މޫސުމީ ބަދަލާ ގުޅޭ ތަގްރީރެއް ދެއްވުމަށް މުއިއްޒު ޖަރުމަނަށް ފުރާވަޑައިގެންފި
މޫސުމީ ބަދަލުތަކާ ގުޅޭ ތަގްރީރެއް ދެއްވުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ޖަރުމަނަށް ފުރާވަޑައިގެންފިއެވެ.
ރައީސް އޮފީހުން މިއަދު ބުނީ މުއިއްޒު ޖަރުމަނަށް ވަޑައިގަންނަވަނީ ފަސް ދުވަހަށް ކަމަށާއި އެނބުރި ވަޑައިގަންނަވާނީ ހުކުރު ދުވަހު ކަމަށެވެ.
ބޮޑު ވަފުދަކާއެކު ކުރައްވާ މި ދަތުރުފުޅަކީ ޖަރުމަނުވިލާތުގެ ރައީސް ފްރޭންކް ވޯލްޓާ ސްޓައިންމަޔާގެ ދައުވަތަކަށް ކުރައްވާ ރަސްމީ ދަތުރުފުޅެއް ކަމަށް ރައީސް އޮފީހުން ބުންޏެވެ. އަދި, ދަތުރުގެ ތެރެއިން ޖަރުމަނުވިލާތުގެ ރައީސާއި އެ ގައުމުގެ ސަރުކާރުގެ އިސް އޮފިޝަލުންނާ ބައްދަލުކުރައްވައި މަތީ ފަންތީގެ މަޝްވަރާތައް ކުރިއަށްގެންދާނެ ކަމަށް ވެސް ބުންޏެވެ.
މީގެ އިތުރުން ރައީސް އޮފީހުން ބުނި ގޮތުގައި ދަތުރުގެ ތެރެއިން ބާލިންގައި ހުންނަ ހަމްބޮލްޓް ޔުނިވާސިޓީއަށް ވަޑައިގެން "މޫސުމީ ބަދަލަށް ހޭނުމުގައި ދިވެހިރާއްޖޭގެ ތަޖުރިބާ" ހިއްސާކުރައްވައި އެ ޔުނިވާސިޓީގައި ތަގުރީރުކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.
މި މައުލޫގައި މުއިއްޒު ތަގްރީރެއް ދެއްވާއިރު, މުއިއްޒު ފާހަގަވެފައިވަނީ ތިމާވެށީގެ ކަންކަމަށް އިސްކަން ނުދެއްވާ ވެރިއެއްގެ ގޮތުގައެވެ. ރައީސް ކަމުގެ ހުވާ ކުރެއްވުމުގެ ކުރިން ބޭރުގެ ނޫހަކަށް ދިން އިންޓަވިއުއެއްގައި މޫސުމީ ބަދަލުތަކާ ގުޅޭ ގޮތުން ކުރި ސުވާލުގެ ޖަވާބުގައި ވިދާޅުވެފައިވަނީ، ރާއްޖޭގެ މޫސުމީ ބަދަލުތަކާ ގުޅޭ ގޮތުން ބައިނަލްއަގުވާމީ އިދާރާތަކުން ފާހަގަކުރާވަރުގެ ކަންބޮޑުވުމެއް ނެތް ކަމަށް ވިދާޅުވެފައެވެ.
އެއީ މީގެ 50 އަހަރު ކުރިން ވެސް ދައްކަމުން އަންނަ ވާހަކައެއް ކަމަށާއި، މިހާތަނަށް އައިއިރު ކަނޑުގެ ލޮނުގަނޑު އެ ބުނާ މިންވަަރަށް މައްޗަށް އުފުލޭތަން ނުފެންނަ ކަމަށް މުއިއްޒު ވިދާޅުވި އެވެ. އަދި ރާއްޖެއަށް ޒިޔާރާތްކޮށް އެކަން ބަލައިފި ނަމަ، 'އެވަރުގެ ސީރިއަސް ކަމެއް ނެތްކަން އެނގޭނެ' ކަމަށް ވެސް ވިދާޅުވި އެވެ.






ރިއެކްޓް