މާލޭގައި ހިނގި އެކްސިޑެންޓެއްގައި 16 އަހަރުގެ ކުއްޖަކު ނިޔާވެއްޖެ
މާލޭ ބޮޑުތަކުރުފާނު މަގު ބްރިޖް ލައިޓް ކައިރިން ބާރު ސްޕީޑްގައި ދުއްވި ސައިކަލެއް ޕޭމެންޓް މައްޗަށް އަރައި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި، ސައިކަލުގެ ފަހަތުގައި އިން 16 އަހަރުގެ ދިވެހި ފިރިހެން ކުއްޖަކު ނިޔާވެއްޖެއެވެ.
ފުލުހުން ވިދާޅުވީ މި އެކްސިޑެންޓް ހިނގައިގެން ފުލުހުންނަށް ރިޕޯޓްކޮށްފައި ވަނީ ރޭ ދަންވަރު 1:39 ގައި ކަމަށެވެ. މި ހާދިސާގައި ބާރު ސްޕީޑްގައި ދުއްވި ސައިކަލު ކޮންޓްރޯލް ނުވެ ޕޭމެންޓް މައްޗަށް އެރީ ކަމަށް ފުލުހުން މައުލޫމާތު ދެއްވައެވެ.
ފުލުހުން ވިދާޅުވި ގޮތުގައި މި އެކްސިޑެންޓް ހިނގިއިރު ސައިކަލު ދުއްވަން އިނީ 19 އަހަރުގެ ދިވެހި ފިރިހެނެކެވެ. އޭނާގެ ފަހަތުގައި އިނީ 16 އަހަރުގެ ދިވެހި ފިރިހެން ކުއްޖެކެވެ. މި ދެ މީހުންނަށް ވެސް އެކިވަރުގެ އަނިޔާތައް ލިބިފައިވެއެވެ.
އެކްސިޑެންޓުގައި އަނިޔާވި ދެ މީހުން ވެސް ވަގުތުން ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދޭން ފެށި ކަމަށް ފުލުހުން ވިދާޅުވިއެވެ. ނަމަވެސް ސައިކަލުގެ ފަހަތުގައި އިން 16 އަހަރުގެ ކުއްޖާ ފަރުވާ ދެމުން ދަނިކޮށް ނިޔާވެފައިވާ ކަމަށް ފުލުހުން ވިދާޅުވިއެވެ.
ފުލުހުން ވިދާޅުވީ އެކްސިޑެންޓުވި ސައިކަލު ދުއްވާފައި ވަނީ އެ އުޅަނދު ދުއްވުމުގެ ލައިސެންސް ނެތް މީހެއް ކަމަށެވެ.
މި މައްސަލަ ފުލުހުން މިހާރު ދަނީ ތަހުގީގު ކުރަމުންނެވެ.






ރިއެކްޓް