ފަލާހު ހެދީ ދޮގު، އެމްޑީޕީގެ ފުރަތަމަ ވެރިކަމުގައި އެކަނި 42 މިސްކިތް ބިނާކުރި!
އެމްޑީޕީގެ ވެރިކަމެއްގައި ބިނާ ކުރި މިސްކިތެއް ނުހުންނާނެ ކަމަށް ބުނެ ސަރުކާރު ހިންގާ ޕީއެންސީގެ ޕީޖީ ލީޑަރު އިބްރާހިމް ފަލާހު ހެދީ ދޮގު ކަން ހާމަވެއްޖެއެވެ.
މަޖިލީހުގެ އިއްޔެގެ ޖަލްސާގައި ފަލާހު ވަނީ އެމްޑީޕީއަކީ ލާދީނީ ފިކުރުގެ ޕާޓީއެއް ކަމަށް ތަކުރާރުކޮށް ބުނެ، އެ ޕާޓީގެ ދެ ވެރިކަމުގައި ބިނާ ކުރި މިސްކިތެއް މުޅި ރާއްޖޭގައި ވެސް ނުހުންނާނެ ކަމަށް ވިދާޅުވެފައެވެ.
އެކަމާ ގުޅިގެން ފަލާހަށް ފާޑުކިޔުން އަމާޒުވެފައިވާއިރު، އެމްޑީޕީގެ ފުރަތަމަ ވެރިކަމުގައި ވެރިކަން ކުރެއްވި ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވީ 2008ގައި ވެރިކަމާ ހަވާލުވުމާ ހަމައަށް ރާއްޖޭގައި މިސްކިތް ބިނާ ކުރަމުން އައީ އަމިއްލަ ފަރާތްތަކުން ކަމަށެވެ.
އެހެންނަމަވެސް އެ މިސްކިތްތައް ބާވެ، ޖާގަ ކުޑަވުމުގެ ސަބަބުން މިސްކިތް ބިނާ ކުރުމުގެ ޕްރޮގްރާމެއް ހިންގުމަށް އެ އަހަރު ކެބިނެޓުން ނިންމި ކަމަށެއެވެ. އެ ނިންމުމާ އެއްގޮތަށް މުޅި ރާއްޖޭގައި 42 މިސްކިތެއް ބިނާ ކުރެވުނު ކަމަށް ނަޝީދު ވިދާޅުވިއެވެ.
"އިރާދަކުރައްވައިގެން އެމްޑީޕީގެ ފުރަތަމަ ސަރުކާރުގަ އަޅުގަނޑުމެންނަށް 42 މިސްކިތް ބިނާ ކުރެވުނު،" ނަޝީދު ވިދާޅުވިއެވެ.






ރިއެކްޓް