ޚަބަރު

ރިޔާސަތުން ގަވައިދާ ހިލާފުވިކަމުގެ ޒުވާބާއެކު، އިދިކޮޅު މެންބަރުން ތަޅުމުން ބޭރުކޮށްފި

10 ފެބްރުވަރީ 2026 - 10:33
ރިޔާސަތުން ގަވައިދާ ހިލާފުވިކަމުގެ ޒުވާބާއެކު، އިދިކޮޅު މެންބަރުން ތަޅުމުން ބޭރުކޮށްފި

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ރިޔާސަތުގައި އިންނެވި މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުالله ގަވައިދާ ހިލާފަށް އަމަލުކުރައްވާ ކަމުގެ ތުހުމަތާއެކު، ޒުވާބު ހޫނުވެ އިދިކޮޅު ބައެއް މެންބަރުން ނަން އިއްވައި ތަޅުމުން ބޭރުކޮށްފިއެވެ. 

މިއަދުގެ ޖަލްސާގައި މައްސަލަ ހޫނުވީ، ދެ އިންތިހާބު އެއްކޮށްލުމުގެ ބިލުގެ ބަހުސްގައި އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާހަށް ދެ ވަނަ ފުރުސަތެއް ދިނުމުންނެވެ. އޭރު ފުރަތަމަ ފުރުސަތު ނާރުވާ މެންބަރުން ވެސް ތަޅުމުގައި ތިބިއެވެ. 

އެ ޝަކުވާއާއެކު، އަބްދުއްރަހީމް ވިދާޅުވީ ފުރުސަތު އެރުވީ ރައްޔިތުންގެ މަޖިލީހުގެ ގަވައިދާ އެއްގޮތަށް, ޕޯޓަލްގައިވާ ތަރުތީބުން ކަމަށެވެ. 

ނަމަވެސް އިދިކޮޅުން ތަކުރާރުކޮށް ބުނަމުން ދިޔައީ އެގޮތަށް ނޫން ކަމަށާއި ރައީސް, ގަވައިދާ ހިލާފުވެފައިވާ ކަމަށެވެ. އެ މައްސަލާގެ ޒުވާބު ހޫނުވެ އެންމެ ފަހުން ތިން މެންބަރެއްގެ ނަން އިއްވައިފައެވެ. 

ނަން އިއްވައި ތަޅުމުން ނެރެފައިވަނީ އެ ކަމުގެ ޝަކުވާ އުފުލި ވައިކަރަދޫ ދާއިރާގެ މެންބަރު ޙުސައިން ޒިޔާދާއި ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް އަޙްމަދު ނަސީމާއި ކެޔޮދޫ ދާއިރާގެ މެންބަރު މުޙައްމަދު ނިއުޝާދުއެވެ.

މީގެ އިތުރުން ހުޅުމާލޭ ދެކުނު ދާއިރާގެ މެންބަރު ޑރ. އަޙްމަދު ޝަމްހީދާއި މާވަށު ދާއިރާގެ މެންބަރު އަޙްމަދު ޝާކިރު މަޖިލީހުގެ ގަވާއިދަށް ހުރުމަތްތެރިކޮށް ހިތުމަށް ވެސް ނަސޭހަތްތެރިވެފައިވެއެވެ. 

ރިއެކްޓް

ރަނގަޅު ރަނގަޅު 0
ސަކަރާތް ސަކަރާތް 0
ލޯބި ލޯބި 0
މަޖާ މަޖާ 0