ފަލާހު އެމްޑީޕީ މެންބަރުންނަށް ލާދީނީއަށް ގޮވިޔަސް ނުހުއްޓުވޭނެ: އަބްދުއްރަހީމް
ޕީއެންސީ މެންބަރުން އެމްޑީޕީ މެންބަރުންނަށް ލާދީނީއަށް ގޮވިޔަސް އެކަން ނުހުއްޓުވޭނެ ކަމަށް މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުالله މިއަދު ވިދާޅުވެއްޖެއެވެ.
އަބްދުއްރަހީމް މިގޮތަށް ވިދާޅުވީ، ޕީއެންސީ ޕީޖީ ގްރޫޕްގެ ލީޑަރު އިބްރާހިމް ފަލާހު އެމްޑީޕީ މެންބަރުންނަށް ތަކުރާރުކޮށް ލާދީނީއަށް ގޮވުމުން އެކަން ހުއްޓުވައިދިނުމަށް އެމްޑީޕީ މެންބަރުން އެދުމުންނެވެ.
މިސްކިތްތަކަށް ގެއްލުން ދިނުން ޓެރަރިޒަމްގެ އަމަލެއްގެ ގޮތުގައި ކަނޑައެޅުމަށް އެމްޑީޕީ ގަލޮޅު އުތުރު ދާއިރާގެ މެންބަރު ކުޑޫ ހުށަހެޅުއްވި ބިލާ ގުޅިގެން ފަލާހު ވަނީ އެމްޑީޕީއަކީ ލާދީނީ ފިކުރުގެ ބައެއް ކަމަށް ތަކުރާރުކޮށް ވިދާޅުވެފައެވެ،
އެކަމާ ގުޅިގެން ކުޑޫ ވަނީ ނުރުހުން ފާޅުކުރައްވައި ކުޑޫ ވިދާޅުވީ މިއީ އަނގަ ހައްދު ޖަހަން ޖެހޭ ދީނުން ބޭރުވާ ކަހަލަ ވާހަކަ ކަމަށެވެ.
"ވަރަށް އިހުތިރާމާއެކު ދަންނަވަން އެކަން ހުއްޓުވައިދެއްވާށޭ، އަޅުގަނޑުމެން ވެސް ފެންނަ ތަންތަނުން ތި ބޭފުޅުން ވެސް ފެންނާނީ. އަޅުގަނޑުމެން ބޮލުގައި ކެނޑިނޭޅި ތި އިލްޒާމު އަޅުވާ ކަމަށްވަންޏާ އަޅުގަނޑުމެންނަށް ލިބިދާނެ ގެއްލުމަކަށް ވެސް ތި ބޭފުޅުން ޒިންމާވާން ޖެހޭނެ،" ކުޑޫ ވިދާޅުވިއެވެ.
އެކަމާ ގުޅިގެން އެހެން މެންބަރުން ވެސް ނުރުހުން ފާޅުކުރެއްވިއިރު, ރިޔާސަތުގައި އިންނެވި އަބްދުއްރަހީމް ވިދާޅުވީ އެކަން ނުހުއްޓުވޭނެ ކަމަށާއި ހުއްޓުވޭނެ ގޮތެއް ނެތް ކަމަށެވެ.
"ލާދީނީ ކިޔާ ކިޔުން ހުއްޓުވަން މި ތަނުން ގާނޫނެއް ފާސްކޮށްފިއްޔާ ދެން އެކަން ހުއްޓުވިދާނެ. ދެން މިހާރު އޮތް ގޮތުން އަޅުގަނޑަކަށް ހުއްޓުވޭނެ ގޮތެއް ނެތް," އަބްދުއްރަހީމް ވިދާޅުވިއެވެ.






ރިއެކްޓް