އެމްއެންޑީއެފުން ކޮންޓްރޯލް ނެގި ދެކުނުގެ ކަނޑުގެ ސަރަހައްދުން ދެ ބޯޓު ހިފަހައްޓައިފި
އިއްޔެގ ރައީސް މުއިއްޒު އިއްވި ރިޔާސީ ބަޔާނާއި ގުޅިގެން އެމްއެންޑީއެފުން ކުންޓްރޯލް ނެގި ރާއްޖޭގެ ދެކުނުގެ ހާއްސަ އިގްތިސާދީ ސަރަހައްދުގައި އެމްއެންޑީއެފް ކޯސްޓްގާޑާއި އެއާ ކޯ ގުޅިގެން ހިންގި ހާއްސަ ސަވައިލަންސް އޮޕަރޭޝަނެއްގައި ސްރީލަންކާގެ ދެ މަސް ބޯޓު ހިފަހައްޓައިފިއެވެ.
މި އޮޕަރޭޝަންގައި އެމްއެންޑީއެފް ކޯސްޓްގާޑް ޝިޕް "ދަރުމަވަންތަ" އާއި އެމްއެންޑީއެފް އެއާ ކޯގެ ޑްރޯންތައް ބޭނުންކޮށްފައިވެއެވެ.
ޑިފެންސް މިނިސްޓްރީން ސޯޝަލް މީޑިއާގައި އާންމުކޮށްފައިވާ ފޮޓޯތަކުން ފެންނަ ގޮތުގައި، ލަންކާގެ މި ދެ މަސް ބޯޓު ހުއްޓުވާފައިވަނީ އައްޑޫ ސިޓީ ގަމާ 104 ނޮޓިކަލް މޭލު ބޭރުންނެވެ. ފޮޓޯތަކުން ފެންނަނީ އެ ސަރަހައްދުގައި ކޯސްޓްގާޑުގެ ދަރުމަވަންތަ މަނަވަރު ހަރަކާތްތެރިވަމުންދާ މަންޒަރެވެ.
މި ހާދިސާއާ ގުޅޭ އިތުރު ތަފްސީލެއް އެމްއެންޑީއެފުން އަދި ހާމަކޮށްފައެއް ނުވެއެވެ. އަދި އެ ދެ ބޯޓު ހުއްޓުވި ނަމަވެސް، އެ އުޅަނދުތަކާ މެދު އަޅާފައިވާ ފިޔަވަޅުތަކުގެ ތަފްސީލެއް ވެސް މިހާތަނަށް ރަސްމީ އިދާރާތަކުން ހާމަކޮށްފައެއް ނުވެއެވެ.
މި އޮޕަރޭޝަނާ ގުޅިގެން ދިފާއީ ވުޒާރާއިން ނެރުނު ބަޔާނެއްގައި ވިދާޅުވީ، 1976 ވަނަ އަހަރުގެ އެއްބަސްވުމެއްގެ ދަށުން އުތުރުގެ ވަކި ސަރަހައްދެއް ފިޔަވައި، ރާއްޖޭގެ ވަށައިގެންވާ ކަނޑުގެ ސަރަހައްދުތަކުން 200 ނޮޓިކަލް މޭލުގެ ފުޅާ ސަރަހައްދެއް ރާއްޖެއަށް ލިބިގެންވާ ކަމަށް ސަރުކާރުން ގަބޫލުކުރާ ކަމަށެވެ. އަދި އެހެން އެއްވެސް ގައުމަކާއެކު ރާއްޖޭގެ ކަނޑުގެ ސަރަހައްދުން އެއްވެސް މިންވަރެއް ގެއްލިގެންދާނެ ފަދަ އެއްބަސްވުމެއް އެކުލަވާލާފައި ނުވާނެ ކަމަށްވެސް އެ ވުޒާރާއިން ވިދާޅުވިއެވެ.
Loading tweet content... View original tweet
ދިފާއީ ވުޒާރާއިން އިތުރަށް ބަޔާންކޮށްފައިވަނީ، ރާއްޖޭގެ ސަރަހައްދާއި ހާއްސަ އިގްތިސާދީ ސަރަހައްދާއި ރައްޔިތުން ހިމާޔަތްކޮށް ރައްކާތެރިކުރުމަކީ ސިފައިންގެ މައިގަނޑު މަގްސަދު ކަމަށެވެ. މީގެ އިތުރުން ރާއްޖޭގެ މިނިވަންކަމާއި ސިއާދަތު ދިފާއުކޮށް، ގައުމީ މަސްލަހަތު ހިމާޔަތްކުރުމަކީ ސިފައިންގެ ގާނޫނީ މަސްއޫލިއްޔަތެއްކަން އެ ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.






ރިއެކްޓް