ޚަބަރު

އެފްއައިޔޫ އިން ސާޖިދު ވަކިކުރި މައްސަލަ ޓްރައިބިއުނަލްއަށް ހުށަހަޅައިފި

12 ފެބްރުވަރީ 2026 - 16:42
އެފްއައިޔޫ އިން ސާޖިދު ވަކިކުރި މައްސަލަ ޓްރައިބިއުނަލްއަށް ހުށަހަޅައިފި

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓް (އެފްއައިޔޫ) ގެ ކުރީގެ ހެޑް އިސްމާއިލް ސާޖިދު ޖިންސީ ފުރައްސާރައިގެ މައްސަލައެއްގައި ވަޒީފާއިން ވަކިކުރި މައްސަލަ، ވަޒީފާއާ ބެހޭ ޓްރައިބިއުނަލަށް ހުށަހަޅުއްވައިފި އެވެ. 

ސާޖިދު ވަޒީފާއިން ވަކިކޮށްފައިވަނީ މިދިޔަ މަހުގެ 29 ވަނަ ދުވަހު އެވެ. އޭނާ މަގާމުން ވަކިކުރީ އެމްއެމްއޭގެ ޖިންސީ ފުރައްސާރައިގެ މައްސަލަ ބަލާ ކޮމިޓީއަށް ހުށަހެޅުނު މައްސަލައެއް ބަލައި، އެކަން ސާބިތުވާ ކަމަށް ނިންމުމާ ގުޅިގެންނެވެ. އެ ކޮމިޓީން ވަނީ އޭނާ މަގާމުން ވަކިކުރުމަށް ލަފާދީފަ އެވެ. ޖިންސީ ފުރައްސާރައިގެ މި ތުހުމަތާ ގުޅިގެން، ވަޒީފާއިން ވަކިކުރުމުގެ ކުރިން މިދިޔަ ޑިސެމްބަރު މަހުގެ 25 އިން ފެށިގެން އޭނާ ހުރީ ސަސްޕެންޝަންގަ އެވެ.

ވަޒީފާއާއި ބެހޭ ޓްރައިބިއުނަލްއަށް ސާޖިދު މި މައްސަލަ ހުށަހަޅާފައިވަނީ މި މަހުގެ 4 ވަނަ ދުވަހު އެވެ.

މި މައްސަލައާ ގުޅިގެން ސާޖިދު ސޯޝަލް މީޑިއާގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ، އޭނާގެ މައްޗަށް ކުރަނީ ދޮގު ތުހުމަތެއް ކަމަށެވެ. އަދި އެމްއެމްއޭގެ ކޮމިޓީން އެ މައްސަލަ ބަލާފައިވަނީ ގާނޫނާ ހިލާފަށް ކަމަށް ވެސް އޭނާ ވަނީ ތުހުމަތުކޮށްފަ އެވެ. ސާޖިދު ޓްރައިބިއުނަލަށް މައްސަލަ ހުށަހެޅީ ވަޒީފާއިން ވަކިކުރި ގޮތާއި މައްސަލަ ނިންމި ގޮތާ މެދު ހިތްހަމަނުޖެހިގެންނެވެ.

އެފްއައިޔޫގެ އިސްވެރިޔާގެ މަގާމަށް ސާޖިދު އައްޔަންކުރީ މިދިޔަ އަހަރުގެ އޮގަސްޓް މަހު އެވެ. މީގެ ކުރިން އޭނާ ވަނީ ޓެކްސް އެޕީލް ޓްރައިބިއުނަލުގެ މެންބަރުކަން ވެސް ކުރައްވައިފަ އެވެ.

ރިއެކްޓް

ރަނގަޅު ރަނގަޅު 0
ސަކަރާތް ސަކަރާތް 0
ލޯބި ލޯބި 0
މަޖާ މަޖާ 0