުމާ ދެކޮޅު ހަދައި، ރާއްޖޭގެ ސަރަޙައްދީ އިމާ ގުޅޭ ގޮތުން ދައުވާ ހުށަހަޅާފައެވެ.

ހާރިޖީ ގުޅުންތައް ކަނޑާލުމުން ދެ ގައުމުގެ ދެމެދުގައި އޮތް ގުޅުންތަކަށް ބޮޑެތި ބަދަލުތަކެއް އަންނާނެ ކަމަށް ބެލެވެއެވެ. މީގެ އިތުރުން، ޗާގޯސް މައްސަލައިގެ މުސްތަޤުބަލާ މެދު އިތުރު ސުވާލުތަކެއް މި ނިންމުމުގެ ސަބަބުން އުފެދިފައިވާއިރު، ސަރަޙައްދީ އިމުގެ މައްސަލައަށް ޙައްލެއް ލިބޭނެ ދުވަހެއް އަދި ސާފެއް ނުވެއެވެ.

ރިއެކްޓް

ރަނގަޅު ރަނގަޅު 0
ސަކަރާތް ސަކަރާތް 0
ލޯބި ލޯބި 0
މަޖާ މަޖާ 0